Monday, May 2, 2011

ދިވެހިބަހަށް ދޭންވާ ސަމާލުކަން އެބަ ދެވޭބާވައެވެ؟

ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ދިވެހި ވަންތަކަން ދައްކުވައިދޭ ދަންމަރެވެ. އެބަހަކަށްޓަކައި ދިވެހިން ފަޚުރުވެރިވުން ޙައްޤު ބަހެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ހިއްމަތާއި މިންނަތުން އަޅުގަނޑުމެންނާ ހަވާލުކޮށްދެއްވާފައިވާ އަމާނާތެކެވެ. އެހެންކަމުން މި އަމާނާތް އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ދިވެހި ކޮންމެ ފަރުދެއްގެ ވާޖިބެކެވެ. ދިވެހި ޤައުމިއްޔަތު ދިރިވުމަށްޓަކައެވެ. ދިވެހި ވަންތަކަން އިސްކުރުމަށްޓަކައެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު އުފެދުނީއްސުރެ މިއަދާ ހަމަޔަށް ދިވެހިބަސް ކުރިއެރުވުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. ޤައުމީ ފެންވަރުގައްޔާއި ސުކޫލު ފެންވަރުގައެވެ. މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި ޅެންހެދުމުގެ މުބާރާތްތަކެވެ. ވާހަކަދެއްކުމުގެ މުބާރާތްތަކާއި އައުބަސް އުފެއްދުމުގެ މަސައްކަތްތަކެވެ. މިހުރިހައި މަސައްކަތްތަކެއް ކުރައްވަމުންދާއިރު ސުވާލަކީ އެކަށީގެންވާ ނަތީޖާތަކެއް ނެރެވެމުން ދޭބާވައެވެ؟ ހިތާމަޔާއެކު ދެންނެވޭނީ ކިޔަވައި ނިމިގެން މުޖުތަމައަށް ނިކުންނަ ގިނަ ކުދިން ދިވެހިބަހަށް ނުފަރިތަ ކަމުގައެވެ. ވާހަކަ ދެއްކުމާއި ލިޔުމުގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ރާއްޖޭގައި ނެރެވެމުންދާ ނޫސް މަޖައްލާތަކަށް ބަލައިލުމުން ދެންނެވޭނީ ބައެއް ނޫސްވެރިން، ބޭނުންފުޅު ގޮތަކަށް އަޅުގަނޑުމެންގެ ބަސް ބޭނުންކުރައްވަމުން ގެންދަވާކަމަށެވެ. ގިނަ ނޫސްވެރިން ބަހުގެ ހަމަތަކާއި ޤަވާޢިދުތަކަށް އެއްވެސް ސަމާލުކަމެއް ނުދެއްވައޭ ދެންނެވިދާނެއެވެ. ސުކުންކުރުމުގައި ހަމައެއް ލަމައެއް ނެތެވެ. ޢިބާރާތްކުރުމުގައި ބެލުމެއްނެތެވެ. ބައެއް ތަންތަނަށާއި ތަކެއްޗަށް ދިވެހި ލަފުޒުތަކެއް ހެދިފައިވީނަމަވެސް އެކަމަކަށް ދެވޭ މާބޮޑު ސަމާލުކަމެއް ނެތެވެ. ވީއިރު އެފަދަ ލިޔުންތައް ކިޔައި ހަދާ ބަޔަކަށް އަޅުގަނޑުމެންގެ ބަސް އެންމެ ފުރިހަމަ ގޮތުގައި ފަހުމުވަމުންދާނެތޯއެވެ؟ ނުދާނެކަން ޔަޤީނެވެ. އެހެންކަމަށްވާނަމަ ކަމާބެހޭ ފަރާތްތަކުން ކިތަންމެ ބުރަ މަސައްކަތްތަކެއް ކުރެއްވިކަމުގައި ވިޔަސް އެކަމުގެ އެންމެ އެދެވޭ ނަތިޖާއަކާ ހަމައަށް ދިއުން އޮންނާނީ ދުރުގައެވެ. ވީއިރު، މި ކަންކަމަށް ނޫންވެރިން ވެސް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

ސުކޫލުތަކާއި އޮފީސް ދާއިރާއަށް ވިސްނައިލުމުން ވެސް އެ ތަންތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ހާލަތުވެސް ވަކި ރަނގަޅެކޭ ދެންނެވޭކަށް ނެތެވެ. ދިވެހި މާއްދާ ކިޔަވައިދޭ ބައެއް މުދައްރިސުންނަށް ވެސް ގިނަފަހަރަށް ވާހަކަ ދެއްކެނީ އަދި ލިޔެވެނީވެސް ބަހުގެ ޤަވާޢިދުތަކަށް މާބޮޑު ސަމާލުކަމެއް ނުދެވިއެވެ. ދިވެހި ބަހުގައި ހުރުން، އިނުން އަދި އޮތުން އޮންނަ އިރުވެސް މުޅިންހެންވެސް ބޭނުންކުރެވެނީ "އިނުމެވެ". ފާރުގައި ތަސްވީރެއް އިން ވާހަކައެވެ. އަތުގައި އެއްޗެއް އިން ވާހަކައެވެ. ފޮތުގައި އެއްޗެއް އިން ވާހަކައެވެ. ނޫނީ ސިޓީއެއް ނުވަތަ ލިޔުމެއް ޖަހައިދޭ ވާހަކައެވެ. ވީއިރު ދަރިވަރުން އުނގެނެމުންދާނީ ވަކި ކޮންއެއްޗެއްތޯއެވެ؟

ދަރިފުޅުގެ ސުކޫލު މަރުހަލާ ފެއްޓުނީއްސުރެ ނިމެންދެން ބެލެނިވެރިންގެ ބޮލުގެ ރިހުމަކީ ދަރިފުޅު އިނގިރޭސިބަހަށް ދަށްވެދާނެތީވެ ކުރެވޭ ފިކުރުތަކެވެ. އެއް ޓިއުޝަނުން އަނެއް ޓިއުޝަނަކަށް ގެންދަނީ ވަރަށް ބޮޑު އުންމީދު ތަކަކާއެކުގައެވެ. އިނގިރޭސި ބަހުން ކިޔަވާ މާއްދާތަކުން ލިބޭ ނަތީޖާ ރަނގަޅު ކުރުމަށެވެ. ނަމަވެސް މިހާ ގިނަ މަސައްކަތްތައް ކޮށްދޭއިރު ވެސް ގިނަކުދިންގެ ނަތީޖާ އެހައި ރަނގަޅުކަމަކަށް ނުދެންނެވޭނެއެވެ. ވީއިރު މިވާގޮތެއްވެސް ބަލައިލުން މުހިއްމެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވެފައި ވަނީ މާދަރީ ބަހަށް މޮޅުކުދިން ގިނަ ފަހަރަށް އެ ކުއްޖެއްގެ ދެވަނަ ބަހަށް މޮޅުވާނެކަމަށެވެ. ސަބަކީ ބަހުގެ ގިނަ ޤަވާޢިދުތަކަކީ ވަރަށް އެއްގޮތް ޤަވާޢިދުތަކަކަށްވެފައި މާދަރީބަހަށް މޮޅުވުމުން ދެވަނަ ބަސް އުނގެނުމަށް ފަސޭހަވާތީއެވެ. އެހެންކަމުން އިނގިރޭސި ބަހުން ރަނގަޅު ނަތީޖާ ހޯދުމަށް މާދަރީބަހަށް މޮޅުވާން އެބަޖެހެއެވެ. މިކަން ބެލެނިވެރިން ޤަބޫލުކުރަންޖެހެއެވެ.

ދިވެހިބަހަކީ އަޅުގަނޑުމެންގެ މާދަރީ ބަސްކަމަށްވެފައި ދުނިޔޭގައި އެބަސް ބޭނުންކުރަނީ ހަމަ އެކަނި އަޅުގަނޑުމެން ކަމަށްވުމުން ބަސް ކުރިއެރުމުމަށްޓަކައި އަޅުގަނޑުމެން ނުކުރި ކަމެއް ކުރާނެ އެހެން ބަޔަކު ނުތިބޭނެއެވެ. އެހެންކަމުން ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރެވޭނީ އެންމެން އެކަމަށް ސަމާލުކަންދީގެންނެވެ. ޚާއްޞަކޮށް ބަސް އުނގަންނައިދެއްވާ މުދައްރިސުންގެ ޒިންމާ ބޮޑެވެ. ސަބަބަކީ އެ ބޭފުޅުންނަކީ މަގުދައްކަވަން ތިއްބެވި ބޭފުޅުން ކަމަށްވާތީއެވެ. މީގެ އިތުރުން ދިވެހި ބަސް ބޭނުންކުރާ ހަމަ ކޮންމެ މީހަކުވެސް ބަހުގެ ޤަވާޢިދުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނޫންނަމަ އަންނަން އޮތް ޖީލުތަކުގެ އަހުލުވެރިންނާ ހަމަޔަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބަސް ވާޞިލުކޮށެއް ނުދެވޭނެއެވެ.


މުޙައްމަދު ނާޝިދު

(މާޗު 2010ގެ ޖަމާއަތުގެ ޚަބަރުން ނަގާފައި)


1 comment: