Monday, September 26, 2011

ފުރިހަމަ ނަމުނާއެއް ދައްކާށެވެ.

އެއްވެސް މީހަކީ "އެންމެ ފުރިހަމަ" މީހެއް ނޫނެވެ. ގުދުރަތީ ގޮތުން ތިމާއަށް ލިބިފައިވާ ސިފަތަކުގައެވެ. ތިމާ ކުރާ ކަންތައްކުގައްޔާއި ތިމާ ދައްކުވައިދޭ ހުނަރުތަކުގަ އެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކޮންމެ މީހަކީވެސް ފުރިހަމަކަން ހޯދުމަށް މަސައްކަތް ކުރެވޭނެ މީހެއް ކަމެވެ. އަދި ކޮންމެ މީހަކީވެސް އެހެން މީހުންގެ ލޯތްބާއި އެހީތެރިކަން ލިބުމަށް އެދޭނެ މީހެއްކަމެވެ. ވިސްނަންވީ ކަމަކީ، ތިމާ އެދޭ ފަދަ ލޯތްބާއި އެހީތެރިކަން ތިމާއަށް ލިބޭނީ އެހެން މީހުން ބޭނުންވާ އެހީތެރިކަމާއި ލޯބި ތިމާގެ ފުށުންވެސް ލިބިގެންކަމެވެ. އެހެންކަމުން ތިމާއަކީ ހުރިހައި ގޮތަކުންވެސް ފުރިހަމަ ނަމޫނާއަކަށް ވާންޖެހެ އެވެ.

ނަމޫނާ ދައްކަން ނުޖެހޭ ދާއިރާއެއް، މީހެއް އަދި ފަންތިއެއް ނެތެވެ. ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރިޔަސް އަދި ކޮންމެ ފަންތިއެއްގައި މަސައްކަތްކުރިޔަސް ރިވެތި ނަމޫނާ ދައްކަންޖެހެ އެވެ. ނޫންނަމަ ކަންތައްތައް ދާނީ ތިމާ އާއި އެހެން މީހުން ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. މަސައްކަތްކުރާ މާހައުލަށް ނަޒަރު ހިންގާލާއިރު އެތަނެއްގައި މަސައްކަތްކުރާ އިސްވެރިން، ޚާއްޞަކޮށް އިސް ވެރިއަކު އެހެން މީހުންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަކީ އެތަނެއް އެންމެ އެދެވޭ ގޮތެއްގައި ހިންގުމަށް ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމަކީ އެންމެ ޚާއްޞަ އެންމެ މުހިއްމު އެއް ގުޅުމެވެ. ވެރިންގެ މެދުގައި އެދެވޭ ގުޅުމެއް ނެތްނަމަ އެތަނެއް ބޮއްސުންލުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން އެތަނެއްގައި ތިބޭ ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތުން ވަރަށް މުހިއްމެވެ. އެހެނީ މިގުޅުންތައް ރަނގަޅު ނުވެ ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލުކުރުމަކީ ނުވާނެކަމެކެވެ.

ތަނެއް ކުރިއަރައިދާނީ އެތަނެއްގައި ހަމަހަމަކަން އޮވެގެންނެވެ. އެންމެންގެ މެދުގައި އެއް އުޞޫލަކުން ޢަމަލުކުރެވިގެންނެވެ. މަޤާމުގެ ގޮތުން މަތިވުމުން ނުވަތަ ދަށްވުމުން ވަކި ގޮތްތަކެއް ހެދޭނަމަ އެދެއްކެނީ ރަނގަޅު ނަމުނާއެއް ނޫނެވެ. އެކަމުގެ ސަބަބުން ތަނުގައި އޮންނަންޖެހޭ އެކުވެރިކަން ޚަތިމުކުރެވޭކަށް މާގިނަ ދުވަހެއް ނުނަގާނެ އެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް މިނުރަނގަޅު އާދަ ހަރުލާފައި އޮތުމެވެ. ތިމާއާ ގާތް މީހުންނަށް ބައެއް ކަހަލަ ކަންކަމުގައި އިސްކަން ދެވޭތީ އެވެ. ރުހުމުގެ ލޮލަށް އައިބު ނުފެންނާތީ އެވެ. އެހެނަސް ނުރެހެވޭ މީހެއްނަމަ ނުވަތަ 'ޗެނަލް ދިމާނުވާނަމަ" އެމީހެއްގެ ފަރާތުން ކިތައްމެ ކުޑަކަމެއް ކުރެވުނަސް އެއީ މާބޮޑު ކަމަކަށް ހެދޭތީ އެވެ. ނަތީޖާއަކީ ތަނުގައި ފިތުނައިގެ އަލިފާން ރޯވުމެވެ. އަދި އެއަލިފާންގަނޑު ބޮޑުވަމުން ބޮޑުވަމުންގޮސް ނިއްވައި ނުލެވޭވަރަށް ބޮޑުވުމެވެ.

ތިމާއަކީ، ހަވާލުވެވޭ މަސައްކަތަށް ޤާބިލު މީހެއް ނޫންނަމަ މީހުންގެ މަލާމާތާއި ފުރައްސާރަ ނުލިބި ދިއުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ވާގޮތަކީ ކޮންމެވެސް ގޮތަކުން ތިމާއަށް ވެރިކަމެއް ހަވާލުވެވުމުން ތިމާގެ ޤާބިލުކަމުގެ މަތިން ހަނދާންނެތުމެވެ. އެފަދަ ވަގުތުތަކުގައި ތިމާގެ ޤަބިލުކަމާމެދު މީހަކު ސުވާލެއް ކޮށްލިޔަސް އެކަމާ ވާހަކަ ދައްކަންވެސް ބޭނުން ނުވުމެވެ. އެފަދަ ވަގުތެއްގައި ތިމާއަށް، ތިމާގެ ފެންވަރު އޮޅެ އެވެ. ނުވަތަ ޙަޤީޤީ ފެންވަރު ޤަބޫލުކުރަން ފަސްޖެހެވެ އެވެ. ނަތީޖާއަކީ ގުޅުންތައް ގޯސްވެ، ތިމާ ދިފާޢުވުމަށް މަސައްކަތް ކުރެވުމެވެ. ތިމާއަށް ތިމާގެ ޙަޤިޤީ ފެންވަރު އޮޅި އެހެން މީހުންގެ ފެންވަރާމެދު ސުވާލުކުރެވުމެވެ.

ކޮންމެ މީހަކުވެސް ބޭނުންވާނީ ކުރިއަރައި ދިއުމަށެވެ. ހަރުފަތަކަށްފަހު ހަރުފަތެއް، ކާމިޔާބީއަކަށްފަހު ކާމިޔާބީއެއް ލިބުމަށެވެ. ނަމަވެސް މިކަން އެދެވޭގޮތެއްގައި ޙާޞިލު ކުރެވޭނީ ތިމާއަކީ ކަމަށް ޤާބިލު، ހުރިހައި ގޮތަކުންވެސް ނަމޫނާއަކަށް ވެގެންނެވެ. ތިމާ އާއި ތިމާ މަސައްކަތްކުރާތަނުގައި އުޅޭ އެހެން މުވައްޒަފުންގެ މެދުގައި ރަނގަޅު ގުޅުންތަކެއް އޮވެގެންނެވެ. އަދި އެގުޅުންތައް އެގޮތުގައި ދެމެހެއްޓިގެންނެވެ. ނޫންނަމަ ތިމާއަކީ ބާކީވެފައިވާ މީހަކަށް ވެދާނެއެވެ. މުޖުތަމަޢު ޤަބޫލު ނުކުރާ މީހަކަށް ވެދާނެއެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން ހުރިހައި ގޮތަކުންވެސް ނަމޫނާއަކަށް ވާށެވެ.

މުޙައްމަދު ނާޝިދު/އެސްކިޑް


No comments:

Post a Comment