Sunday, March 25, 2012

ސައްތައިން ސައްތަ މުސްލިމުންނޭތޯއެވެ؟

ދިވެހި ކާބަފައިންގެ ހިއްވަރާއި މިންނަތުން ދިވެހި ބިމުގައި އިސްލާމީ ވަންތަކަން އާލާކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވާފައިވާ މިންނެއް މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އެބޭފުޅުންވަނީ އިސްލާމް ދީނަށްޓަކައި އަމިއްލަ ވަންތަކަމަށްޓަކައި އެތަކެއް ޤުރުބާނީ އެއް ވެވަޑައިގަންނަވާފައެވެ. ބޭރުގެ ގަދަފަދަ އަދުއްވުންނާ ހަނގުރާމަކުރައްވައިގެން އެމީހުން ބަލިކުރައްވާފައެވެ. އެބޭފުޅުން ކޮށްދެއްވި ބުރަމަސައްކަތްތަކުގެ ސަބަބުން ދިވެހި ބިމުގައި އިސްލާމީ ނޫރު ފެތުރުނެވެ. އެކަމުގެ ފައިދާ އަޅުގަނޑުމެންނަށް ލިބުނެވެ. އެހެނަސް ހިތާމަޔާއެކު ދަންނަވަންޖެހެނީ މިފަހަކަށް އައިސް ބައެއް ފަރާތްތަކަށް، ދީނީ ކަންކަމަށް ދޭންވާ ސމާލުކަން ނުދެވޭކަމެވެ. ގިނަ ބެލެނިވެރިންނާއި މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ދަސްކޮށްދޭންޖެހޭ ދީނީ ވާޖިބު އެންމެ އެދެވޭ ގޮތުގައި ދަސްކޮށްނުދެވޭކަމެވެ. އަދި އެފަދަ ކަންކަމަށް ދޭންވާ ސަމާލުކަން އެދެވޭ ގޮތުގައި ނުދެވޭކަމެވެ.

ޤަބޫލުކުރަމެވެ. ދީނީ ޢިލްމު ވެރިންނާއި އިސްލާމު ކިޔަވައިދޭ މުދައްރިސުން ދީނީ ކަންކަން އޮތްގޮތް ހާމަކޮށްދެއްވުމަށް މަސައްކަތްތަކެއް ދަނީ ކޮށްދެއްވަމުންނެވެ. މައިން ބަފައިންނާއި ބެލެނިވެރިންގެ ތެރެއިންވެސް ބައެއް ފަރާތްތަކުން، އެފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި ދަރިވަރުންނަށް ދީނީ ކަންކަން އޮޅުންފިލުވައިދޭން މަސައްކަތް ކުރެއެވެ. އެހެނަސް ބޮޑެތިވަމުން އަންނަ ދަރިންގެ ފުށުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އެފަދަ ފަރާތްތަކަކީ ހަމަ މި އިސްލާމީ ދިވެހި މުޖުތަމައަށް އުފަން ދިވެހި ދަރިންބާވައޭ ހިތަށްއަރާ ފަހަރުތައް ދިމާވަނީ މަދެއްކޮށް ނޫނެވެ. އެހެންކަމުން، އުފެދޭ ސުވާލަކީ ސުކޫލު މަދުރަސާ ތަކުގައި ދީނީ ތަޢުލީމު ކިޔަވައިދެމުންދާއިރުވެސް ސުކޫލުތަކުން ނިމިގެން މުޖުތަމަޢަށް ނުކުންނަ ދަރިވަރުންގެ ކިބައިގައި ދީނީ ކަންކަން އަށަގަންނަމުން ނުދަނީ ކީއްވެބާވައެވެ؟

ނަމާދު ވަގުތުވީކަން އަންގައިދިނުމުގެ ގޮތުން ކޮންމެ ނަމާދެއްގެ ވަގުތުވުމުން ނަމާދަށް އަވަހަށް އައުމަށް ގޮވާލާ ގޮވާލުން އިހުނަށްވުރެ ބާރުކަމުގައި ދަންނަވަންޖެހެއެވެ. ކާމިޔާބާއި ފަލާޙު ލިބިގަތުމަށް އަވަސްވާށޭ ގޮވާއަޑު މިސްކިތްތަކާ އެތަކެއް ސަކޭތަ ފޫޓު ދުރަށް އިވެމުންދެއެވެ. އެހެނަސް އެއަޑަށް އެދެވޭ ގޮތުގައި ޢިޖާބަ ދެވޭބާވައެވެ؟ ބައެއް ފަރާތްތަކަށް ބަންގީގެ ކަލިމަތައް އިވެނީ ކުޅިވަރުގައި މަސްޣޫލުވެ އުޅެނިކޮށްނެވެ. އަނެއް ބަޔަކަށް އިވެނީ ކުޅިވަރަށް ދާން ތައްޔާރުވަމުންދާ ވަގުތުތަކުގައެވެ. އަނެއް ބަޔަކަށް އެއަޑު އިވެނީ ހުނުމާއި ސަކައިގައި އުޅެނިކޮށްނެވެ. އަދި އަނެއް ބަޔަކަށް އެއަޑު އިވެނީ އަރާމުކޮށްލުމަށްޓަކައި ނުވަތަ ހިތަށާއި ހަށިގަނޑަށް ފިނިކަމެއް ހޯދުމަށްޓަކައި އަވަދިނެތި އުޅެނިކޮށްނެވެ. ނުވަތަ ރައްޓެހިންނާއެކު އަނގަމަޖަލުގައި ތިއްބައެވެ. ނަމަވެސް ކުރިން މިދެންނެވުނު ފަރާތްތަކާ ޚިލާފަށް މަދު ބަޔަކަށް ނަމަވެސް އެއަޑު އިވެނީ އެއަޑެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަގުނާ ތިއްބައެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ގިނަ ފަރާތްތަކަށް ބަންގީގެ އަޑުއިވުމުން، ކުޅިވަރުގެ މައިދާންތަކާ ދިމާއަށް އެޅޭ ފިޔަވަޅުތައް ދަނީ އަވަސްވެފައި ހަލުވި ވަމުންނެވެ. ކުޅެމުންދާ ކުޅުމަށް އިތުރު ފޯރިއަކާއި ޖޯޝެއް ލިބޭ ކަހަލައެވެ. ލަވާ ހަޅޭކުގެ އަޑު ގަދަވެގެން ދެއެވެ. އެހެނަސް މިފަދަ މަންޒަރުތަކާއި އަޑުތަކަކީ މިދިވެހި ފަސްގަނޑުން ފެންނަމުން އަދި އިވެމުންދާ ހިތާމަވެރި މަންޒަރުތަކަކާއި އަޑުތަކަކަށް ނޫނީ ނުވާނެއެވެ. ނަމަވެސް މިފަދަ ކަންކަމާ ކަން ބޮޑުވެ އަޅާލާ މީހުން އަތުގެ އިނގިލިތަކުން ގުނާލެވޭހާވެސް މަދުވެއްޖެއެވެ. އެހެނަސް އިސްލާމީ، މި ދިވެހި ފަސްގަނޑަށް އުފަން ދަރިންކަމުގައި އެބައިމީހުންވެސް ބުނެ ވަކާލާތުކުރާނެ ތޯއްޗެކެވެ!

ހުކުރު ވިލޭރޭ "އޯވަރ ނައިޓަށް" ދިއުމާއި މަސްދަތުރު ދިއުމާއި ހުކުރު ދުވަސް ދުވަހު ދަތުރު ދިއުމަކީ ދިވެހިންގެ ތެރޭގައި ޚާއްޞަކޮށް ދިވެހި ޒުވާނުންގެ ތެރޭގައި "ވައިގައި ހިފަމުން" އަންނަ އާދައެކެވެ. މިދަންނަވަނީ މިކަންކަމަކީ އޭގެ ޒާތުގައި ކުރުން ރަނގަޅު ނޫން ކަންކަމެކޭ ނޫނެވެ. ނަމަވެސް މިކަންކަން މިހާރު ކުރެވެމުންދާ ގަޑިއާއި ގޮތް ރަނގަޅު ނޫން ވާހަކައެވެ. ދެޖިންސުގެ ދިވެހި ޒުވާނުންގެތެރެއިން ގިނަ އަދަދެއްގެ ޒުވާނުންނާއި ބައެއް އާއިލާތައް އޯވަރނައިޓަށާއި މަސްދަތުރު ގޮސް އެއުޅޭ މަސްހުނި ގޮތްތަކުގެ ސަބަބުން އިސްލާމް ވަންތަކަން ގެއްލި ﷲ ފަރުޟު ކުރައްވާފައިވާ ނަމާދު އެޅުން ފަދަ ނޭދެވޭ ކަންކަންކަން ކުރެވުމަށްމަގުފަހިވެއެވެ. ހަމައެފަދައިން ދަތުރުގޮސް އުޅޭ އުޅުމުގައިވެސް ނަމާދަށް ފަރުވާތެރިވަނީ ވަރަށް މަދު މީހަކުކަން ތެދު ޤަބޫލުކުރާ ކޮންމެ ފަރާތަކުންވެސް އެއްބަސްވާނެއެވެ. އެހެންކަމުން އިސްލާމު ދީނާ ބީރައްޓެހި މިފަދަ ކަންކަމަށް ތަރުހީބު ދިނުމަކީ ކުރަން ހެޔޮވާނެ ކަންކަންތޯއެވެ؟

އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންނަކީ ހުޅަނގުގެ ފެޝަންތަކަށް ލޯބިކުރާ ބައެކެވެ. ހެދުން އެޅުމާއި ބޯހެދުމުގައި އަދި ނިޔަފައްޗާއި މޫނު ރީތިކުރުމަށް ކުރާ އެކިއެކި ކަންކަމުގައި ހުޅަނގުގެ އަހުލުވެރިންނަށްވުރެ އަޅުގަނޑުމެންގެ ދިވެހިންގެތެރެއިން ބައެއް ފަރާތްތައް މާ ކުރިއަރާފައިވާކަމަށް ދަންނަވަންޖެހެއެވެ. މިގޮތުން ދެޖިންސުގެ މީހުންގެ މެދުގައި މިފަހަކަށް އައިސް މަޝްހޫރުވެފައިވާ ސޯޓުބުރި ތަކަކީ މުސްލިމުން ލައިއުޅުމަށް ދީން ހުއްދަކުރާ އެއްޗެއްތޯ ބަލައިލުމަކީ އެފަދަ ސޯޓު ލައިއުޅޭ މީހުންގެ އިތުރުން މައިންބަފައިންނާއި ބަލަދުވެރިންގެ ވާޖިބަކަށް ނުވާނެތޯއެވެ. އެފަދަ ސޯޓުތަކުން ތިމާގެ އައުރަ ނިވާ ނުވާހާލު، އެފަދަ ސޯޓުތަކުގައި މުޅިދުވާލާއި ރޭގަނޑު ހޭދަކުރަމުންދާއިރު ނަމާދު ވަގުތުޖެހުމުން ނަމާދަށް އެރޭނެތޯއެވެ؟ ވީއިރު މިކަންކަމަކީ މުސްލިމު ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަދި ބެލެނިވެރިއަކާއި ކޮންމެ ދަރިއަކުވެސް ވިސްނާ ފިކުރުކޮށް މިހިނދުން މިހިނދަށް އިސްލާޙުކުރަންވެފައިވާ މުހިއްމު ކަންކަމެވެ.

ޒަމާން ބަދަލުވާ ވަރަކަށް ޚިޔާލާއި ފިކުރު ބަދަލުވާންޖެހޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް، ދީނީ ގޮތުން ކުރަން އަންގަވާފައިވާ ކަންކަމަށާއި ނުކުރުމަށް އަންގަވާފައިވާ ކަންކަމަށް ބަދަލެއް ނުގެނެވޭނެއެވެ. ވީއިރު ތިމަ ތިމާމެންނަށް މިހާރު އުޅެވެމުންދާ، އިސްލާމު ދީނާ ބީރައްޓެހި އުޞޫލުތައް ބަދަލުކޮށް ދެދުނިޔޭގެ ހެވާއި ލާބަ ހޯދުމަށްޓަކައި އަތުކުރި އޮޅާލަމާތޯއެވެ. އެއިރުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަން ކަށަވަރެވެ.

މުޙައްމަދު ނާޝިދު (އެސްކިޑު)

3 comments: