އިސްލާމްދީނުގައި އަޅުކަންކުރަން ޖެހެނީ، ﷲ އެ ކަމަށް އަމުރުކުރައްވައި އަންގަވައިފައިވާތީ، ﷲ އަށް ކިޔަމަންގަތުމުގެ ގޮތުންނެވެ. އަޅުކަންކުރުމަކީ، އަޅުންގެ މައްޗަށް އޮތް ވާޖިބަކަށްވާތީ، އެ ވާޖިބު އަދާކުރުމުގެ ގޮތުންނެވެ.
اَلذَّارِيتُ ސޫރަތުގެ 56 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ، وَمَا خَلَقْتُ الْجِنَّ واْلأِنْسَ إِلاَّ لِيَعْبُدُونِ "މާނައަކީ، ތިމަން ރަސްކަލާނގެ އިންސީންނާއި ޖިންނީން އުފެއްދެވީ ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ."
ކަން މިހެންހުރިކަމުގައި ވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ކަލާނގެ އަޅުތަކުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ އަޅުކަންތަކުގައި އެއުރެންގެ ދުނިޔަވީ ޙަޔާތް ބާއްޖަވެރިވުމަށް މަގުފަހިކޮށްދޭ ބައިތަކެއް ވެސް އެކުލެވިގެންވޭ. އާދެ މި ގޮތުން އެންމެ ފުރަތަމަ ނަމާދަށް ބަލައިލަމާ ހިންގަވާ.
ނަމާދަށް ފަށައިގަތުމުގެ ކުރިން ދެ ޙަދަޘުން ޠާހިރުވެ، ވުޟޫކުރަން ޖެހުމުން އިންސާނީ ޙަޔާތަށް ކޮންމެހެން ބޭނުންވާ އެއް ސިފަ ކަމުގައިވާ ސާފުތާހިރުވުމުގެ ސިފަ ހަރުލައި އިންސާނާ ސާފުތާހިރުވޭ.
ނަމާދަށް ތައްޔާރުވުމުގެ ކުރިން ތިމާގެ ފޭރާމާއި ނަމާދުކުރަން ހުންނަ ތަނާއި ތިމާގެ ހަށިގަނޑު ނަޖިހުން ތާހިރުވެގެންވޭތޯ ބަލައި ކަށަވަރުކުރަންޖެހޭ. އާދެ ތިމާ އާއި ތިމާ ދިރިއުޅޭ ވެށި ސާފުތާހިރުވުމަކީ، ތިމާއަށާއި ތިމާއާ އެކީ އުޅޭ އެންމެންގެ ޞިއްޙަތަށް ފައިދާކުރާނެ ކަމެއް.
އެހެންކަމުން އަޅުކަމަކީ، ޝައްކެއްނެތްގޮތުގައި މީސްތަކުންގެ ކިބައިގައި ސާފުތާހިރުވުމުގެ މާތް ސިފަ އަށަގަންނުވައިދޭ ކަމެއް.
ނަމާދަކީ، ކަނޑައެޅިގެންވާ ވަކި ވަގުތުތަކެއްގައި ކުރަން އޮންނަ އަޅުކަމަކަށްވާތީ، މި އަޅުކަމުގެ ސަބަބުން ވަގުތަށް ޙުރުމަތްތެރިކޮން ހިތުމުގެ މާތް ސިފަ އަށަގަންނުވައިދޭ. ގަޑިން ގަޑިޔަށްް ކަންތައް ކުރުމާއި ވަގުތުގެ އަގު ވަޒަންކުރުމުގެ ތަމްރީނު ލިއްބައިދޭ.
ނަމާދަކީ، އިމާމަކަށް ތަބަޢަވެގެން ކުރަންޖެހޭ އަޅުކަމަކަށްވާތީ، މުޖުތަމަޢުގެ އަފްރާދުންގެ ކިބައިގައި ކިޔަމަންވުމުގެ މާތް ސިފަ އަށަގަންނުވައިދޭ.
ނަމާދަށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އައިސް ގޮސް ފެނި ދެނިވެ އުޅުމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ބީރައްޓެހިކަން ކެނޑި، ގާތްކަން އުފެދި އެކުވެރިކަން އާލާވޭ.
މީގެ އިތުރަށް މާތް ﷲ އަންގަވައިފައިވާ ގޮތުގެ މަތިން ފަސްވަގުތު ނަމާދު އަދާކޮށް އުޅޭމީހުންގެ ކިބައިން މުންކަރާތްތައް މަނާވެ، ފާޙިޝު ކަންތަކާ ދުރުހެލިވެ، ހެއު ކަންތަކަށް ހޭނޭ.
ފޮތުގެ ތެރެއިން ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.
اَلْعَنْكَبُوتُ ސޫރަތުގެ 45 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ، {إنَّ الصَّلاَةَ تَنْهَى عَنِ الْفَحْشَآءِ وَالْمُنْكَرِ} " ހަމަ ކަށަވަރުން ނަމާދު ފާޙިޝު ކަންތަކާއި މުންކަރާތްތަކާ މީހާ ދުރުކުރެ އެވެ. "
ކީރިތި ރަސުލާ صَلَّي اللهُ عَلَيْهِ وَسَلَّمَ r ފަސްވަގުތު ނަމާދުކުރާ މީހެއްގެ މިސާލު ޖައްސަވަމުން ޙަދީޘްކުރައްވަނި އެ ފަދަ މީހެއްގެ މިސާލަކީ ގޭ ދޮރުމަތީގައި އޮންނަ ކޯރަކުން ރެއާއި ދުވާލު ފަސްފަހަރު ފެންވަރައް ސާފުތާހިރުވާ މީހެއްގެ މިސާލޭ. ފަހެ އެ ފަދަ މީހެއްގެ ހަށިގަނޑުގައި އެއްވެސް ކުނި މިލައެއް ހުންނާނެހޭ؟
ޒަކާތާއި ޞަދަޤާތަށް ބަލައިލަމާ ހިންގަވަ
ޒަކާތް ދިނުމުގެ ސަބަބުން ފައިސާވެރިޔާގެ ކިބައިގައި ހުންނަ ދަހިވެތިކަމުގެ ސިފަ އިތުުރުވިޔަ ނުދީ ހިފަހައްޓާ. އަދި ދީލަތިކަމުގެ ސިފަ އިތުރުވޭ. ޒަކާތާއި ޞަދަޤާތުގެ ސަބަބުން މުއްސަދީންނާއި ފަޤީރުންނާ ދެމެދު އޮންނަ މުއްސަނދިކަމާއި ފަޤީރުކަމުގެ ތަފާތު ކުޑަކޮށްދޭ. އޭގެ ނަތީޖާއެއްގެ ގޮތުން މި ދެބައިމީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވޭ. އިޖުތިމާޢީ ހަމަޖެހުމަށް މަގު ފަހިކޮށްްދޭ. މުއްސަދީންގެ އަތުން ފަޤިރުންނަށް ހެއު ފޯރުވައިދިނުމުގެ ސަބަބުން ވައްކަންކުރުން ފަދަ ނޭދެވޭ ޢަމަލުތައް މަދުވޭ.
އާދެ އިސްލާމް ދީނުގައި ޒަކާތަކީ، މައިގަނޑު 8 ބަޔަކަށް ބެހިގެންދާ މުދަލެއް. މާތް ﷲ اَلتَّوبَة ސޫރަތުގެ 60ވަނަ އާޔަތުގައި ވަޙީކުރައްވަނީ، إِنَّمَا ٱلصَّدَقَاتُ لِلْفُقَرَآءِ وَٱلْمَسَاكِينِ وَٱلْعَامِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِي ٱلرِّقَابِ وَٱلْغَارِمِينَ وَفِي سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ فَرِيضَةً مِّنَ ٱللَّهِ وَٱللَّهُ عَلِيمٌ حَكِيمٌ
ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
އާދެ ޞަދަޤާތް އާދެ ޒަކާތް ޙައްޤުވަނީ، ފަޤީރުންނާއި މިސްކީނުންނާއި، ޢާމިލުންނާއި އަލަށް އިސްލާމްވާ މީހުންނާއި، އަޅުންނާއި، ދަރަނިވެރިންނާއި ﷲގެ މަގުގައި ޖިހާދުކުރާ މީހުންނާއި އިބްނުއްސަބީލަށް (ދަތުރުމަތީގައި ޙާލުގައި ޖެހިގެން އަންނަ މީހުން)
اَلطَّبَرَانِي ރިވާކުރެއްވި ޙަދިޘެއްގައި ވަނީ، "اَلصَّدَقَةُ تَسُدُّ سَبْعِيْنَ بَابًا مِنَ السُّوءِ " މާނަ އަކީ، ޞަދަޤާތަކީ، ނުބައިކަމުގެ ހަތްދިހަ ދޮރު ބަންދުކޮށްދޭ އަޅުކަމެކެވެ."
ރޯދަ
ރޯދައާ މެދު ބަލައިލާއިރު އެ އަޅުކަމުގެ މައިގަނޑު މަޤްޞަދަކީ، ތަޤްވާވެރިކަން ޙާޞިލުވުން. އާދެ ތަޤްވާ އަކީ، އޭގެ މާނައަށް ބަލާއިރު މުޅި އިންސާނީ ޙަޔާތުގެ ހުރިހައި ދާއިރާއެއްގައި ވެސް އޭނާއަށް އެންމެ ބޭނުން ސިފަ. އާދެ ބަޤަރާ ސޫރަތުގެ 185ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ، {يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ}
رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.
އާދެ މި އާޔަތުގައި ރޯދައިގެ މަޤްޞަދެއްކަމުގައި ﷲ ވަޙީކުރައްވަނީ، ތަޤްވާވެރިވުން އާދެ! ވަޙީ ކުރައްވަނީ {لَعَلَّكُمْ تَتَّقُونَ} "ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކަ އެވެ. " މިފަދައިން.
ރޯދައިގެ ސަބަބުން އިންސާނާގެ ހަވާ ނަފްސުގެ އެދުންތަކާ އޭނަ ދުރުކޮށްދޭ. އޭނާގެ ކިބައިގައި ނަފްސުގެ ނުބައި އެދުންތަކާ ހަނގުރާމަކުރުމުގެ ބާރު އަށަގަންނުވައިދޭ. ކެތްތެރިވުމުގެ ތަމްރީނު ލިބިދޭ، ބަނޑުހައިހޫނުކަމުގެ އަސަރު ތިމާއަށް އިޙްސާސްވުމުގެ ސަބަބުން ފަޤީރު ނިކަމެތީންނަށް އެހީވުމުގެ ޝައުޤުވެރިކަން އުފެދި ފަޤީރުންނަށް އެހީވެދޭ. ކީރިތި ޤުރްއާން ކިޔެވުމާއި ޞަދަޤާތްކުރުމާއި ގިނަގިނައިން ނަމާދުކުރުމަށް މަގު ފަހިވޭ.
ޙައްޖު
ޙައްޖަކީ، މުސްލިމުންނަށް ޢަމަލީގޮތުން މާތް އެތައް ސިފައެއް ދަސްކޮށްދޭ އެކަމަށް ތަމްރީނު ލިއްބައިދޭ އަޅުކަމެއް. ޙައްޖުގައި ވެސް ތިމާގެ ހަވާ ނަފްސުގެ އެދުންތަކާ ދުރުވެގެން ހުންނަންޖެހޭ. ބައެއް ހުއްދަ ކަނަކަމުން ވެސް އެއްކިބާވެގެން ހުންނަންޖެހޭ. އެއްދާން ކުރުމާއި އަރައިރުންވުމާއި ތަޅައިފޮޅުން ފަދަ އެތައް ކަމަކުން ޙައްޖުގެ ތެރޭގައި އެއްކިބާވާންޖެހޭ. ޙައްޖަކީ، އިސްލާމްދީނުގައި އޮންނަ އިންސާނީ ހަމަހަމަކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ އަޅުކަމެއް. އެ ކަމުގެ ތަންރީނު ލިބިދޭ އަޅުކަމެއް. އެންމެން ތިބެނީ، އެއް ފޭރާމެއްގައި އަމީރަކަށް ވަޒީރަކަށް ފަޤީރަކަށްް މުއްސަންޖަކަށްް ތަފާތެއް ނޯވެ.
އަޅުގަނޑުގެ ދުޢާ އަކީ، އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވައިފައިވާ އަޅުކަންތައް އަދާކުރާ ބަޔަކުކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީ، އެ އަޅުކަންތަކުގައި ހިމެނޭ ފައިދާތައް ޙާޞިލުވާ ބަޔަކު ކަމުގައި ލެއްވުން. ﷲ ސުބަޙާނަހޫ ވަތަޢާލާ އަޅަމެންނަށް އެ ކަލާގެ ރުއްސަވާ މަގަށްް ތައުފީޤު ދެއްވާށި - އާމީން
وَالسَّلاَمُ عَلَيْكُمْ وَرَحْمَةُاللهِ وَبَرَكَاتُهُ
No comments:
Post a Comment