Tuesday, July 28, 2009

Social Values

ތަޢާރަފު

މުޖުތަމަޢަކީ އެއް ތަނެއްގައި ދިރިއުޅޭ އެއް އުޞޫލަކަށް ތަބާވާ އެއް އާދަކާދަތަކެއް ގެންގުޅޭ މީހުންނެވެ. މި ފަދަ ބައެއްގެ ތެރޭގައި އެންމެންނަށް ނިސްބަތްވާ ގޮތަށް ހިނގާ ކޮންމެ ކަމަކީ އިޖުތިމާޢީ ކަމެވެ. އެހެންވީމައި އިޖުތިމާޢީ އަދަބުތަކަކީ މި އެންމެންގެ ތެރޭގައި ގެންގުޅެންޖެހޭ ރީތި ސިފަތަކެވެ. އަޚުލާޤެވެ. ސުލޫކެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމާ އެކު ކިޔަމަންތެރިވާ ކިޔަމަންތެރިވުމެވެ. މި މާތް އުޞޫލު (އިޖުތިމާޢީ އަދަބުތައް) އެނގި، އެ އުޞޫލުތަކަށް ތަބަޢަވެގެން ނޫނީ މުޖުތަމަޢުގައި ހަމަޖެހުމާއި އަމާންކަމާއި އުފާވެރިކަން ޤާއިމެއް ނުކުރެވޭނެ އެވެ.

މި ކުޑަކުޑަ ފޮތަކީ އިޖުތިމާޢީ އަދަބުތަކުގެ އަސާސީ މަޢުލޫމާތުތައް ދަރިވަރުންނަށް އަނގައިދިނުމަށް އެހީއެއްގެ ގޮތުން ތައްޔާރުކުރެވުނު ފޮތެކެވެ. މުދައްރިސުންނާއި މައިންބަފައިންގެ އެހީގައި މި މަޢުލޫމާތުތައް، ދަރިވަރުންނަށް، އެ ކުދީންގެ ޅަފަތުގައި ފޯރުކޮށްދެއްވިއްޖެނަމަ، އެ ކުދީންގެ ތަރުބިއްޔަތު ބައްޓަންވާނީ މި އުޞޫލުގެ މަތީގައިކަން ކަށަވަރެވެ.

މި ފޮތުގައިވާ މަޢުލޫމާތުތަކަކީ އިސްލާމީ ތަރުބިއްޔަތުގެ ގަޑީގައި އިސްލާމީ އަދަބުތަކުގެ ބައިގައި ހިމަނުއްވައިގެން ބޭނުންކުރެއްވިދާނެ އެއްޗެކެވެ. އަދި "ދިވެހިބަސް" މި މާއްދާގައި ދޭހައިގެ ގޮތުގައި ވެސް މި ފޮތުގައިވާ ލިޔުންތައް ބޭނުންކުރެއްވިދާނެ އެވެ. ހަމަ މިފަދައިން ދަރިވަރުންނަށް ތާނަ ފަރިތަކޮށްދިނުމުގައި މި ފޮތުގެ އެހީ ހޯއްދެވިދާނެ އެވެ. އަދި ތުއްތު ކުދީންގެ އަތުލިޔުން ރީތިކުރެއްވުމަށް މި ފޮތުން ބަލައިގެން ޕެރެގުރާފުތައް ލިޔުމަށް ދަރިވަރުންނަށް ޙަވާލުކުރެއްވިދާނެ އެވެ.

ކޮންމެ ގޮތަކުން ނަމަވެސް މި އުޞޫލުތަކާ ދަރިވަރުން ރައްޓެހިކޮށްދީ، މީގެ މައްޗަށް ދަރިވަރުން ހޭނުއްވުމަކީ ބެލެނިވެރީންނާއި މުދައްރިސުންގެ ކިބައިން އަޅުގަނޑުމެން އެދޭ އެންމެ ބޮޑު އެދުމެވެ. މި ކަމުގައި މުޅި މުޖްތަމަޢުގެ އެއްބާރުލުން ލިބިއްޖެ ނަމަ ދިވެހި މުޖުތަމަޢަކީ، ޚާއްޞަކޮށް ކުރިމަގުގެ ޖީލުތަކަކީ އަދަބުވެރި، ޚުލްޤު ހެޔޮ، ސުލޫކީ ޖީލުތަކަށް ވާނެކަން ކަށަވަރެވެ.

މަގުމަތީގެ އަދަބުތައް

މަގަކީ، އެންމެން ބޭނުންކުރަން އޮންނަ ތަނެކެވެ. ހަމަ އެހެންމެ މަގަކީ، ވަކި ޚާއްޞަ ބޭނުންތަކެއް ކުރަން އޮންނަ ތަނެކެވެ. އެހެންކަމުން މަގުގެ ބޭނުން ހިފަންވާނީ، ތިމާ ފިޔަވައި އެހެން މީހުންނަށް ދަތިނުވާ ގޮތަކަށެވެ. މަގުމަތީގައި ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެކަން އަހަރެމެން އެންމެން ދަންނަމު އެވެ. ވީމައި އެފަދަ ކަންކަމުން އަހަރެމެން އެންމެން ދުރުހެލިވެ ރައްކައުތެރިވާންވާނެ އެވެ.

މަގަކީ، ހިނގައި ބިނގައި އުޅުމާއި އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ. މީގެ އިތުރުން އެހެން ބާވަތެއްގެ ކަމެއް މަގުމަތީގައި ބަޔަކުމީހުން ކުރަން ފަށައިފީވިއްޔާ މަގު ހިނގާ މީހުންނާއި މަގުމަތީގައި އެއްތަނުން އަނެއްތަނަށް ތަކެތި އުފުލާ މީހުންނަށް ދަތިވާނެ އެވެ. އެހެންކަމުން މަގުމަތީގައި އެކިބާވަތުގެ ކުޅިވަރު ކުޅުމާއި ހިނގާ މީހުންނާ ދުއްވާތަކެއްޗަށް ދަތިވާނެހެން މަގުމަތީގައި ތިބުމަކީ ރަނގަޅު ކަންތައްތަކެއް ނޫނެވެ.

މަގުމަތީގައި އެއްޗެހި ދުއްވާ މީހުންނަށާއި މަގުހިނގާ މީހުންނަށް ވެސް ވަކި ޤަވާޢިދުތަކަކާއި އުޞޫލުތަކެއް ކަނޑައެޅިފައި އެބަހުރެ އެވެ. ދިވެހިރާއްޖޭގައި މީހުން ހިނގާ އުޅެނީ މަގުގެ ވާތްފަރާތުންނެވެ. އަދި އެއްޗެހި ދުއްވައި އުޅެނީ ވެސް މަގުގެ ވާތްފަރާތުންނެވެ. މާލޭގެ މަގުތަކަށް ބަލާއިރު ހިނގާމީހުން މަގު ހުރަސްކުރަންޖެހޭ ވަކި ހިސާބުތަކެއް ހަމަޖެހިފައި ހުރެ އެވެ. މަގު ހުރަސްކުރަންވާނީ އެ ހިސާބުންނެވެ. ހިނގަންވާނީ ދުވާރުމަތިންނެވެ. އެންމެ ރައްކައުތެރި ގޮތަކީ އެއީ އެވެ. އަދި އޭރުން ދުއްވާ އެއްޗެއްސަށް ވެސް ދައްޗެއް ނުވާނެ އެވެ.

މާލޭގެ މަގުތަކުގައި މިހާރު މިވަނީ ޓުރެފިކް ބައްތިތަކެއް ހަރުކުރެވިފަ އެވެ. މި ބައްތިތަކުގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް ވެ އެވެ. އެތައް ގިނަ ނުރައްކަލަކުން މީހުން ސަލާމަތްވެ އެވެ. ހަމަ އެއާއެކު މި ބައްތިތަކުގެ ސިގުނަލްތަކަށް ތަބަޢަވެގެން ޢަމަލުކުރާ ބަޔަކު އެކްސިޑެންޓުވުމަކީ ވަރަށް ނާދިކުކަމެކެވެ. އެހެންކަމުން މަގުމަތީގައި މީހަކު ފެންނަން ނެތަސް މި ބައްތިތަކުގެ ސިގުނަލަށް ތަބަޢަވުން ވަރަށް މުހިއްމެވެ.

އެއްވެސް ކަމެއްނެތި، ބައިބަޔަށް، މަގުމަތީގައި ތިބުމަކީ، ތަހުޒީބުވެފައިވާ ޤައުމެއްގައި މީހުން އަމަލުކުރުން ރީތި ގޮތެއްނޫނެވެ. ހިތްހަމަޖައްސައިލަން ހިޔާލިބޭ ގަސްގަސް ދަށުގައި ތިބޭހެން މަގުމަތީގައި ތިބުމަކީ، އެދެވިގެންވާކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ކަންކަމާ އެންމެން ވެސް ދުރުހެލިވާންވާނެ އެވެ.

މަގެއްގެމަތީގައި ކުޑަ ހިނދުކޮޅަކަށް މަޑުކޮށްލައިގެން ތިބިކަމުގައި ވިޔަސް މަގުމަތީގައި ހިނގާމީހުންނަށް އެއްވެސް އުދަނގުލެއް ވެދާނެފަދަ ޢަމަލެއް ނުހިންގައި ތިބުމަކީ ކުށެއްނޫނެވެ. ނަމަވެސް ކަމެއްނެތި ތިބުމަށްވުރެ ކޮންމެވެސް ބޭނުންތެރި ކަމެއްގައި އެ ވަގުތުކޮޅު ހޭދަކޮށްލުން މާ ރަނގަޅުވާނެ އެވެ.

ގޭގެއަށް ވަދެ ނުކުމެ އުޅުމުގެ އަދަބުތައް

ތިޔަ ހުރިހައި ބޭފުޅުން ވެސް އަޑުއައްސަވާނޭ ފަދައިން ގެ ދޮރަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. އޭގެ މާނަ އަކީ ކޮބައިބާވައެވެ؟ އާދެ! ގެ ދޮރަކީ އެތަނެއްގައި ދިރިއުޅޭ ބަޔަކަށް ވަރަށް ޚާއްޞަ ތަނެކެވެ. އަދި އެހެން ތަންތަނުގައި އުޅޭއިރު ކޮށްނޫޅޭ އެތައް ކަމެއް ކޮންމެ މީހަކުވެސް ގޭގައި އުޅޭއިރު ކޮށްއުޅޭނެ އެވެ. އެހެންކަމުން ތިމާގެ ގެޔާއި އެހެން ތަންތަނާ ވަރަށް ތަފާތުކަން އެބަ އެނގެ އެވެ.

ކުއްލިއަކަށް ބޭރުން އައިސް ވަންނަ، ދުރުހިލޭ މީހަކަށް ފެނިއްޖެނަމަ ގޭމީހުން ލަދުގަންނަ ކަންތައްތައް ވެސް ގޭގޭގައި ހިނގަމުންދާނެ އެވެ. ބައެއް ފަހަރަށް މަސައްކަތެއްގައި އުޅޭއިރު މީހުންތިބޭނީ އެހައި ރީތި ފޭރާމެއްގައެއް ނޫނެވެ. އަދި ގޭތެރޭގައި ހުންނަ ތަފާތު ސާމާނު ހުންނާނީ ތަރުތީބަކުން ވެސް ނޫނެވެ. މީގެ އިތުރުން ގޭގޭގައި މީހުން ވަރަށް ޚާއްޞަ އަމިއްލަ ވާހަކަވެސް ދައްކައިއުޅޭނެ އެވެ. ދެބަސްވުންތައް ވެސް ހިނގާނެ އެވެ. މިއިން އެއްވެސް ކަމަކީ ބޭރުން އަންނަ މެހްމާނަކަށް، ވަކިން ޚާއްޞަކޮށް ޢިއްޒަތްތެރިއަކަށް ގޭމީހުން ދައްކަން ބޭނުންވާނެ މަންޒަރެއް ނުވަތަ އެ މީހަކު އަޑުއަހަން ގޭމީހުން ބޭނުންވާނެ ވާހަކައެއްނޫނެވެ.

އެހެންކަމުން ގޭގެއަށް ވަދެނުކުމެ އުޅުމުގައި އަދަބުތަކެއް ވަނީ ކަނޑައެޅިފަ އެވެ. މި އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި މިކަންކަމަށް ފަރުވާކުޑަކޮށް މި އުޞޫލުތަކަށް ކަމޭނުހިތުމަކީ ގެދޮރުގެ ޙުރުމަތް ކެނޑުމޭ ބުނެވިދާނެ އެވެ.

ގޭގެއަށް ވަދެ ނުކުމެ އުޅުމުގެ އަދަބުތަކަކީ ކޮބައިބާވަ އެވެ؟ އާދެ! ތިމާގެ އަމިއްލަ ގެ ނޫން އެހެން މީހެއްގެ ގެއަށް ވަނުމުގެ ކުރިން ޤަވާޢިދުން ސަލާމްގޮވައި ހުއްދަ ހޯދުމާއި، ސަލާމުގެ ޖަވާބު ނުލިބުނުނަމަ އެގެއަށް އެވަގުތު ވަނުމުގެ ހުއްދަ ނުލިބުނީކަމުގައި ނިންމައި އެގެއަކަށް އެ ވަގުތު ނުވަނުމާއި، ހުއްދަ ލިބިގެން ގެއަށް ވަންނައިރު ދޮރުހުޅުވާލުމުން ކުއްލިއަކަށް ތިމާއަށް ގޭތެރެ ފެންނާނެހެން ދޮރާ ދިމާ ސީދަލަށް ނުހުރުމާއި، ގެއަށް ވަނުމަށް ފަހު ގޭތެރެ ބަލައި ޗެކްކުރަން ދާ މީހަކު ނޫންނަމަ މުޅި ގޭތެރެއަށް ވަދެ އެތަންމިތަން ކޮޅައި ނުބެލުމާއި އަދި އެގެޔަކަށް ދިޔަ ބޭނުމެއް ފުދުމުން ގޭމީހުނާ ސަލާމްކޮށް ނުވަތަ ހެޔޮ ދުޢާކޮށް ގެއިންނުކުތުން ހިމެނެ އެވެ. މިއީ މުޅިން ވެސް ގޭގެއަށް ވަދެ ނިކުމެ އުޅުމުގައި ޢަމަލު ކުރަންވީ ރަނގަޅު ގޮތްތަކެވެ.

ކާމޭޒުމަތީގެ އަދަބުތައް

ކާމޭޒު ނުވަތަ ކެއުމުގެ ސުފުރާމަތީގައި ވެސް އަމަލުކުރަންޖެހޭ ރީތިގޮތްތަކެއް ހުރެ އެވެ. މީގެތެރެއިން އެއްކަމަކީ ކާމޭޒުދޮށަށް ޙާޒިރުވާ އިރު ތިމާ ސާފުތާހިރުކޮށް ހުރުމެވެ. ގަމީހެއް ނުވަތަ ޓީޝާޓެއް ފަދަ ފޭރާމެއް ނުލައި ކާމޭޒު މައްޗަށް އެރުމަކީ ރީތިކަމެއްނޫނެވެ. އަދި އެއީ ސާފުތާހިރުކަމާ ވެސް ޚިލާފުކަމެކެވެ. ހަމައެފަދައިން ތައްޓަށް ކާތަކެތި އަޅަންވާނީ ތަށިތެރޭގައި ދަތިކަމެއްނެތި އެތަކެތި ގެންގުޅެވޭ ވަރަށެވެ. ތަށިފުރެންދެން ކާތަކެތި އެޅުމަކީ ރީތިކަމެއްނޫނެވެ. ބައެއްފަހަރަށް ކާމޭޒުމަތީގައި ހުންނަ ބައެއް ބާވަތް ތަންކޮޅެއް މަދުން ހުރެ އެވެ. އާދެ! މޭޒުދޮށުގައި ތިބިމީހުންނަށް ކިރިޔާ ފޯރާވަރަށް މިފަދަ ބައެއް ތަކެތި ހުރެއެވެ. މި ފަދަ ޙާލަތްތަކުގައި އެކަކު އެބާވަތް މާގިނައިން ބޭނުންކޮށްފިނަމަ އެއީ އެހެންމީހުންނަށް ކުރެވޭ ބޭ އިންސާފަކަށް ވާނެކަން ކަށަވަރެވެ. ތިމާއަށް ކިތަންމެ މީރުއެއްޗެއް ކަމުގައިވިޔަސް ސުފުރާމަތީގައި މަދުން ހުންނަ ބާވަތްތައް ނަގަންވާނީ ތިބިމީހުންގެ ނިސްބަތަށް ބަލައިފަ އެވެ. އެހެންނޫނިއްޔާ ތިމާއާ ދޭތެރޭގައި އެހެންމީހުން ތަފާތުގޮތަކަށް ދެކެން ފަށައިފާނެ އެވެ. ހަމައެހެންމެ ކާމޭޒުމަތީގައި ތިބި އެންމެން ބޭނުންކުރާ ސަމުސާ ފަދަ ތަކެތީގައި ކާއަތުން ހިފުން ފަދަ ކަންކަމަކީ ހުތުރު ކަންކަމެވެ. ތިމާއަށް ނުކެވޭވަރަށް ތައްޓަށް ކާއެއްޗެތި އަޅައި ބާކީ ކޮށްފައި ބެހެއްޓުމަކީ ވެސް ހުތުރު ކަމެއްގެ އިތުރުން އިސްރާފަކަށް ވެސް ވާ ކަމެކެވެ.

މީގެއިތުރުން ކާމޭޒުމަތީގައި ތިބި އެހެން މީހުންނަށް އުނދަގޫވާ ފަދަ ކަމެއް، މިސާލަކަށް ބާރަށް ކިނބިއްސެއް އެޅުން ނުވަތަ އެމީހުން ފަކުރުގަންނަ ފަދަ ކަމެއް ކޮށްގެން ނުވާނެ އެވެ. މިސާލަކަށް ބާރަށް ކަރުކެހިލުން ނުވަތަ މި ނޫން ވެސް މި ބާވަތުގެ ކަންކަމެވެ. މިބާވަތުގެ ކަމެއް ކުރަން މަޖްބޫރުވެއްޖެ ނަމަ ރަނގަޅުގޮތަކީ، އެއްފަރާތަކަށް ޖެހިލުމެވެ.

އެއްޗެއް ކާން ނުވަތަ ބޯން ފެށުމުގެ ކުރިން ބިސްމި ކިޔުމާއި ނިމުމުން ﷲ އަށް ޙަމްދު ކުރުމަކީ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސުންނަތުގެ ތެރޭގައި ހިމެނޭ ރީތި އަދަބުތަކެވެ.

ޚިޔާލު ތަފާތުވާންޖެހޭ ފަހަރު ފަހަރު އެ ކަންކަން ކުރާނެގޮތް

ތަފާތުމީހުންގެ ވިސްނުމުގެ ފެންވަރު ތަފާތެވެ. ތަފާތުމީހުންގެ ބަސްމޮށުމުގެ ފެންވަރު ވެސް ތަފާތެވެ. ތަފާތު މީހުންގެ ޢިލްމީ ފެންވަރު ވެސް ތަފާތެވެ. އެހެންކަމުން ކަމަކާބެހޭ ގޮތުން ވާހަކައެއް ދައްކާ އިރު ޚިޔާލުތަފާތުވުމަކީ ނުވެ ނުދާނެ ކަމެކެވެ. ޚިޔާލު މުޅިން އެއްގޮތްވާނީ ލޮލަށް ފެންނަ އަތުން ހިފޭ ޙަޤީޤަތްތަކާ މެދުގަ އެވެ. މި ފަދަ ކަންކަމުގައި ވެސް ސައްތައިން ސައްތަ އެއްގޮތްކަމެއް ނުހުރެ އެވެ.

ކަންކަމާ މެދު ޚިޔާލު ތަފާތުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކަމަކާ ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ މަދުކަމުން ނުވަތަ އެ ކަމާބެހޭ ގޮތުން ލިބިފައިވާ މަޢުލޫމާތުގެ ފުރިހަމަކަމުން ވެސް މީހެއްގެ ޚިޔާލު އަނެކަކާ ތަފާތުވެދާނެ އެވެ.

ކަމަކާ ބެހޭގޮތުން ޚިޔާލު ތަފާތުވާ ފަހަރު ފަހަރު ތިމާއާ އަނެކާގެ ޚިޔާލު އެއްގޮތް ނުވަނީ ކީއްވެތޯ ވަރަށް ފުންކޮށް ވިސްނަންވާނެ އެވެ. އަނެކާގެ ޚިޔާލު ރަނގަޅުނޫންކަމަށް ބުނެ ތިމާގެ ބަސް ގަދަކުރުމުގެ ބަދަލުގައި އޭނާ އެ ބުނާ އެއްޗެއް ނުވިސްނޭ ކަމަށް ބުނެވިދާނެ އެވެ. އިތުރަށް ވިސްނައިދިނުމަށް އޭނާގެ ކިބައިން އެދެވިދާނެ އެވެ. އެހެންމީހުންގެ ކުރިމަތީގައި އަނެކާއަށް އެއްވެސް އެއްޗެއް ނޭނގޭކަން ހާމަކޮށްދީ، އޭނާ ދެރަކޮށް ނިކަމެތިކޮށްލުމުގެ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ ރީތިގޮތެއް ނޫނެވެ. މަސްއަލަ ނުވިސްނެނީ ތިމާއަށް ކަމުގައި ވެސް ވެދާނެ އެވެ.

ކަމަކާ ބެހޭގޮތުން ކުރެވޭ ބަހުސަކީ އެއްވެސް ޙާލެއްގައި ތިމާގެ ބަސް އެހެންމީހުން ލައްވައި ޤަބޫލު ކުރުވަން ކުރާކަމެއް ނޫންކަން ދަންނަންވާނެ އެވެ. އެއާ ޚިލާފަށް ބަހުސެއްގައި ބައިވެރިވާ އެންމެން ވެސް އެ މަސައްކަތްކުރަނީ ކަމުގެ ރަނގަޅުގޮތް ހޯދޭތޯ އެވެ. އެހެންކަމުން ބަހުސް ކުރަމުން ދާންވާނީ ވަރަށް އެކުވެރި، މަޑުމައިތިރި، ޖައްވެއްގަ އެވެ. އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ތަހުޛީބުވެފައިވާ، ޙަޤީޤަތަށް ލޯބިކުރާ ބައެއްގެ ގޮތުގަ އެވެ. މި މަގުން މި ކަން ކުރެވެމުންދާ ނަމަ މީހުންގެ މެދުގައި އޮންނަ ގުޅުމަކަށް އެއްވެސް ބުރުލެއް ނާރާނެ އެވެ. މީހުންގެ މެދުގައި އޮންނަ ހެޔޮއެދުމާއި، ލޯބި، ދެމި އޮންނާނެ އެވެ. އަދި ޙަޤީޤަތާ ހަމައަށް ވާޞިލުވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ އެވެ.

ބިނާކުރުވަނިވި ފާޑުކިޔާނެގޮތް

ފާޑުކިޔުމަކީ ފާޑުވެރިންގެ ކިބައިގައި ހުންނަ ޠަބަޢީ ކަމެކެވެ. އެއްޗެއް ހަދައިފައިހުންނަ ގޮތް ނުވަތަ ކަމެއް ކޮށްފައިހުންނަ ގޮތް ފެނުމުން އެއަށް ފާޑުކިޔުމަކީ ވަރަށް ގިނަމީހުންނަށް ކުރެވޭ ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ފާޑުކިއިފައި ހުންނަނީ އުނި ކަންތަކާމެދުގަ އެވެ. ރަނގަޅު ކަންތަކާއި، ފުރިހަމަ ކަމާމެދު ބަހެއް ބުނެވޭތަން އަންނަނީ ވަރަށް މަދުންނެވެ. މިއީ ދެރަކަމެކެވެ. މި ފަދަ ފާޑުކިޔުމަކީ ފަނާކުރަނިވި ނުވަތަ ކަންކުރި މީހާ ނުވަތަ ބައެއްގެ ހިތަށް ނުތަނަވަސްކަން ގެނެސްދެނިވި ފާޑުކިޔުމެއް ކަމުގައި ނޫނީ ނުވާނެ އެވެ. އެހެންވީމައި ފާޑުކިޔުމުގައި ގެންގުޅެންވީ ބިނާކުރަނިވި ފާޑުކިޔުމުގެ އުޞޫލެވެ.

ބިނާކުރަނިވި ފާޑުކިޔުން

މި ފަދަ ފާޑުކިޔުމެއްގައި ރަނގަޅު ކަންތަކުގެ ވާހަކަ ފުރަތަމަ ދެއްކުން ރަނގަޅުވާނެ އެވެ. ތަޢުރީފުގެ ދެތިންބަހެއް ބުނުން ވަރަށް މުހިއްމުވާނެ އެވެ. އެއަށްފަހު އެވެނި ކަމެއް މިވެނިހެން ކުރެވުނު ނަމަ މިއަށްވުރެން ރަނގަޅުވީސް، ނުވަތަ މި ބައި މިހެން އޮތުމަށްވުރެ އެވެނި ގޮތަކަށް ބަދަލުކުރެވިއްޖެ ނަމަ މިއަށްވުރެން ރަނގަޅުވާނެކަމަށް ފެނޭ، ނުވަތަ މިވެނި ތަނެއް އެވެނި ގޮތަކަށް ބަދަލުކޮށްލެވިއްޖެނަމަ ކިހިނެއް ވާނެބާ، މިފަދަ ގޮތަކަށް ފާޑުކިއިދާނެ އެވެ.

ބިނާކުރަނިވި ފާޑުކިޔުމުގައި ތިމާ ކިޔާ ފާޑަކީ، އެއީ އެންމެ ފަހުގެ ނިންމުން ކަމުގައި ހީވާގޮތަށް، ނުވަތަ އެ ނޫން އެހެން ގޮތެއް ރަނގަޅުނުވާނެކަމަށް ބުނާ ރާގަށް، ބަސްމޮށުން ހުރެގެން ނުވާނެ އެވެ. އެއާ ޚިލާފަށް އެ ކިޔާ ފާޑަކީ ވެސް އިތުރު އެހެން ފާޑުކިޔުމަކަށް ތަންދޭ ފާޑުކިޔުމަކަށް ވުން މުހިއްމުވާނެ އެވެ. އެއީ ދެވޭ އިރުޝާދަކާއި ލަފަޔަކަށްވުން ވަރަށް ރަނގަޅުވާނެ އެވެ.

ފާޑުކިޔާ މީހާ ފާޑުކިޔައިފައި ދިއުމުން ކަންކުރި މީހާގެ ހިތްވަރު އެލި، ދެން އޭނާ އެފަދަ ކަމަކާ ކުރިމަތިނުލާ ގޮތް ވެއްޖެނަމަ އެ ކިޔުނީ އަކީ ބިނާކުރަނިވި ފާޑުކިޔުމެއް ނޫނެވެ. އެއާ ޚިލާފަށް ބިނާކުރަނިވި ފާޑުކިޔުމެއް ކިޔައިފި ނަމަ ކަންކުރި މީހާއަށް ހިތްވަރު ލިބޭނެ އެވެ. އޭނާއަށް އޭނާގެ މަސައްކަތް އިޞްލާހުކުރުމުގެ އިރުޝާދު ލިބޭނެ އެވެ. އަދި ކަންކުރުމަށް ބާރާއި ފޯރި ލިބޭނެ އެވެ. އެހެންކަމުން މީހަކު ކޮށްފައިވާ މަސައްކަތަކަށް ފާޑުކިޔާ ނަމަ އެންމެ އިސްކަން ދޭންވީ، އޭނާ އެ މަސައްކަތް ކުރިކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރުމަށެވެ. ފާޑުކިޔުމުގެ ނަޒަރަކުން އެއްޗެއް ބުނަންވާނީ އޭގެފަހުންނެވެ. އަދި އެކިޔާ ފާޑު ވާންވާނީ ބިނާކުރަނިވި ފާޑުކިޔުމަކަށެވެ.

ފާޑުކިޔުމަށް މަރުޙަބާކިޔުމާއި ތިމާ އޭގެ ނަތީޖާ ޤަބޫލުކުރާނެ ގޮތް

ކޮންމެ މަސައްކަތަކީ ވެސް ފާޑުކިޔުމުގެ މަޙައްލެއްގައިވާ ކަމެކެވެ. އެހެންކަމުން ތިމާކުރާ މަސައްކަތެއް އިހުނަށްވުރެ ރަނގަޅުކުރުމަށްޓަކައި އެ މަސައްކަތަށް ފާޑުކިޔުމަށް ތަންދޭންވާނެ އެވެ. އެހެނީ ފާޑުކިޔުމަކީ، މަސައްކަތުގައި ހުންނަ އުނިކަންތައް ހާމަވާ ކަމެކެވެ. އަދި އެ މަސައްކަތެއް ކުރިއެރުވުމަށް އޮތް މަގެއްވެސް މެ އެވެ.

ފާޑުކިޔާ މީހުންގެ ފާޑުކިޔުންތައް ހުންނަނީ އެ މީހުންގެ އެ ފާޑުކިޔާ ދާއިރާއެއް ދެނެތިބި ވަރަކާއި އެ މީހުންގެ މިޒާޖާ ވެސް ގުޅިފަ އެވެ. ބައެއް މީހުން ވަރަށް ކުޑަކޮށް ފާޑެއް ކިޔުމަށް ފަހު ނިންމައިލާނެ އެވެ. އަނެއްބައިމީހުން ވަރަށް ތަފްޞީލުކޮށް ފާޑުކިޔައި އުޅެ އެވެ. އަދި ބައެއް މީހުން ހަމައެކަނި ތަޢުރީފު ކޮށްލައިފައި ދޫކޮށްލަ އެވެ. އެއާ ޚިލާފަށް އަނެއްބައި މީހުން ހުރިހައި އުނިކަމެއް ފާހަގަ ކުރުމަށް އިސްކަންދެ އެވެ.

މިއިން ކޮންމެ ފާޑުކިޔުމަކީ ވެސް ފައިދާއިން ހުސްވެގެންވާ ފާޑުކިޔުމެއްނޫނެވެ. އެހެންކަމުން މި ހުރިހައި ބާވަތެއްގެ ފާޑުކިޔުމަކަށް ވެސް އަހަރެމެން މަރުޙަބާކިޔަން ވާނެ އެވެ. އާދެ، ފާޑުކިޔުމަކަށް މަރުޙަބާ ކިޔުމަކީ ފާޑުކިޔުންތެރިޔާ އަށް ޝުކުރިއްޔާއޭ ބުނުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ކިޔުނު ފާޑުކިޔުމެއްގައި ރަނގަޅު ޚިޔާލެއް ދެވިފައިވާނަމަ ނުވަތަ އުނިކަމެއް ފާހަގަ ކުރެވިފައިވާނަމަ އެއާ އެއްގޮތަށް ތިމާ ޢަމަލު ވެސް ކުރަންވާނެ އެވެ. ޝައްކެތް ނެތްގޮތުގައި މި ގޮތަށް މި ކަން ކުރުން ވާނީ ތިމާގެ ކުރިއެރުމަށް އެޅޭ ފިޔަވަޅަކަށެވެ.

މީހުންނާ ވާހަކަދެއްކުމުގެ އަދަބުތައް

ކޮންމެ ބައެއްގެ ތެރޭގައި ވެސް ބަސްމޮށުމުގެ ހަމަތަކަކާއި އުޞޫލުތަކެއް ހުރެ އެވެ. މިކަންކަމަށް ފަރުވާތެރިވުމަކީ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން ބޮޑުމީހަކު ކުޑަކުއްޖަކާ ވާހަކަދައްކާނަމަ އޯގާވެރިކަން އަދި ކުޑަކުއްޖަކު ބޮޑުމީހަކާ ވާހަކަދައްކާނަމަ އަދަބުވެރިކަން ބަހައްޓަންވާނެ އެވެ. ވާހަކަދައްކައި އުޅުމަކީ ތިމާ އާއި އެހެންމީހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭ ވަރަށް މުހިއްމު ވަސީލަތެކެވެ. ބުނެވޭ ވާހަކައެއްގެ ގޮތުން ނުވަތަ ބުނެވޭ ވާހަކައިގެ ރާގު ހުރިގޮތުން ތިމާއާ ދޭތެރޭގައި އަނެކާ ދެކޭގޮތް މުޅިން ބަދަލުވެދާނެ އެވެ. އެއީ ތިމާގެ މައިންބަފައިން ނަމަ، ޤަދަރާއި އިޙްތިރާމު ކުޑަކުރީ ކަމުގައި ހީކޮށްފާނެ އެވެ. ތިމާއަށްވުރެ ޢުމުރުން ދޮށީ މީހަކު ނަމަ އަދަބު ކުޑަކުރީ ކަމުގައި ހީކޮށްފާނެ އެވެ. މުދައްރިސުން ނަމަ އިޙްތިރާމް ކުޑަކުރީ ކަމުގައި ހީކޮށްފާނެ އެވެ. ރައްޓެހިންނާއި ރަހުމަތްތެރިން ކަމޭނުހިތީ ކަމުގައި ދެކެފާނެ އެވެ. މިހިރީ މުޅިންވެސް ދެރަ ކަންތަކެވެ. މިކަންކަން މެދުވެރި މިވަނީ ބުނެލެވޭ އެންމެ ބަހަކުންނެވެ. ނުވަތަ ބަސްބުނެވޭ ރާގަކުން ނުވަތަ ނުވަގުތެއްގައި މުނާސަބު ނޫން ގޮތަކަށް އެއްޗެއް ބުނެވިގެންނެވެ.

ވީމައި ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތާ މުޚާތަބުކުރަން ވާނީ ވެސް ރީތިބަހުން، މާތްކޮންނެވެ. ޚިދުމަތް ލިބިގަންނަ މީހާއީ ޚިދުމަތްދޭ މީހާއަށް ވުރެ ޤަދަރުގެ ގޮތުން ދަށް މީހަކު ކަމުގައި ވިޔަސް މެ އެވެ. މުޖުތަމަޢުގައި ކޮންމެ ވެސް ސަބަބަކާ ހުރެ މަތިވެރިކަމެއް ޤަދަރެއް ދެވިފައިވާ މީހުންނާ ވާހަކަދައްކަން ވާނީ މާތްކޮންނެވެ. ތިމާގެ މައިންބަފައިންނާއި އުސްތާޛުންނާ މުޚާޠަބުކުރަން ވާނީ މާތްކޮށްނެވެ. ތިމާއަށް ވުރެ ޢުމުރުން ދޮށީމީހުންނާ ވާހަކަދައްކަންވާނީ ރީތިކޮށްނެވެ. ކާކުކަން ނޭނގޭ ބީރައްޓެހިންނާ ވާހަކަދައްކަން ޖެހޭނީ މާތްކޮންނެވެ. ތިމާގެ ގާތްމީހުންނާ ރަޙްމަތްތެރިންނާ ވާހަކަ ދެއްކުމުގައި ނުރަސްމީ ގޮތެއް ބެހެއްޓިކަމުގައި ވިޔަސް އެ ނޫން މީހުންގެ މެދުގައި ވާހަކަދައްކާ ނަމަ އެ މީހުންނާ ވެސް ވާހަކަދައްކަން ވާނީ ރީތިކޮށްނެވެ.

ކަމަކާ މެދު ހިތްހަމަނުޖެހިގެން މީހަކާ ވާހަކަދެއްކި ކަމުގައި ވިޔަސް މާ މައްޗަށް އަޑުއުފުލައި ވާހަކަދެއްކުމަކީ، ރީތި ސިފައެއް ނޫނެވެ. އަދި އެ ފަދަ ދަނޑިވަޅުތަކުގައި ވެސް ދަށް ފެންވަރުގެ ބަހުރުވަ ބޭނުންކުރުމުން މުޚާޠަބު ކުރެވޭ މީހާއަށް އިހާނެތިކޮށް ހިތޭނެ އެވެ. ހަމަ އެއާ އެކު އަޑުއަހާމީހުންގެ ކުރިމަތީގައި ވާހަކަދައްކާމީހާގެ އަގު ވެސް ވެއްޓޭނެ އެވެ. ވީމައި ހުތުރު ބަހުން ވާހަކަދެއްކުމަކީ މާތްމީހުންގެ ސިފައެއްނޫނެވެ.

މީހުންނަށް އިޙުތިރާމު އަދާކުރާނެ ގޮތްތައް

އިޙުތިރާމު އަދާކުރުމަކީ، އަނެކާ ލަދުގަންނާނެ ފަދަ ކަމެއް ނުވަތަ އެހެންމީހުންގެ ކުރިމަތީގައި އަނެކާގެ ޤަދަރު ކުޑަވެދާ ފަދަ ކަމެއް ތިމާ ނުކުރުމެވެ. އަދި އިޙުތިރާމު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ކުރުމެވެ.

އިޙުތިރާމު އަދާކުރުމަކީ ތަހުޛީބުވެފައިވާ އެންމެންގެ ކިބައިގައި ހުންނަންޖެހޭނެ މާތް ސިފައެކެވެ. އިޙުތިރާމު އަދާކުރުމުގެ ގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންތައް ހުރެ އެވެ. އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އިންސާނާގެ ކަރާމަތާއި އިޙުތިރާމު ދެމެހެއްޓުމަށްޓަކައި ޢަމަލުކުރަންޖެހޭ ގޮތްތަކެއް އަންގަވައިފައިވެ އެވެ. މި ސިލްސިލާ އޭނާ ދުނިޔޭގައި ހުންނަ ދުވަސްވަރުން ފެށިގެން މަރުވެ ފަސްދާނުލެވުމަށް ދަންދެން ދެމިއޮވެ އެވެ.

o އިންސާނެއްގެ ޙަޔާތުގައި އޭނާއަށް އިޙުތިރާމު އަދާކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައް:-

- ސަލާމް ކުރުމާއި ސަލާމް ބަލައިގަތުން

- ދަޢުވަތެއް ދީފިނަމަ އިޖާބަދިނުން

- ނެތިނުބައި ނުމޮށުން، ނުވަތަ މީހާ ނެތްތަނުގައި ވެސް އޭނާ ނިކަމެތި ކޮށްނުލުން

- އަބުރު ދިފާޢުކުރުން

- ޢައިބު ފާޅުނުކުރުން

- ބައްދަލުވެއްޖެނަމަ ވާހަކަދައްކައި، ހާލުއަހުވާލު އަހައިލުން

- ތިމާއަށްވުރެ ބޮޑެތިމީހުންގެ މަޖިލިސްތަކުގައި ކަންކަމުގައި ތިމާ އިސްނުނެގުން (ދެކެވޭ ވާހަކައެއްގައި ބައިވެރިވާ މީހެއްގެ ޙައިސިއްޔަތުން ޚިޔާލެއް ފާޅުކޮށް ލަފައެއް ދިނުން މީގެ ތެރެއަކު ނުހިމެނެ އެވެ.)

- މަޖިލިސްތަކުގައި ތިމާއަށްވުރެ ބޮޑެތި މީހުންނަށް ވުރެ މަޑުން ވާހަކަދެއްކުން

- ތިމާއަށްވުރެ ބޮޑެތި މީހުންނަށް ތަންދިނުން

- ތިމާ އުޅޭ ތާކަށް މީހަކު އަތުވެއްޖެ ނަމަ ރީތިކޮށް ވާހަކަދައްކައި، އިށީންނާނެ ތަނެއް ދައްކައި، މަރުޙަބާ ކިޔުން

- ތިމާއަށްވުރެ ބޮޑުމީހެއްގެ އޮފީހަށް ނުވަތަ ގެއަށް ގޮސް އިށީންނާނެ ތަނެއް ނުދައްކަނީސް، ތިމާ ހިތުހުރި ތަނެއްގައި ނުއިށީނުން.

- މަޤާމުގެ ގޮތުން ތިމާ މަތިކަމުގައި ވީނަމަވެސް ތިމާގެ މައިންބަފައިން، އުސްތާޛުން ފަދަ މީސްމީހުންނާ މުޢާމަލާތު ކުރާއިރު، ތިމާ އަކީ އެމީހުންނަށް ވުރެ މަތީ މީހަކު ކަމުގައި ހީކުރެވޭގޮތަށް ކަންތައް ނުބެހެއްޓުން.

o މަރުވުމަށް ފަހު:-

- ޖަނާޒާގައި ބައިވެރިވުން

- ތަޢުރީފުގެ ބަސްބުނުން

- ހެޔޮދުޢާ ކުރުން

ދެބަސްވުންތައް ޙައްލުކުރާނެ ގޮތްތައް

އިންސާނުންގެ މެދުގައި ހުރި އެކިއެކި ތަފާތުތަކުގެ ސަބަބުން ކަންކަމާ ޚިޔާލު ފާޅުކުރާ އިރު، ދެބަސްވުންތައް އުފެދެ އެވެ. ޢިބާރާތުގެ މައްސަލައެއް ކަމުގައި ނުވާނަމަ ކަމަކާބެހޭ ގޮތުން ފާޅުކުރެވޭ ތަފާތު ހުރިހައި ޚިޔާލެއް ގިނަ ފަހަރަކު ރަނގަޅެއްނުވާނެ އެވެ. ބައެއްފަހަރު މަސްއަލައާ ބެހޭ ގޮތުން ވިސްނާގޮތުގެ ތަފާތުކަމުގެ މައްޗަށް ބަލައި ތަފާތު ދެ ޚިޔާލެއް ރަނގަޅުވެސް ވެދާނެ އެވެ. އެއްގޮތަކުން ބަލާއިރު މިގޮތް ރަނގަޅުވެފައި، އަނެއް ގޮތަކުން ބަލާއިރު އެގޮތް ރަނގަޅުވުމެވެ. އަނެއްބައި ފަހަރު ތަފާތު ޢިބާރާތަކުން ނަމަވެސް ދެމީހުންނަށް ވެސް ކިޔެނީ ހަމަ އެކައްޗަކަށް ވެދާނެ އެވެ. އޭގެ މިސާލަކީ ކައިގެންނޭ ފުރާނީ އަދި ނުކައެއް ނުފުރާނަމޭ ކިޔުން ފަދަ ކަންތަކެވެ.

ޚިޔާލު ތަފާތުވުން ނުވަތަ ދެބަސްވުން އުފެދުމަކީ ޤުދުރަތީކަމަކަށް ވާއިރު، މިކަން ޙައްލުކުރުމުގައި ވެސް އިންސާނީ ޠަބީޢަތާ ތަޢާރުޟުނުވާ، ތަފާތު ޚިޔާލުގެ ދެމީހުންނަށް ވެސް ޤަބޫލުކުރެވޭ ގޮތްތައް ޚިޔާރުކުރުން ބުއްދިވެރިވާނެ އެވެ. ކޮންމެއަކަސް މަސްއަލަ އިތުރަށް ހޫނުވިޔަނުދީ ހިފެހެއްޓޭތޯ ބެލުމަކީ ދެފަރާތުގެ ވެސް މަސްއޫލިއްޔަތެކެވެ. ޚާއްޞަކޮށް މިތަނުން ހޭޖެހޭ ބުއްދިވެރި ފަރާތުން އަޅާ ފިޔަވަޅު އަޅަން ވާނީ، ފުންކޮށް ވިސްނައިފަ އެވެ. މާ ހިތްއަވަސްވުމުގެ ސަބަބުން ޅަ އެއްޗެއް އެޅުމަކީ ގާތްކަމެކެވެ.

ވިސްނައިލަންވީ މުހިއްމު ނުކުތާތައް:-

- ތިމާ ޤަބޫލުކުރާގޮތް އެއީ ޞައްޙަގޮތް ކަމުގައި ސާބިތުކޮށްދެވޭނެ ހެތްކެއް ނެތަސް އެގޮތް އެއީ ޞައްޙަ ގޮތްކަމުގައި ސާބިތުކޮށްދޭން މަސައްކަތް ނުކުރުން.

- އިދިކޮޅު މީހާގެ ޙައިސިއްޔަތުން ތިމާއަށްވުރެ ދަށްކަމަށްވާތީ އޭނާގެ ބަސް ޤަބޫލުނުކުރުން ނުވަތަ އިދިކޮޅު މީހާ ތިމާއަށްވުރެ މަތީމީހަކަށް ވާތީ އޭނާއަށް މާބޮޑަށް ދޫކުރުމަކީ ވެސް ބައެއް ޙާލަތްތަކުގައި ކޮންމެހެން ކުރަންވީ ކަމެއް ނޫނެވެ. ނަމަވެސް އެންމެންނަށް ވެސް އިޙުތިރާމު ކުރަންވާނެ އެވެ.

- ތިމާ އެދޭގޮތް ކާމިޔާބު ނުވުމުން ރުޅިއައުން ނުވަތަ ތިމާގެ ކުރިމަތީގައި އަނެކާގެ އަގު ދަށްކޮށްލަން މަސައްކަތް ނުކުރުން.

- ބަލި ޤަބޫލުކުރުމަކީ މުހިއްމު ކަމެއްކަން

- ރަގަޅުގޮތް އެނގުނަސް ބައެއް މީހުން ގޮތްދޫނުކުރާކަން ހަނދާން ބެހެއްޓުން

- ދެބަސްވުމެއްގައި ހިމެނޭ ކޮންމެމީހަކު ވެސް އެމީހަކު އެ ދެކޭގޮތް އެއީ ޞައްޙަ ގޮތްކަމުގައި ވާންއެދޭނެ އެވެ. މީގެ މާނަ އަކީ، ޙަޤީޤަތާއި ތެދު ޤަބޫލުކޮށް، ތިމާދެކޭ ކުށްގޮތް ދޫކޮށްލާމީހުން ނޫޅޭ ވާހަކައެއްނޫނެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަށް ވާގޮތަކީ ތިމާދެކޭ ކުށްގޮތް ކާމިޔާބު ވިޔަސް އެއީ ހަމަ ރަނގަޅުގޮތް ކަމުގައި ބަލައި، އެކަމާ އުފާކުރަނީ އެވެ. މިއީ ރަނގަޅުގޮތެއް ނޫނެވެ.

- ދެބަސްވުންތަކުގައި އެކަކު ބޭނުންވަނީ އޭނާ ޤަބޫލުކުރާގޮތް ނުވަތަ އޭނާ ބޭނުންގޮތް އަނެކާވެސް ޤަބޫލުކުރުން ކަމުގައިވާނަމަ އަދި އެގޮތަކީ ޞައްޙަގޮތް ކަމުގައި ނުވާނަމަ އެއްބަސްވުމަކަށް ނާދެވޭނެ އެވެ. އެހެންކަމުން ހެތްކާއި ޤަރީނާ ހުރި ކޮޅަކަށް ދޫކުރުމަކީ މި ކަމުގައި އޮތް ބުއްދިވެރި ގޮތެވެ. އަދި މަޞްލަޙަތު ވެސް ހުރީ މިގޮތުގަ އެވެ.

ޖަވާބުގައި މީހަކު ކަމަކަށް ނޫނެކޭ ބުނެފިނަމަ ތިމާ ހެޔޮހިތުން އެކަން ޤަބޫލުކުރާނެ ގޮތްތައް

އެހެންމީހެއްގެ ކިބައިން ތިމާ އެދޭ ކަމަކަށް ނޫނެކޭ ބުނުމަކީ، ޙާލަތު ނިޔާކުރާގޮތުން އޭނާއަށް ލިބެންޖެހޭނެ ޙައްޤެކެވެ. ނަމަވެސް މި ޖަވާބަކީ ގިނަފަހަރު އަޑުއަހަން އުނދަގޫ ޖަވާބެކެވެ. ސަބަބަކީ، ނާކާމިޔާބީއާ ކުރިމަތިލުމަކީ އިންސާނާ އެދޭ ކަމަކަށް ނުވާތީ އެވެ.

ކަން މިހެން ހުރިއިރު ޖަވާބުދޭ މީހާގެ އާނއެކޭ ބުނުމާ އޭނާގެ ނޫނެކޭ ބުނުމުގައި އޭނާއަށް ހުރި ފައިދާ އާއި ގެއްލުމަކީ ކޮބައިތޯ ބަލަން އެބަޖެހެ އެވެ. ނޫނެކޭ ބުނުމަކީ އޭނާއަށް ހުރިހައި ގޮތަކުން ވެސް ލާބަ އާއި މަންފާ ހުރިގޮތް ކަމުގައި ވަނީނަމަ އަދި ނޫނެކޭ ބުނުމުގެ ފުރިހަމަ އިޚްތިޔާރު ވެސް އޭނާއަށް ލިބިގެންވާނަމަ އޭނާ އާއެކޭ ބުނަންވީ ކީއްކުރަންތޯ އެވެ؟

ޙަޤީޤަތަކީ މިއީ ކަމުގައި ވިޔަސް، ކަމަކަށް އެދޭމީހާގެ އެދުމަކީ އޭނާގެ އެދުން ފުދުމެވެ. އެހެންކަމުން ވަރަށް ގިނަފަހަރަށް ނޫން ޖަވާބެއް ލިބުމުން އެކަމާ ހިތެއް ހަމައެއް ނުޖެހޭނެ އެވެ. އަދި ބަހާއި އަމަލުން މި ހިތްހަމަނުޖެހުން ފާޅުކުރެވޭތަން ވެސް އާދެއެވެ. ނަމަވެސް މި ކަމުގައި ޢަމަލުކުރަންވީ ރަނގަޅުގޮތަކީ މިއީއެއް ނޫނެވެ. އަނެކާގެ ޙާލަތާމެދު ވެސް ފުންކޮށް ވިސްނަންވީ އެވެ. އަނެކާއަކީ ވެސް ތިމާފަދަ އިންސާނެއްކަން ދެނެގަންނަންވީ އެވެ. އޭނާ އެ ދޭ ނަފީގެ ޖަވާބު ވެސް އޭރުން ހެޔޮހިތުން ބަލައިގަނެވިދާނެ އެވެ. ޙާލަތު ނިޔާކުރާގޮތުން ކަމަކާ އިންކާރުކުރުމަކީ، ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ ޙައްޤެއްކަން ވިސްނިދާނެ އެވެ.

އަނެކުންނަށް ތިމާގެ ނަފްސު ތަޢާރަފު ކޮށްދޭނެ ގޮތްތައް

ތިމާއާ އަލަށް ބައްދަލުވާ މީހުންނަށް ތިމާ ތަޢާރަފު ވުމަކީ އެދެވިގެންވާ ކަމެކެވެ. މިކަން ކުރުމުގައި އެކި މުނާސަބަތުގައި ބޭނުންވަނީ އެކި މިންވަރެވެ. އެކި މުނާސަބަތާ ގުޅޭނީ ވެސް އެކި މިންވަރުގެ މަޢުލޫމާތެވެ. ބައެއްފަހަރު ހަމައެކަނި ތިމާގެ ނަން ބުނެލުމުން ފުދޭނެ އެވެ. އެފަދަ ޙާލަތްތަކަކީ، އެއްރަށެއްގެ އެކަކު އަނެކަކަށް ތަޢާރަފުވުމުގެ ޙާލަތްތަކެވެ. ކުލާހެއްގެ ތެރޭގައި އެކި ރަށުގެ ދަރިވަރުން މުދައްރިސަށާއި އެކަކު އަނެކަކަށް ތަޢާރަފްވާއިރު ނަމުގެ އިތުރުން ރަށާއި އުޅުނު އިސްކޫލު ފަދަ ބައެއް މަޢުލޫމާތު ހިމަނައިލުން ރަނގަޅުވާނެ އެވެ. ވަޒީފާއަކަށް އެދި ކުރެވޭ އިންޓަވިޔު އެއްގައި ތިމާ ތަޢާރަފުވާއިރު ތަޢުލީމީ ފެންވަރާއި އަދާކުރާ ވަޒީފާގެ ވާހަކަވެސް ގެނައުން މުހިއްމުވެދާނެ އެވެ. ނަމަވެސް ތިމާގެ އަމިއްލަ ނަފްސު ތިމާ އަމިއްލައަށް އެހެންމީހުންނަށް ތަޢާރަފުކޮށްދޭ އިރު މާދިގުކޮށް މާބޮޑަށް ތަފްޞީލަށް ދިޔުމަކީ ވަރަށް މަދު ޙާލަތެއްގައި މެނުވީ ރީތިކަމެއް ނޫނެވެ.

ބައެއްފަހަރު ތަނަކަށް އަލަށް އެއްޗެއް ހިފައިގެން ނުވަތަ ކަމަކު ދާ މީހާގެ ނަމުގެ އިތުރުން އޭނާ އެތަނަށް ދިޔަ ބޭނުމެއް ކުރުކޮށް ބުނެލަދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެންމީހުންގެ ޝުޢޫރުތަކަށް އިޙުތިރާމު ކުރާނެ ގޮތްތައް

ކޮންމެ ދެ މީހަކީ ވެސް ތަފާތު ދެ މީހެކެވެ. ތިމާގެ ހިތުގެ ޙާލަތާއި އެހެންމީހުންގެ ހިތުގެ ޙާލަތު އެއްގޮތެއް ނުވާނެ އެވެ. އެހެންމީހުނާ ކުރިމަތިވެފައި ހުންނާނީ ތިމާއާ ކުރިމަތިވެފައިވާ ކަންތައްތަކާ މުޅިން އެއްފަދަ ކަންތައްތަކެއް ވެސް ނޫނެވެ. އެހެންކަމުން ތިމާއަށް އެންމެ މީރުކެއުމެއް އެހެން އެންމެނަށް ވެސް މީރުވުން ލާޒިމެއްނޫނެވެ. ތިމާއަށް ރީތިއެއްޗެތި އެހެން އެންމެންނަށް ރީތިވުމެއް ވެސް ލާޒިމެއްނޫނެވެ. ތިމާއަށް ލާބަހުރި ރަނގަޅުގޮތް އެހެން އެންމެންނަށް ވެސް ލާބަހުރި ރަނގަޅުގޮތް ކަމުގައި ވާކަށެއް ވެސް ލާޒިމެއްނޫނެވެ. މީގެ އިތުރުން ތަނާއި ވަގުތާއި މުނާސަބަތާ ގުޅިގެން ވެސް ޙާލަތު ބަދަލުވުން އެކަށީގެންވެ އެވެ. އެކި ޢުމުރުގެ މީހުންގެ ޚިޔާލާއި ޝުޢޫރުވެސް ތަފާތުވާނެ އެވެ.

ގޭގައި ހިތާމަވެރި ޙާދިސާއެއް ހިނގައިގެން އުޅެނިކޮށް ޕިކުނިކު ދަތުރެއްގައި ބައިވެރިވާކަށް އެގޭގެ މީހުން ހިތްހަމައެއް ނުޖެހޭނެ އެވެ. ބަނޑުހައިވެގެން ރޯ ކުޑަކުއްޖަކަށް ކުޅޭ އެއްޗެއް ދިނަސް އެއާ ގަޔާނުވެ ހިގައިދާނެ އެވެ. އެހެންކަމުން ތިމާ ބުނާ ބަހަކުން ނުވަތަ ކުރާކަމަކުން އެހެންމީހަކަށް އުނދަގުލެއް ނުވާނެ ގޮތެއް ބެލުމަކީ އެހެންމީހުންގެ ޝުޢޫރުތަކަށް އިޙުތިރާމު ކުރުމެވެ. މިކަން މިގޮތަށް ކުރެވޭނީ ތިމާގެ ބަހާއި އަމަލުތައް ވަރަށް ބޮޑަށް ކޮންޓުރޯލްކޮށްގެންނެވެ. ބަހެއް ބުނުމުގެ ކުރިން ނުވަތަ ކަމެއް ކުރުމުގެ ކުރިން އޭގެ ނަތީޖާއާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައިގެންނެވެ.

މީހުންނަށް އެހީތެރިވާނެ ގޮތްތައް

މީހުންނަށް އެހީތެރިވުމަކީ ކޮށްދެވޭ ޚިދުމަތެކެވެ. އެކަމުގެ ސަބަބުން އެ ޚިދުމަތް ލިބޭމީހާގެ ހިތްހަމަޖެހޭނެ އެވެ. ތިމާގެ މައްޗަށް އޭނާގެ ހިތް ހެޔޮވާނެ އެވެ. އަދި އެކަމުގެ ސަބަބުން ތިމާއަށް ވެސް ހިތްހަމަޖެހުމާއި އުފާ ޙާޞިލުވާނެ އެވެ. މީގެ އިތުރުން މިއީ ބޮޑުވެގެންވާ ޘަވާބާއި ދަރުމަ ވެސް ހުރި ކަމެކެވެ.

މީހުންނަށް އެހީތެރިވެވޭ ތަފާތުގޮތްތައް އެބަހުއްޓެވެ. މިކަން ބިނާވެފައި އޮންނާނީ އެހީތެރިވާ މީހާ މިކަމަށް ކެރި ކުޅަދާނަވެގެންވީ މިންވަރެއްގެ މައްޗަށެވެ. ތަފާތު އެތަށް ގޮތްގޮތަކުން އެހީތެރިވެވިދާނެ އެވެ. އޭގެތެރޭގައި މާލީ އެހީ އާއި މަޢުނަވީ އެހީ ހިމެނެ އެވެ.

އެކިމީހުންގެ މެދުގައި އެހީތެރިވުމުގެ ފުރުޞަތު އޮންނާނީ އެކި މިންވަރަށް އެކި ސިފައިގަ އެވެ. ގިނައިން ފެނިދެނިވެ އެކީގައި އުޅެވޭ މީހުންގެ މެދުގައި މި ފުރުޞަތު ބޮޑުވާނެ އެވެ.

އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައް:-

- މީހަކު އޮޅުންފިލުވަން އުޅޭ މަޢުލޫމާތެއް ސާފުކޮށްދިނުން

- ނޭނގިގެން އުޅޭ ކަމެއް ކުރާނެގޮތް ބުނެދިނުން

- ނުކުރެވިގެން އުޅޭ ކަމެއް ކޮށްދިނުން، މިސާލަކަށް އެއްޗެއް އުފުލުމުގައި އެހީތެރިވެދިނުން. އެއްޗެއް ވެއްޓުނީމައި ނަގައިދިނުން.

- ބޮޑުކަމެއް ދިމާވެގެން އުޅޭ މީހަކާ ދިމާވެއްޖެ ނަމަ އެހީއެއް ބޭނުންތޯ އަހައި އޭނާއަށް ކޮށްދެވެން އޮތްކަމެއް ކޮށްދެވިދާނެ އެވެ. މިގޮތުން ދަންނަ ނުވަތަ ނުދަންނަ މީހަކުނަމަވެސް ބައްދަލުވާ ވަގުތާއި ގޮތުން މިކަހަލަ ކަމަކަށް މަގުފަހިވެދާނެ އެވެ. މިސާލަކަށް ގާތްމީހެއްގެ ތިމާގެ މީހަކު ނިޔައުވުން، ގެއެއްގައި އަލިފާން ރޯވުން، މަގުމަތިން އެކްސިޑެންޓެއްވުން ފަދަ ކަންކަމުގައި މީސްމީހުންނަށް އެހީތެރިވެވިދާނެ އެވެ.

- އެހީތެރިވުމުގައި ކަންކުރުމުގެ ނިސްބަތުން ވާހަކަދައްކާ ނަމަ ދެގޮތެއް އޮވެ އެވެ. އެތަނުން އެއް ގޮތަކީ، ތިމާއަށް ފެނިގެން ނުވަތަ އަހައި އޮޅުންފިލުވައިގެން އެހީތެރިވުމެވެ. އަނެއް ގޮތަކީ އެކަމަށް މީހަކު އެދުމުން އެހީތެރިވެދިނުމެވެ.

އެހެންމީހުންނާ ބައްދަލުކޮށް މަރުޙަބާ ކިޔާނެ ގޮތްތައް

މަރުޙަބާ ކިޔުމަކީ ތިމާ އުޅޭތަނަކަށް ނުވަތަ އޮފީހަކަށް ޒިޔާރަތް ކުރާ މެހުމާނަކަށް ތިމާގެ ފުށުން ނުވަތަ އެ ޒިޔާރަތް ކުރި ތަނަކުން އެމީހަކު ޒިޔާރަތްކުރުމުން އެއްވެސް ދަތިކަމެއް ނެތްކަން ހާމަކުރުމާއި އޭނާ އެތަނަކަށް ޒިޔާރަތް ކުރުމަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ހުރިކަމެއްކަން އަންގައިދޭ ޝުޢޫރުތައް ފާޅުކުރުމެވެ.

މިކަން ކުރެވޭނެ ބައެއް ގޮތްތަކަކީ:-

- އުފާވެރި މޫނަކާއިގެން ބައްދަލުކުރުން

- ތިމާ ހުރި ހިސާބުން ކުޑަތަންކޮޅެއް ކުރިޔަށް ޖެހިލައި ހިނިތުންވެލުމާ އެކު ސަލާމްކުރުން

- ލަސްނުކޮށް އިށީންނާނެ ތަނެއް ހަމަޖެއްސުން. ކުރިން އެކަން ހަމަޖެހިފައިވާނަމަ އަވަހަށް އޭނާ ގޮވައިގެން އެތަނަކަށް ދިޔުން

- ވަގުތުގެ ބާވަތުން ސައި، ކޮފީ ނުވަތަ ބުއިމެއް ހުށަހެޅުން

- ބަސްމަގުގައި އުފާވެރިކަމާއި ހޫނުކަން ހުރުން

- އޭނާ އެތަނަކަށް ޒިޔާރަތްކުރުމަކީ އުފަލެއް ކަމުގައި ބުނުން ފަދަ ކަންކަމެވެ.

މަޢާފަށް އެދި "އަހަރެންނަށް މަޢާފު ކުރާށޭ..." ބުނާނެ ގޮތްތަކާއި މަޢާފަށް އެދޭނެ

މުނާސަބު ވަގުތުތައް

ތިމާއަށް ބަދަލުހިފުމުގެ ކުޅަދާނަކަން ލިބިގެންވުމާއެކު ވެސް މަޢާފުކުރުމަކީ ވަރަށް މަތިވެރިކަމެކެވެ. ހަމައެހެންމެ ތިމާއަށް ފާފައެއް ކުރެވިއްޖެ ހިނދެއްގައި ތައުބާ ވާފަދައިން ކުށެއް ކުރެވިއްޖެނަމަ މަޢާފަށް އެދުމަކީ ވެސް ހެޔޮލަފާ މާތްމީހުންގެ ސިފައެކެވެ. ތިމާގެ ފުށުން އެހެންމީހަކަށް ނުވަތަ ބަޔަކަށް ކިތަންމެ ކުޑަ އުދަގުލެއް ނުވަތަ ދަތިކަމެއް ފޯރިކަމުގައި ވިޔަސް އެކަމަކަށް އޭނާ ނުވަތަ އެބަޔެއްގެ ކިބައިން މަޢާފަށް އެދެންވާނެ އެވެ. އޭގެ ސަބަބުން އެކަކު އަނެކަކާ ދޭތެރޭގައި އުފެދޭ ނޭދެވޭ ޝުޢޫރުތައް ނެތިގޮސް އުފައުވެރި އަމާން މާޙައުލަކަށް ތިމާމެން ދިރިއުޅޭ ވެށި ބަދަލުވެދާނެ އެވެ.

"އަޅުގަނޑަށް މަޢާފުކުރައްވާ!" މިހެން ނުވަތަ ރީތި އެހެން ޢިބާރާތަކުން މަޢާފުކުރާށޭ ބުނެވިދާނެ ތަފާތު ވަގުތާއި ޙާލަތުތައް ތިރީގައި ބަޔާންކުރަމެވެ.

- ހިނގައިފައި ދަނިކޮށް މީހެއްގެ ގައިގައި ޖެހުން

- ހިނގައިފައި ދަނިކޮށް މީހެއްގެ ގައިގައި ޖެހި އޭނާގެ އަތުގައިވާ އެއްޗެއް ވެއްޓުން ނުވަތަ ގެއްލުމެއް ލިބުން. (މިފަދަ ޙާލަތެއްގައި މަޢާފު ކުރައްވާށޭ ބުނުމުގެ އިތުރުން އޭނާއަށް ލިބުނު ގެއްލުމެއްގެ ފޫބައްދައިދޭންވެސް ވާނެ އެވެ.)

- ބައްދަލުވުމަކަށް ޙާޒިރުނުވެވުން ނުވަތަ ގަޑިޖެހުން

- ކަމެއް ކޮށްދޭން އެއްބަސްވެފައިވާ މުއްދަތުގައި އެ ކަމެއް ނިންމައި ނުދެވުން

- ކޮށްދޭން ބުނެފައި އޮތްކަމެއް ކޮށް ނުދެވުން ނުވަތަ ކޮށްދޭން އެއްބަސްވި ގޮތަށް ކޮށްނުދެވުން

މިއިން ކޮންމެ ޙާލަތެއްގައި ވެސް އަނެކާގެ ޝަކުވާގެ އަޑު އިވުމުގެ ކުރިން ތިމާ އެމީހެއްގެ ކިބައިން މަޢާފަށް އެދެންވާނެ އެވެ.

ތިމާ ބޭނުން ކަންކަމަށް އެދޭނެ ގޮތްތައް

ކަންކަމަށް ބޭނުންވެގެން މީހުންގެ ކިބައިން އެކަންކަމަށް އެދޭ ތަފާތު ގޮތްތަކެއް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ގޮތްތަކަކީ އެތަނެއްގައި އޮންނަ އިޖްތިމާޢީ މިންގަނޑަށް ނުފެތޭ ހުތުރު ގޮތްގޮތެވެ. އަނެއް ބައި ގޮތްގޮތަކީ ތަނުގެ އާދަކާދައާ ގުޅޭ އަޚްލާޤީ މިންގަނޑަށް ފެތޭ ރިވެތި ގޮތްގޮތެވެ. މީގެ ތެރެއިން ތަޢުލީމު ލިބި ތަހުޛީބުވެފައިވާ އިންސާނުންގެ ގޮތަކީ، ފަހުން މިދެންނެވި ގޮތެވެ.

ކަމަކަށް އެދި ތިމާ އަނެކާއާ ވާހަކަ ދައްކަންވާނީ ރީތި ބަހުރުވަ ބޭނުންކޮށްގެންނެވެ. އަޅުގަނޑަށް މިވެނި ކަމެއް ކޮށްދެއްވިދާނެތޯ އެވެ. ނުވަތަ އެވެނިކަމެއް ކޮށްދެވޭނީ ކޮންގޮތަކަށް ކިހާވަރެއްގެ އަގަކަށްތޯ އެވެ. ނުވަތަ މިވެނިކަމެއް ކޮށްދެއްވައިފީވިއްޔާ ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރުވެރިވާނަމެވެ. މިފަދަ ގޮތަކަށް އެކަމެއްގެ ވާހަކަ ދެންނެވިދާނެ އެވެ.

ކަމަކަށް އެދި ދަންނަވާ ދެންނެވުން ޢިބާރާތް ކުރެވިދާނެ ބައެއްގޮތް:-

- އަޅުގަނޑު މިއުޅެނީ މިވެނިކަމެއް ކޮށްދޭނެ މީހަކު ނުވެގެންނެވެ. (ނަން) އަޅުގަނޑަށް މިކަން ކޮށްދެއްވިދާނެތޯ އެވެ.

- މިވެނި މަސައްކަތެއް ކުރާމީހެއްގެ ޚިދުމަތް މިއުޅެނީ ވަރަށް އަވަހަށް ބޭނުންވެގެންނެވެ. އެކަން (ނަން) އަޅުގަނޑަށް ކޮށްދެއްވިދާނެތޯ އެވެ.

- އަޅުގަނޑު މިއުޅެނީ (މާލީ ޙާލަތު ހުރިގޮތުން) ދަރިފުޅަށް ޔުނީފޯމު ނުގަނެވިގެންނެވެ. މިކަމުގައި އަޅުގަނޑަށް އެއްވެސް ބާވަތެއްގެ އެހީއެއް ވެދެއްވެން އެބައޮތްތޯ އެވެ.

މި ފަދަ އެއްވެސް އެދުމެއްގައި އަމުރުވެރި ރާގެއް ހުރުމެއް ރަނގަޅެއްނުވާނެ އެވެ. ޙާއްޞަކޮށް ތިމާ މީހެއްގެ ކިބައިން ހިލޭ އެހީއަކަށް އެދޭ އިރު އެކަމަށް އެދެންވާނީ ވީހައި ވެސް ރީތިކޮށް އަދަބުވެރިކަމާ އެކުގަ އެވެ. ކަމަކަށް އެދި ތިމާ ހުށަހަޅާ އެދުމަކީ އަނބުރައި ރައްދުވުން އެކަށީގެންވާ އެއްޗެއްކަން ތިމާ ދަންނަންވާނެ އެވެ.

ދުވަސްވީ މީހުންނަށް އިޙުތިރާމުކުރާނެ ގޮތްތައް

ދުވަސްވީ މީހުންނަކީ، ޒުވާނުންނާއި ޅަކުދިންގެ އިޙްތިރާމު ޙައްޤުވެގެންވާ ބައެކެވެ. ޒުވާނުންނާއި ޅަކުދިން ދުވަސްވީ މީހުންނަށް އިޙްތިރާމުކުރަންވާނެ އެވެ. މިގޮތުން ކުރެވިދާނެ ބައެއްކަންތައްތަކަކީ:-

- ދުވަސްވީ މީހުން ތިބޭ ތަންތަނުގައި އެމީހުން ހިތްނުރުހޭ ފަދަ ޢަމަލެއް ނުހިންގުން

- ތަންތަނުން ޚިދުމަތް ދިނުމުގައި މުސްކުޅިންނަށް އެކަންކަން ފަސޭހަކޮށްދިނުން

- މަގު ހިނގުމުގައި މުސްކުޅިންނަށް ތަންދިނުން

- ޢާންމު ތަނަކުން މީހެއްގެ އެހީއަކަށް ބޭނުންވާވަރުގެ، ބަލިކަށި، ލޯބޯކޮށި މުސްކުޅިޔަކު ފެނިއްޖެނަމަ އޭނާއާ އަޅައިލައި މަގު ހުރަސްކުރުން ފަދަ ކަންކަމުގައި އޭނާއަށް އެހީވުން

- މުސްކުޅިވުމުގެ ސަބަބުން އެމީހުންނާ ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ މައްސަލަތަކުގައި އެމީހުންނަށް މަޢާފުކުރުން

- މުސްކުޅިވެ ލޯބޯ ކޮށިވުމުގެ ސަބަބުން އެ މީހުންގެ ފުށުން ތިމާއަށް ލިބޭ ހިތްހަމަނުޖެހުމާއި އުނދަގޫތަކަށް ކެތްކޮށް އެ މީހުންނަށް އޯގާވެރިކަމާ އެކު މުޢާމަލާތު ކުރުން

- މުސްކުޅިން އުފާވާ ކަހަލަ ކަންތައް ކޮށްދިނުން

- މުސްކުޅިންނަށް ކަންކަމުގައި އިސްކަންދިނުން

ކުޑަކުދިންނަށް އޯގާތެރިވާނެ ގޮތްތައް

ކުޑަކުދިންނަކީ ބޮޑެތިމީހުންގެ ރަޙުމާއި އޯގާތެރިކަމަށް ބޭނުންވެފައިވާ ބައެކެވެ. ކޮންމެ ކުޑަކުއްޖަކީ ވެސް ބޮޑެތި މީހުންގެ ލޯތްބާއި އޯގާތެރިކަމާއި އަޅައިލުމަށް ބޭނުންވެފައިވާ ކުއްޖެކެވެ. ކުޑަކުދިންނަކީ މަޢުޞޫމު ބައެކެވެ. އެމީހުންގެ ފަރާތުން ހިނގާ "ގޯސް" ނުވަތަ "ނޭދެވޭ" ކަންތައްތަކަކީ، އެ ކުދިން ކުރާ ކުށެއްނޫނެވެ. ހަމަބުއްދި އަންނަންދެން އެ ކުދިން އެ ތިބެނީ ވެށީގެ ފުރިހަމަ ނުފޫޛުގެ ދަށުގަ އެވެ. އެހެންކަމުން އެ ކުދިންނަށް ކުރެވޭ ނޭދެވޭ ބައެއް ޢަމަލުތައް އިޞްލާޙުކުރަންވާނީ، އޯގާވެރިކަމާއި ލޯތްބާއެކުގަ އެވެ.

ކުޑަކުދިންނަށް އެހައިބޮޑަށް ސަމާލުކަންދީ އޯގާވެރިވާންޖެހޭ ސަބަބަކީ ކުޑަކުދިންނަކީ ބޮޑެތިމީހުންނަށް ކުރެވޭ އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ ބަޔަކަށްވާތީ އެވެ. އެ ކުދިންނަށް ބޮޑެތިމީހުން ދައްކާ ގޮތަށް ވާހަކަ ދައްކާކަށެއް ވެސް ނޭނގެ އެވެ. އެހެންކަމުން އެ ކުދިންނަކީ ބޮޑެތިމީހުންގެ އޯގާވެރިކަމަށް އަބަދުމެ ބޭނުންވެފައިވާ ބައެކެވެ. އެ ކުދިންނަށް ކަންތައް ބުނެދޭންވާނީ ނުވަތަ އެ ކުދިންގެ ކުށްތައް އިޞްލާޙުކުރަންވާނީ އެ ކުދިން ކުށްވެރި ނުކޮށެވެ. ލޯތްބާއި އޯގާވެރިކަމާ އެކުގަ އެވެ.

ކުޑަކުދިންނަކީ ވަރަށް ސާފު ހިތަކާއި ކިލަނބު ކަމެއްނެތް ޅަނދޮޅު ވިސްނުމެއްގެ ވެރި ބަޔެކެވެ. އޯގާވެރިކަމާ އެކު ބުނެދީފި ކަމެއް އެ ކުދިން ޤަބޫލުކުރާނެ އެވެ. އެ ކުދިންގެ ކިބައިގައި އެ ކަމުގެ ޤާބިލުކަން ހުންނާނެ އެވެ.

ކުޑަކުދިންނަށް އޯގާވެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައް:-

- އެކުދިންގެ ބަހުރުވައިން (އެ ކުދިންނަށް ވިސްނޭވަރުގެ ތިލަބަހުން) އެ ކުދިންނާ ވާހަކަދެއްކުން

- އެ ކުދިންނާ ވާހަކަ ދައްކާއިރު އެ ކުދިންނާ އެއްވަރަށް ތިރިވެލައި ވާހަކަދެއްކުން

- އެ ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުމެއް ލިބުނަނުދީ ގެންގުޅުން

- ގާތްތިމާގެ މީހުންގެ ފުށުން އެ ކުދިންނަށް ބޭނުންވާ ރައްކައުތެރިކަން ދިނުން

- އެ ކުދިންނާ އެކު ވަގުތު ހޭދަކުރުން

ކުޑަ ކުއްޖަކު ކަމަކާ ދެރަވެގެން އުޅޭ ހިނދެއްގައި އޭނާއަށް ހަމްދަރުދީވާކަން ފާޅުކޮށް އޭނާއަށް ތަސައްލީ ދިނުން.

No comments:

Post a Comment