Tuesday, February 21, 2012

ހަރުކަށިކަން ދައްކައިގެން ކަންކަން ހައްލުކުރުން- އެންމެ ރަނގަޅު ހައްލުބާ؟ މުހައްމަދު ނާޝިދު، އެސްކިޑް

ކޮންމެ މީހަކުވެސް ބޭނުންވާނީ، ކޮންމެ ކަމެއްވެސް އެކަމެއް އޮންނަ އެންމެ ރަގނގަޅަކަށް ކުރުމަށެވެ. ނުވަތަ ބަޔަލު ލައްވާ އެކަމެއް ވީއެންމެ ރަނގަޅަކަށް ކުރުވުމަށެވެ. މިގޮތަށް ކަންތައްތައް ކުރުވުމަށް ބައެއްފަހަރު އެކިއުކުޅުތައް ބޭނުންކުރެވެމުންދެއެވެ. ނަޞޭޙަތްދީހެދެއެވެ. ބިރުދެއްކެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދަބު ދެވެއެވެ. މިއިން ކޮންމެ ކަމެއްވެސް މިކުރެވެނީ އެކަމެއް ރަނގަޅުކުރުމުގެ ނަމުގައެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ކަންކަން ހައްލުކުރުމަށް ހަރުކަށިކަން ދެއްކުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ހައްލުބާވައެވެ؟

މީގެ ތިރީހަކަށް އަހަރުކުރިއަށް ޖެހިލަމާތޯއެވެ! އެއިރު ހުރި އެދުރުގެ ތަކާއި މަދުރަސާތަކުގައި ތަޢުލީމު ޙާޞިލުކުރަމުން ދިޔަ ކުދިންގެ އަޚުލާޤާމެދު ވިސްނާލާއިރު ދެންނެވޭނީ އެދުވަސްވަރުގެ ކުދިންގެ އަޚުލާޤު ވަރަށް ރަނގަޅުކަމަށެވެ. އެއިރު މުދައްރިސުންގެ ކުރިމަތީގައި ބަސްކިޔައި ހެދުމަކީ ވަރަށް ހުތުރު ޢަމަލެކެވެ. އެދުވަސްވަރު މަގަކުން އެދުރުބެއަކު ނުވަތަ އެދުރު ދައިތައަކު ހިނގާފައި ދިޔަޔަސް ކުއްޖަކަށް ކުރިކަނޑާލަންވެސް ނުކެރެއެވެ. ގަންނާކުރައްވާ ބިރެއްގެ ސަބަބުންނެވެ. އަދި ގަންނަ ލަދެއްގެ ބޮޑުކަމުންނެވެ. އެކަމަކު އެއިރުގެ ކުދިންނަށް ދެވެމުން ދިޔަ އަދަބުތައް އެއްގޮތަކަށްވެސް ރަނގަޅުކަމުގައި ދެންނެވޭކަށް ނެތެވެ. އެއީ ވަރަށް ކުދިކުދި ކަންތައްތަކާމެދުގައިވެސް ވަރަށް ހަރުކަށި އަދަބުދެވިފައިވާތީއެވެ. މިސާލަކަށް އަވީގައި ބެއިތިއްބުމާއި ކޮޅަށްނަގާފައި ދެއަތް ދެންމުމަށްފަހު ދެއަތައް ދެގާބުރިލާފައި ބެއިތިއްބުމެވެ. ހަމައެހެންމެ ކިހިލިފަތްދޮށަށް ތޫނުކޮށްފައި ހުންނަ އިލޮށިލައި ކިރިޔާވެސް އަތް ތިރިކޮށްލައިފިނަމަ ގަޔަށްވަންނަގޮތަށް ބެހެއްޓުމެވެ. މިފަދަ އެތައް އަދަބެއް އެދުވަސްވަރު ދީއުޅުނެވެ.

ޒަމާން ބަދަލުވެއްޖެއެވެ. ހޭލުންތެރިކަން އާއްމުވެއްޖެއެވެ. ފަރުދީ ޙައްޤުތަކުގެ ވާހަކަދެކެވެން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުވެ ކަންކަމާމެދު ދެކޭގޮތް ބަދަލުވާން ފަށައިފިއެވެ. އެހެނަސް ހިތާމަޔާއެކު ދަންނަވަންޖެހެނީ މިއައި ބަދަލުގެ ސަބަބުން ހަރުކަށިކަން އިތުރުވެ މަދަނީ ބަސްނޭހުމުގެ ޘަޤާފަތް އާއްމުވި ވާހަކައެވެ. ސުކޫލު މަދަރުސާތަކުގައި މުދައްރިސުންނާއި ސުކޫލުގެ އިސްފަރާތްތަކަށް ބަސްކިޔައިދޭ ބަޔަކު ކަމުގައި ބެލެނިވެރިންނާއި ދަރިވަރުންވީ ވާހަކައެވެ. ނަތީޖާއެއްގެ ގޮތުން ސުކޫލުތައް ހިންގުން ދަތިވެއްޖެއެވެ. އަދަބު އަޚުލާޤު ނެތި ހިނގައްޖެއެވެ. ކިޔަމަންތެރިކަމާއި ހިތްތިރިކަމަކީ ފިނޑިމީހުންގެ ކަމަކަށްވެ ނިމިއްޖެއެވެ. މިކަންކަން މިހެންވުމުގެ ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ދެކެނީ އެއީ ކުދިންނަށް ކުރިން ދެވެމުން އައި އަދަބުތައް ނުދެވުން ކަމަށެވެ. މިކަންޖެހޭނީ ދިރާސާ ކުރާށެވެ.

ސުކޫލުގެ ޤަވާޢިދުތަކަށް ބޯލެނބުމަކީ ސުކޫލުގައި އުޅޭ ހަމަކޮންމެ ކުއްޖެއްގެ ވާޖިބެކެވެ. މިޤަވާޢިދުތައް މުގުރައި، ހިތުހުރިގޮތަކަށް އެއްވެސް ކުއްޖަކަށް ސުކޫލުގެ މާޙައުލުގައި އުޅެވިގެން ނުވާނެއެވެ. އެހެންކަމުން ކުށްކުރާ ކުދިންގެ މަޢުލޫމާތު ނޯޓުކޮށް އެކުދިންގެ މައިންބަފައިންނާއި ބަލަދުވެރިންނަށް މިހާރަށްވުރެ ބޮޑަށް އެކަންކަން އަންގާ، އެކުދިންނަށް ނަސޭހަތާއި އިރުޝާދު ދެވެމުންދާނަމަ އަދި ކަންކަން މަނާކުރާ ސަބަބުތައް އޮޅުންފިލުވައި ދެވެމުންދާނަމަ މިކަންކަމަކީ ހަމަ ކޮންމެ ކުއްޖަކުލައްވާ ގަދަބާރުން ޙައްލުކުރަންޖެހޭ ކަމަކަށް ނުވާނެއެވެ. އެހެނީ ރުޅިވެރިކަމާއެކު ތިމާމެންގެ ބާރާއި ނުފޫޒު އަނެކުންނަށް ދައްކަން އުޅުމުން ހަމައެމީހުންވެސް އެމީހުންގެ ބާރާއި ނުފޫޒުހުރިވަރު ތިބާއަށް ދެއްކުމަށް ކުރެވެންހުރި ހުރިހައި ކަމެއް ކުރާނެކަން ޚުދު ތިބާ ދަންނަންޖެހޭނެއެވެ.

ވިސްނާލަންޖެހޭ މުހިއްމު އަނެއް ކަމަކީ، ޤަވާޢިދުތައް ތަންފީޒުކުރުމަކީ ވަކި ސުކޫލަކަށް، ވަކި ކުދިބަޔަކަށްވީތީވެ އޮތްކަމެއް ނޫންކަމެވެ. ބައެއް ސުކޫލުތަކުގެ ކުދިންނަށް ލޫސް ބެގީކުރުމާއި ފާޑުފާޑުގެ ގަހަނާ އެޅުން އަދި ހިތުހުރިގޮތަކަށް ބޮލުގެ އިސްތަށިގަނޑު ބެހެއްޓުން ހުއްދަވެފައި އަދި ތުނބުޅި މަތިމަސް ބެހެއްޓުން އެންމެ ރަނގަޅުކަމަށް ވާނަމަ އެހެނިހެން ސުކޫލުތަކުގެ ކުދިންވެސް އެފަދަ މިނިވަންކަމެއް ބޭނުންވާނެއެވެ. އެހެންކަމުން ސުކޫލު މަދުރަސާތަކުގެ ވެރިން، ސުކޫލު މަދުރަސާތައް ހިންގެވުމަށް ތަޢުލީމީ ވުޒާރާއިން ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކާއި އުޞޫލުތައް ދެމެހެއްޓެވުމަކީ މުހިއްމު ކަމެކެވެ. އަދި ތަޢުލީމީ ވުޒާރާގެ ވެރިންވެސް ވަކިބަޔަކަށް ވަކިގޮތެއް ނުގެންގުޅުއްވާ، މިކަންކަމަށް ތަރުހީބުދެއްވުން ވަރަށް މުހިއްމެވެ.

ކުދިންގެ އަޚުލާޤާއި ސުލޫކަށް އައިސްފައިވާ ނުރަނގަޅު ބަދަލާމެދު ވިސްނައި އެކަމަކީ ޤައުމުގެ މުސްތަޤުބަލު އަނދަވަޅަކަށް ވައްޓާލުންފަދަ ކަމަކަށްވާއިރު، މިކަންކަމާ ސަމާލުވުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ. މި ވާޖިބު އަދާކުރުމަށް ފަސްޖެހިއްޖެ ނަމަ އާޚިރުގައި މިކަންކަމުން ލިބޭ ގެއްލުމުގައި ހަމަ ތިބާވެސް ހިއްސާވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެންކަމުން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ވާޖިބު އަދާކުރެއްވުމަށް އިލްތިމާޞް ކުރަމެވެ. އަދި ހަރުކަށިކަން ދައްކަވައިގެން ކަންކަން ހައްލުކުރެއްވުމުގެ ބަދަލުގައި ހެޔޮގޮތާއި ރަނގަޅުގޮތް ބުނެދެއްވައި، އެންމެން އެކުވެގެން އެކައްޗެއްކިޔައިގެން ކަންކަން ހައްލުކުރެއްވުމަށް ގޮވާލަމެވެ. "2009ގެ ޖަމާއަތުގެ ޚަބަރުގައިވާ ލިޔުމަށް ކުދި ބަދަލުގެނެސްފައި"

ދޭހައިގެ ސުވާލުތަކަށް ޖަވާބުދޭށެވެ.

1. ކަންކަން ކުރުވުމަށް ބޭނުންކުރެވޭ އުކުޅުތަކަކީ ކޮބާ؟

------------------------------------------------------------------------------------------------------------------

2. "އެދުވަސްވަރު މަގަކުން އެދުރުބެއަކު ނުވަތަ އެދުރު ދައިތައަކު ހިނގާފައި ދިޔަޔަސް ކުއްޖަކަށް ކުރިކަނޑާލަންވެސް ނުކެރެއެވެ." މިޖުމުލައިގައި ކުރިކަނޑާލަންވެސް ނުކެރެއޭ އެބުނާ ވާހަކައ އިތުރަށް އޮޅންފިލުވައިދޭށެވެ.!

--------------------------------------------------------------------------------------------------------------------

3. ޒަމާނަށް އައި ބަދަލުގެ ސަބަބުން މުޖުތަމަޢުގެ ފަރުދުންނަށް އައި ނުރަނގަޅު ދެ ބަދަލަކީ ކޮބާ؟

----------------------------------------------------------------------------------------------------------------

4. ދޭހައިގެ ތިންވަނަ ޕެރެގުރާފުގައި " ކިޔަމަންތެރިކަމާއި ހިތްތިރިކަމަކީ ފިނޑިމީހުންގެ ކަމަކަށްވެ ނިމިއްޖެ"ކަމަށް ބުނެފައިވެއެވެ. މިކަން މިހެން ދިމާވީ ކީއްވެހެއްޔެވެ؟

----------------------------------------------------------------------------------------------------------------

5. ގަދަބާރުން ޙައްލުކުރަންޖެހޭ ކަމަކަށް ކަންކަން ބަދަލުވަނީ ކީއްވެހެއްޔެވެ؟

-----------------------------------------------------------------------------------------------------------------

6. ބައެއް ކަންކަމުގައި ވަކިބަޔަކަށް ވަކިގޮތެއް ގެންގުޅޭކަމަށް ނުސީދާގޮތެއްގައި މިލިޔުމުގައި ބުނެފައިވަނީ ކޮންފަރާތަކުންހެއްޔެވެ؟ އަދި އެފަރާތުން ގެންގުޅޭކަމަށް އެބުނާ ތަފާތުކުރުންތަކަކީ ކޮބައިހެއްޔެވެ؟

----------------------------------------------------------------------------------------------------------------

7. ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބުއަދާކުރުމުގައި ފަސްޖެހިއްޖެނަމަ ވާނެކަމަށް އެބުނާ ގޮތަކީ ކޮބާ؟

-----------------------------------------------------------------------------------------------------------

8. ތިރީގައިވާ ލަފުޒުތަކުގެ މާނަ ހޯދާށެވެ!

ހ. އުކުޅު ޕ 1 --------ށ. ބަސްކިޔުން ޕ 3 --------ނ. ބޯލެނބުން ޕ 4 ---------ރ. ހިއްސާވުން ޕ 6 ---

No comments:

Post a Comment