Tuesday, September 27, 2011

ެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް

ރާވައި ހިންގާނެގޮތްް
ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތައް ރާވައި ހިންގަންވާނީ، ސްކޫލްތަކުންދޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ނުވަތަ ސްކޫލް ކުދިންގެ ނަފުސާނީ ނުވަތަ ޞިއްޙީ ދުޅަހެޔޮކަން ކުރިއެރުވުމަށް އަމާޒުކޮށްގެންނެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެސިލިޓޭޓްކޮށްދޭންވާނީ އެފަންނަކަށް ޢިލްމީގޮތުން އެކަށޭނަ، ތަޖުރިބާހުރި ފަރާތްތަކުންނެވެ. އަދި މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ދޭ ޙަރަކާތެއް ފެސިލިޓޭޓް ކުރަންވާނީ އެ ހިންގާ ޕްރޮގްރާމްގައި ދެވޭ ސެޓްފިކެޓަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވާ ފަރާތަކުންނެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތުގައި ބައިވެރިވިކަން އެނގޭނެ ރަސްމީ ލިޔުމެއް، ތަމްރީން ވިލަރެސްކުރި ފަރާތަކުން ބައިވެރިންނަށް ދޭންވާނެއެވެ. އަދި މިގޮތަށް ތަމްރީން ދިންކަމަށް ދެވޭ ލިޔުމުގައި، އެ ތަމްރީންގައި ހޭދަކުރި ވަގުތު، ގަޑީގެ ޢަދަދުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމުގެގޮތުން ސްކޫލްތަކަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެތެރެއިން ސްކޫލްތަކުން އިސްނަގައިގެން ހިންގާ ޕްރޮގްރާމްތައް ވިލަރެސްކުރާނީ ސްކޫލްތަކުންނެވެ. މިމަސައްކަތް ހިނގާދިޔަގޮތް، ސްކޫލުން އަތޮޅުގައި ހުންނަ ޓީޗަރ ރިސޯސް ސެންޓަރ (ޓީ. އާރ. ސީ.) އަށް އަންގަންވާނެއެވެ. އެއް ޓީ. އާރ. ސީ. އަށްވުރެ ގިނަ ޓީ. އާރ. ސީ. ހުންނަ ރަށްރަށުގައި ނުވަތަ އަތޮޅުތަކުގައި މިކަން އަންގާނެ ޓީ. އާރ. ސީ. އެއް ކަނޑައަޅާނީ ޕްރޮވިންސްތަކުގެ ތަޢުލީމާބެހޭ ޔުނިޓުންނެވެ.

ޓީ. އާރ. ސީ. ތަކުން އިސްނަގައިގެން ހިންގާ ޕްރޮގްރާމްތައް ވިލަރެސްކުރާނީ އެތަނެއްގައި ހުންނަ ޓީޗަރ އެޑިޔުކޭޓަރެވެ. އެއް ޓީޗަރ އެޑިޔުކޭޓަރަށްވުރެ ގިނަ ޓީޗަރ އެޑިޔުކޭޓަރުން ތިބޭ އަތޮޅުތަކުގައި މިކަން ކުރާނެ ފަރާތެއް ކަނޑައަޅާނީ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނާއި ޕްރޮވިންސްތަކުގެ ތަޢުލީމާބެހޭ ޔުނިޓާ ގުޅިގެންނެވެ. ޓީ. އާރ. ސީ. ތަކުން ކުރަމުންގެންދާ މަސައްކަތް ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނާއި ޕްރޮވިންސްތަކުގެ ތަޢުލީމާބެހޭ ޔުނިޓަށް ޓީ. އާރ. ސީ. ތަކުން އަންގަންވާނެއެވެ.

ސްކޫލްގައި މަސައްކަތް ކުރައްވާ ކޮންމެ ފަންނީ މުވައްޒަފަކު ކޮންމެ ދިރާސީ އަހަރަކު މަދުވެގެން 15 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތުގައި ބައިވެރިވާންވާނެއެވެ.

ސްކޫލް-ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަގު ފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކަޑެމިކް ކަލަންޑަރގައި އެކަމަށްޓަކައި 3 ދުވަސް ޚާއްޞަކޮށްފައި އޮންނާނެއެވެ. މި 3 ދުވަސް ސްކޫލްގެ އަހަރީ ޕްލޭންގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކަނޑައަޅާފައި އޮންނަންވާނެއެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ސްކޫލުން މުދައްރިސުން ދޫކުރާ ދުވަސްތައް، އެމުވައްޒަފުން މަސައްކަތަށް ޙާޟިރުވި ދުވަސްތަކެއްގެ ގޮތުގައި ހިމެނޭނެއެވެ.

ޓީޗަރުން ރަޖިސްޓަރީ ކުރުމާއި ކިޔަވައިދިނުމަށް ދޫކުރެވޭ ލައިސަންސް އާކުރުމާއި މުދައްރިސުންނަށް މުސާރައިގެ ކުރިއެރުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި އެމުދައްރިސަކު ބައިވެރިވެފައިވާ މިންވަރު ގުނޭނެއެވެ.No comments:

Post a Comment