އަހަރެމެން ކިތައްމެ ބޮޑު ކަމެއްޖެހިގެން އުޅުނަސް ހާލުބަލައިލުމަށްޓަކައި ނަމަވެސް ގުޅައިލުމަކީ ބޮޑުބެއަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެކަމަކު އެންމެ ދުވަހަކުވެސް އަހަރެމެން ނުގުޅައިފިނަމަ ބޮޑުބެމަތިން ހަނދާން ނައްތާލީދޯއޭ ބުނެ ޝަކުވާކުރާނެއެވެ. ބޮޑުބެ އިސްވެ ނުގުޅަނީ ކީއްވެތޯ ސުވާލުކުރުމުން ބުނަނީ ބޮޑުބެ އަތުގައި މޯބައިލު ފޯނެއް ނެތީކަމަށެވެ. ބޮޑުބެއަށް ފޯނެއް ނުގެންގުޅެވެންވީ ސަބަބެއް ނެތެވެ. ބޮޑުބެ އަކީ ރަށުގެ ނިސްބަތުން ތަނަވަސް މީހެކެވެ. ބޮޑުބެ ބުނީ ފޯނެއް ނުގެންގުޅެނީ ތަނަވަސްކަން ނެތިގެން ނޫންކަމަށެވެ. އެކަމަކު ބޭނުންކުރަން ނޭނގޭތީ ކަމަށެވެ. ފޯނެއް އޮތަސް ފޯނެއްކުރަން ޖެހިއްޖެނަމަ އަބަދުވެސް ޖެހޭނީ ކޮންމެވެސް މީހަކަށް އުނދަގޫކުރަން ކަމަށް ވާތީ ކަމަށެވެ.
މޯބައިލު ފޯނަކީ ތަހުޒީބީ ޒަމާނުގެ އަސާސެއްކަމަށް އަހަރެމެން މާނަކުރި ނަމަވެސް ހަމަ ކޮންމެ މީހަކު އެގޮތަށް މާނަކުރުން މަޖުބޫރުހެއްޔެވެ؟ މޯބައިލު ފޯނުގެ ސަބަބުން ދިރިއުޅުން ކުޑަތަންވެފައިވާކަމަށް އަހަރެމެން ގަބޫލުކުރާއިރު އެއީ ދިރިއުޅުން ބައިބައިކުރާ އެއްޗެއްކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. ތޮއްޖެހި ބަނަވަމުންދާ އާބާދީތަކަށް އޭގެސަބަބުން ލިބޭ އަރާމަކަށްވުރެ ކުރިމަތިވާ އުނދަގުލާއި ފިކުރުބޮޑުކަމަށް ބުނާ މީހުންވެސް އުޅެއެވެ.
މޯބައިލު ފޯނެއް ނުގެންގުޅޭ ހަމަ ކޮންމެ މީހަކު ފޯނެއް ނުހޯދަނީ ދަހިކަމުންކަމަށް ނިންމޭކަށް ނެތެވެ. އެއީ އެމީހެއްގެ މިނިވަންކަން ނުވަތަ ވެށި ބައްޓަންކުރަން އޭނާ ބޭނުންވާ ގޮތްކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މޯބައިލު ފޯނުގެ ޝިކާރައަކަށް ވެފައިވާއިރު އެއީ ހަމަ ކޮންމެހެންވެސް ގެންގުޅެންޖެހޭ އެއްޗަކަށް ވާތީ ގެންގުޅެނީ ކިތައް މީހުންބާވައޭ ހިތަށް އަރައެވެ. ޖަވާބެއް ހޯދަންވެސް އަދި ދޭންވެސް އުނދަގޫ ސުވާލެކެވެ.
މިނިސްޓްރީ އޮފް ޕްލޭނިން އެންޑު ނެޝަނަލް ޑިވޮލޮޕްމަންޓުން 2006ވަނަ އަހަރު އެއްކުރައްވާފައިވާ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު ރާއްޖޭގެ އާބާދީއަކީ 968،298 މީހުންނެވެ. އަދި ހަމަ އެމަޢުލޫމާތުތަކަށް އިތުބާރުކޮށް ޓެލެކޮމޮއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ވެބުސައިޓުގައި އާއްމުކޮށްފައިވާ ގޮތުން ރާއްޖޭގައި 762، 335 މޯބައިލް ސަބްސްކަރައިބަރުން އުޅެއެވެ. މޯބައިލް ފޯނު ގެންގުޅޭ މީހުންގެ އަދަދު އެވަނީ އާބާދީއަށްވުރެވެސް ގިނަވެފައެވެ. އޭގެމާނައަކީ ހަމަ ކޮންމެ މީހެއްގެ އަތުގައި މޯބައިލް ފޯނެއް އޮވެއެކޭ ނޫނެވެ. އަދި އެކަކު އެއް ފޯނަށްވުރެ ގިނަ ފޯނު ނުގެންގުޅެއެކޭއެއްވެސް ނޫނެވެ. އެހެންނަމަވެސް މޯބައިލު ފޯނެއް ނުގެންގުޅޭކަމަށް މީހަކު ބުނެފިނަމަ އަހަރެމެންގެ ހިތަށް ފުރަތަމަވެސް ވެރިވާނީ އެއްކަލަ ފުރައްސާރަތަކެވެ. ކަޓު މީހެކެވެ. ޒަމާނަށް ނުފެތޭ މީހެކެވެ. ދަހި މީހެކެވެ. މީހަކު ފޯނެއް ނުގެން ގުޅެގެން އަހަރެމެން ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟ އެއީ އެމީހަކާ ނުގުޅިދާނެތީހެއްޔެވެ؟ ފޯނެއް ނުގެންގުޅޭ މިހަކާ އެކުގައި އުޅުމަކީ ލަދުގަންނަވަރުގެ ކަމަކަށް ވާތީހެއްޔެވެ؟ ނުވަތަ ފޯނެއް ކޮށްލަން ދީބަލާށޭ ބުނެ ގެންގުޅޭ ފޯނު އަތުލަފާނެތީ ހެއްޔެވެ؟
މޯބައިލު ފޯނުން ޞިއްޚަތަށް ކުރާ ނޭދެވޭ އަސަރުތައް ރަސްމީ ލިޔުމެއްގައި ޝާޢިޢުކޮށް އަންގާފައި ނެތަސް މޯބައިލު ފޯނުގެ ސަބަބުން ކޫސަނި އުނދަގޫތައްވަކަމަށް މީހުން ބުނެއެވެ. ފައިގެ ފަލަމަސްގަނޑުގައި ފޯނު ޖެހޭތަން ކޮންމެވެސް ވަރަކަށް އައްސިވެ ހިރުވާގޮތްވާކަމަށް ފަޓުލޫނު ޖީބަށް ފޯނުލައިގެން އުޅޭ ބައެއް މީހުން ބުނެއެވެ. ކަންފަތުގައި ފޯނުޖައްސައިގެން ގިނައިރު ހުރުމަކީ ބޮލުގެ އެހިސާބުން އިސްތަށި ފައިބާ ކަމެއްކަމަށްވެސް ބުނެއެވެ. އަދި އެއީ ކަންފަތް ބައްވެ ރިހޭކަމެއްކަމަށް ބުނާއަޑުވެސް އިވެއެވެ. މޯބައިލު ފޯނު ގިނައިރު ބޭނުންކުރުމަކީ ޑީއެންއޭ ހަލާކުވުމާއި ދަރިމައިވުމަށް ބުރޫއަރާ ކަމެއްކަންވެސް ފަހުގެ ހޯދުންތަކުން އެނގެއެވެ. އޭގެ ރޭޑިއޭޝަނުން ކެންސަރުޖެހުމަށް ފުރުސަތު އޮންނަކަމަށްވެސް ބުނެއެވެ.
މޯބައިލު ފޯނުގެ ސިނާޢަތަކީ ނުފޫޒުގަދަ ވެށްޓެކެވެ. ވަރުގަދަ ވިޔަފާރިއެކެވެ. އެ ވިޔަފާރިއަށް ބުރުލެއް އަރާފާނެ ވާހަކައެއް ސައިންސްވެރިން ދެއްކުމަކީ އަބުއިކަމަކަށް ވެދާނެއެވެ. މޯބައިލު ފޯނު ބޭނުންކުރުމަކީ ޞިއްޚަތަށް ގެއްލުންހުރި ކަމެއްކަމަށް ސައިންސްވެރިން ބުނާ ބުނުން ވައިގައި ނުހިފަނީ އެހެންވެގެންކަމަށް ވެދާނެއެވެ.
ކުރިއަރާފައިވާ ގައުމުތަކުގެ ވެށްޓަށް ލޯބިކުރާ ބައެއް މީހުން މޯބައިލު ފޯނެއް ނުގެންގުޅެއެވެ. ފުރަތަމަ ސަބަބެއްކަމަށް އެމީހުން ބުނަނީ އެއީ ބޭނުންކުރުން މަނާ ކިތައްމެ މާއްދާއެއް މޯބައިލު ފޯނު އުފެއްދުމަށް ބޭނުން ކުރާތީކަމަށެވެ. މޯބައިލު ފޯނު އުފެއްދުމުގެ މަރުހަލާގައި ތިމާވެށްޓަށް ގެއްލުންހުރި ކިތައްމެ ކަމެއް މެދުވެރިވާތީ ކަމަށެވެ. މިސާލެއްކަމަށް ބުނެ ދައްކަނީ މޯބައިލު ފޯނުގެ ޗިޕްތައް އުފެއްދުމަށް ބޭނުންކުރާ "ކޯލްޓަން"ގެ ވާހަކައެވެ. ބެޓެރި އުފެއްދުމަށް ބޭނުންކުރާ ކެމިކަލްތަކުގެ ވާހަކަ ވަކި ކުރެއްނޫނެވެ.
މޯބައިލު ފޯނު އުފެއްދުމުގައި ސަލާމަތީ މިންގަނޑުތައް ފަހަނައަޅާފައިވާތީ މަޝްހޫރު ކިތައްމެ ކުނަފުންޏަކަށް އިންޒާރުދީފައިވެއެވެ. ބައެއް ފޯނުތައް ކެންސަލް ކުރަންވެސް އަންގާފައިވެއެވެ. ކިތައްމެ މޮޅު ޖާދޫއެއް ދެއްކި ނަމަވެސް އައި ފޯނު އުފެއްދުމުގައި މަނާ ބާވަތްތަކެއް ބޭނުންކޮށްފައިވާތީ ގްރީންޕީސް ޖަމާއަތުން އެޕަލް ކުންފުންޏަށް އިންޒާރު ދިނެވެ. ނަމަވެސް އެއިންކަމަކާމެދު ފިކުރުކުރަނީ އައިފޯނެއް ޖީބަށްލައިގެންދާ ކިތައްމީހުންބާވައެވެ؟ ގެންގުޅޭ ފޯނެއްގެ ފަރިކަމުން ޚަރަދުވެގެންދަނީ ޚަރަދުކުރެވެން ނެތް ކިހައި ފައިސާއެއްކަން އިހްސާސްކުރަނީ ކިތައް މީހުންބާވައެވެ؟ އަހަރެންނަށް ފެންނަފަށުގައި ހުރީ އަހަރެންގެ ބޮޑުބެ އެކަންޏެވެ.
"2 މެއި 2008ގެ ހަވީރު ނޫހުން ނަގާފައި"
ދޭހައިގެ ސުވާލުތަކަށް ޖަވާބުދޭށެވެ.
1. ކިތައްމެ ބޮޑު ކަމެއްޖެހިގެން އުޅުނަސް ހާލު ބަލައިލުމަށްޓަކައިވެސް ގުޅައިލުމަކީ ބޮޑުބެއަށް ކުރެވޭވަރުގެ ކަމެއް ކަމަށް ނުވަނީ ކީއްވެތަ؟
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
2. މޯބައިލު ފޯނަކީ ތަހުޒީބީ ޒަމާނުގެ އަސާސެއްކަމަށް ބައެއް މީހުން މާނަ ކުރިނަމަވެސް އެންމެން އެކަން އެގޮތަށް ނުދޭކޭ ސަބަބު ބަޔާންކުރޭ!
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
3. މޯބައިލް ފޯނު ނުގެންގުޅެނީ އެއީ އެމީހެއްގެ ދަހިކަމުން ކަމަށް ނިންމެން ނެތީ ކީއްވެ؟
-------------------------------------------------------------------------------------------------------------------
4. މޯބައިލް ފޯނެއް ނުގެންގުޅޭކަމަށް މީހަކު ބުނެފިނަމަ އަހަރެމެންގެ ހިތަށް ވެރިވާނީ ކޮން ކަންތައްތަކެއްތަ؟
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
5. މޯބައިލު ފޯނު ގެންގުޅޭ މީހުންގެ ޞިއްޚަތަށް އެއިން ލިބޭ ގެއްލުންތަކަކީ ކޮބާ؟
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
6. މޯބައިލު ފޯނު ބޭނުންކުރުމަކީ ޞިއްޚަތަށް ގެއްލުންހުރި ކަމެއްކަމަށް ސައިންސްވެރިން ބުނާ ބުނުން ވައިގައި ނުހިފަނީ ކީއްވެތަ؟
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
7. މޯބައިލު ފޯނުން ތިމާވެއްޓަށް ލިބޭ ގެއްލުމަކީ ކޮބާ؟
-----------------------------------------------------------------------------------------------------------------
8. ގްރީންޕީސް ޖަމާޢަތުން އެޕަލް ކުންފުންޏަށް އިންޒާރުދޭން ޖެހުނީ ކީއްވެތަ؟
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------