މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ކިޔަވާކުދިންގެ ޢާއްމު ޤަވާޢިދު
ފެށުން
މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތީން، ކިޔަވާކުދީންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި އެކުދިންގެ އުޅުމާއި އަޚުލާޤު ބަހައްޓަންވީ ގޮތާއި، ތަޢުލީމު ޙާޞިލްކުރާ ދުވަސްވަރު ޢަމަލުކުރަންވީ ގޮތް ކަނޑައަޅާ ޢާއްމު ޤަވާޢިދެވެ. މި ޤަވާޢިދުގެ އިތުރުން، މި ޤަވާޢިދާ ތަޢާރުޒުނުވާ ގޮތުން، ކޮންމެ މަދަރުސާއަކުން އެ މަދަރުސާއެއްގެ ކުދިން ޢަމަލުކުރުމަށް ހަދާ ޤަވާޢިދު ހުންނަންވާނެ އެވެ.
މަޤްޞަދު
މި ޤަވާޢިދުގެ މަޤްޞަދަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުން ނުކުންނަ ކޮންމެ ކުއްޖަކީ ދީނާއި ޤައުމަށް ތެދުވެރި، ރަނގަޅު އަޚުލާޤާއި ސުލޫކު ހުރި، އަނެކުންނަށް އިޙުތިރާމުކުރާ، އުފެއްދުންތެރި، މަސައްކަތްތަކަށް ހުނަރުވެރި، ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ، ދިވެހި ރައްޔިތަކަށް ހެދުމަށް ކިޔަވާކުދިންނަށް މަގުފަހިކޮށްދިނުމަށް ޓަކައި ސްކޫލްކުދިންގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ކަނޑައެޅުމެވެ.
މި ޤަވާޢިދު ހިންގާ ދާއިރާ
މި ޤަވާޢިދު ހިންގާނީ ތަޢުލީމުދޭ މަދަރުސާތަކުގެ ދަރިވަރުންގެ މައްޗަށެވެ. މި ޤަވާޢިދު ތަންފީޒުކުރާނީ ސްކޫލް މަދްރަސާތަކުންނާއި، ދަރިވަރުންނަށް ތަޢުލީމުދިނުމުގައި ޝާމިލުވާ ފަރާތްތަކުންނެވެ.
މި ޤަވާޢިދުގައި” މަދަރުސާ“ އާއި ”ސްކޫލް“ ބޭނުންކޮށްފައިވާނީ ކިޔަވާކުދިންއުޅޭ ޢާއްމު ތަޢުލީމުދޭ ތަންތަނުގެ މާނައިގަ އެވެ.
ގަވާޢިދު ތަންފީޒުކުރުން
މަދަރުސާތަކުން، ކިޔަވާކުދިން މި ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރުވުމަށް މަސައްކަތްކޮށް، މި ޤަވާޢިދު ތަންފީޒުކުރަންވާނެ އެވެ. އަދި ހަމައެހެންމެ، ކިޔަވާކުދިންގެ ބެލެނިވެރިން މި ޤަވާޢިދަށް އެކުދިން ޢަމަލު ކުރުވުމަށް ބާރުއަޅައި، މި ޤަވާޢިދަށް ޢަމަލު ކުރާކަން ކަށަވަރުކުރަންވާނެ އެވެ. ކުދިން މި ޤަވާޢިދާ ޚިލާފުވެއްޖެ ޙާލަތެއްގައި، އެ ކަމުގެ އިޙުމާލު ބެލެނިވެރިންގެ ކިބައިގައި އޮވެއްޖެ ނަމަ، އެ ކަމުގެ ޒިންމާ ބެލެނިވެރިން އުފުލަންވާނެ އެވެ.
މި ޤަވާޢިދު ތަންފީޒު ކުރުމުގައި މުދައްރިސުންގެ ދައުރު ވަރަށް މުހިންމެވެ. މި ޤަވާޢިދު ދޭތެރެ ދޭތެރެއިން ދަރިވަރުންނަށް އޮޅުން ފިލުވާދިނުމާއި، ޤަވާޢިދުގައި ހިމެނޭ ކަންތައްތައް ކުދިންނަށް ވިސްނާދިނުމާއި، މި ޤަވާޢިދުގައި ހިމެނޭ ތަރުބިއްޔަތުގެ ބައި ކިޔަވާދޭންވާނެ އެވެ. އަދި، އެކިއެކި ޙަރަކާތްތަކުގެ ތެރެއިން، ކުދިންނަށް ލިބިދެވޭ ކަންތައްތައް ކޯ-ކަރިކިއުލާ ޙަރަކާތްތަކުން ލިބިދިނުމާއި، މި ޤަވާޢިދު ތަންފީޒު ކުރުމުގައި ސްކޫލަށް އެހީތެރިވެ ދިނުމަކީ މުދައްރިސުން ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭނޭ ކަމެކެވެ.
މާއްދާތައް
1. ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުން
1.1 ކޮންމެ ކިޔަވާކުއްޖަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، ދީނުގައި ކުރުމަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ކުރާ، ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެގެންވާ ކުއްޖަކަށް ވާންވާނެ އެވެ.
1.2 ކޮންމެ ކިޔަވާކުއްޖަކީ ރާއްޖޭގެ ޤާނޫނުތަކަށާއި ގަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބާ، ކިޔަމަންވާ ކުއްޖެއްކަމުގައި ވާންވާނެ އެވެ.
2. ސްކޫލަށް ޙާޟިރުވުމާއި ސްކޫލަށް ސަލާމް ބުނުން
2.1 ކޮންމެ ކިޔަވާކުއްޖަކު، އެ ކުއްޖަކު ތަޢުލީމު ޙާޞިލުކުރާ ސްކޫލުން އަންގާ ގޮތެއްގެ މަތިން ކިޔެވުމަށް ގަޑިއަށް ޙާޒިރުވާންވާނެ އެވެ. އަދި ސްކޫލުން ހިންގާ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެއްޖެ ނަމަ، ސްކޫލުން އަންގާ ގަޑިއަކަށް ޙާޒިރުވާންވާނެ އެވެ.
2.2 ބަލިވެގެން ނުވަތަ އެ ނޫންވެސް މަޤުބޫލު ސަބަބަކާ ހުރެ ކިޔެވުމަށް ޙާޒިރުނުވެވޭގޮތް ވެއްޖެނަމަ، ސަބަބު ބަޔާންކޮށް ބެލެނިވެރިޔާ ސޮއިކޮށްފައިވާ ލިޔުމެއް، ދަރިވަރުން ކިޔަވަން ޙާޒިރުވާ ފުރަތަމަ ދުވަހު ސްކޫލަށް ހުށަހަޅަންވާނެ އެވެ. މި ލިޔުން ފޮނުވުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ. އަދި މި ލިޔުމުގައި ޓީޗަރު ސޮއިކުރަންވާނެ އެވެ.
2.3 ގައިން ގަޔަށް އަރާ ބައްޔެއް ދަރިވަރަކަށް ޖެހިއްޖެނަމަ، ކިޔަވަން ޙާޟިރުވާންވާނީ ޑޮކްޓަރަކު، ނުވަތަ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއަކު، ނުވަތަ ޢާއިލާގެ ޞިއްޙީ އެހީތެރިއަކު އެ ބައްޔެއް ފަސޭހަ ވެއްޖެކަން ކަށަވަރުކޮށްދިނުމަށްފަހުގަ އެވެ. އަދި، އެ ފަދަ ބައްޔަކުން ޝިފާ ލިބުމަށްފަހު، ދަރިވަރު ކިޔަވަން އަންނަ ދުވަހު، އެއިން ފަރާތެއްގެ ލިޔުމެއް މަދަރުސާގެ އިދާރާއަށް ހުށަހަޅަށްވާނެ އެވެ.
(ނޯޓު: ގައިން ގަޔަށް އަރާ ބައްޔެއް ޖެހިއްޖެނަމަ ޢަމަލްކުރައްވާނެ އުޞޫލްތަކާ ބެހޭ މަޢުލޫމާތު މި ލިޔުމުގެ ފަހަތުގައި ވާ ޖަދުވަލުގައި ހިމެނިފައިވާނެ އެވެ.)
3. ސްކޫލަށް ގެންދަންޖެހޭ ތަކެތި
3.1 ސްކޫލްގެ ޓައިމްޓޭބަލުގައި ވާގޮތަށް ކިޔެވުމަށް ބޭނުންވާ ތަކެއްޗާއި، ސްކޫލަށް ގެންދިއުމަށް ސްކޫލުން އަންގާ ތަކެތި ސްކޫލަށް ގެންދަންވާނެ އެވެ. އެ ނޫން ތަކެތި ސްކޫލަށް ގެނެސްގެން ނުވާނެ އެވެ. އަދި މި ކަމުގައި ބެލެނިވެރިން ޒިންމާވާންވާނެ އެވެ.
3.2 ކިޔެވުމަށް ނުވަތަ ކިޔެވުމާގުޅޭ ކަމަކަށް ގެންނަންވާނީ އެ ކުއްޖެއްގެ ގުރޭޑާއި ޢުމުރާ ގުޅޭ އާދައިގެ ފެންވަރުގެ ތަކެއްޗެވެ. މި ގޮތުން ގެންނަ ތަކެތި ވާންވާނީ މާ އަގުބޮޑުނޫން ތަކެތިކަމުގަ އެވެ.
3.3 3.1 ގައި ހިމެނިފައިވާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ސްކޫލަށް ގެނެސްގެން ނުވާނެ އެވެ.
4. ކިޔަވާކުދިންގެ ޔުނީފޯމާއި ހެދުން
4.1 ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ސްކޫލަށް ޙާޒިރު ވާންވާނީ އަދި، ސްކޫލްގެ ނަމުގައި ދާންޖެހޭ ކޮންމެ ތަނަކަށް ދާންވާނީ ސްކޫލުން ކަނޑައަޅާ ޔުނީފޯމެއްގަ އެވެ. މިއިން އިސްތިސްނާކުރެވޭނީ ސްކޫލް ޔުނީފޯމު ނޫން ހެދުމެއްގައި ކުރުމަށް ސްކޫލުން ކަނޑައަޅާ ކަންކަމެވެ.
4.2 ސްކޫލް ޔުނީފޯމާ އެކު އަންހެންކުދިންނަށް ގަހަނާގެ ގޮތުގައި ބޭނުންކުރެވޭނީ ޢާންމުގޮތެއްގައި ކަރުގައި އަޅާފައި އޮންނަ ފަށެކެވެ. އަދި މި ފަށް އޮންނަންޖެހެނީ ނުފެންނަގޮތަށެވެ.
4.3 ފިރިހެންކުދިން އެއްވެސް ބާވަތެއްގެ ގަހަނާއެއް ޔުނީފޯމާ އެކު ނުވަތަ ސްކޫލުން ބޭރުގައި ވިޔަސް އަޅައިގެން ނުވާނެ އެވެ. މި ކަމުގައި ބެލެނިވެރިން ޒިންމާވެލައްވަންވާނެ އެވެ.
4.4 ކޮންމެ ކިޔަވާ ކުއްޖަކު ބޮލުގެ އިސްތަށިގަނޑު ސާފުކޮށް ބަލަހައްޓައި، ނިޔަފަތި ދިގުވިޔަނުދީ ކަނޑަންވާނެ އެވެ. އަދި ތަމްޘީލުތަކުގައި ކުރަންޖެހޭ މޭކަޕް ފިޔަވައި ސްކޫލް ޔުނީފޯމުގައި އަދި ސްކޫލްގެ ކަންތައްތަކުގައި އުޅޭ އިރު، އެއްވެސް ބާވަތެއްގެ މޭކަޕެއް ނުކުރެވޭނެ އެވެ. އިސްތަށިގަނޑު ޑައިކޮށް، ކުލަޖައްސައި، ޖެލް ލުމަކީ މަނާކަމެކެވެ.
5. ކިޔަވާކުދިން ރަށުން ބޭރަށް ދިއުން
5.1 ސްކޫލު ގެ ކިޔެވުން އޮންނަ ދުވަސްވަރު ސްކޫލްކުއްޖަކަށް ރަށުންބޭރަށް ދެވޭނީ އެކުއްޖަކު ކިޔަވަންދާ ސްކޫލަކަށް ބެލެނިވެރިޔާ ލިޔުމަކުން އަންގައި، ލިޔުމަކުން ސްކޫލްގެ ހުއްދަ ލިބިގެންނެވެ. މީގެ ތެރޭގައި ބަންދުދުވަހެއްގައި ބެލެނިވެރިޔާގެ ހުއްދައާ އެކު ރަށުން ބޭރަށްދިޔުމެއް ނުހިމެނެ އެވެ.
5.2 ސްކޫލްގެ ޗުއްޓީގައި ސްކޫލްގައި ހިނގަމުންދާ ޙަރަކާތެއްގައި ބައިވެރިވެފައިވާ ދަރިވަރަކު ނަމަ، ރަށުންބޭރަށް ދާންވާނީ ބެލެނިވެރިޔާގެ ލިޔުމަކުން އެކަން ސްކޫލަށް އަންގައި ސްކޫލުގެ ލިޔުމަކުން ހުއްދަ ލިބިގެންނެވެ.
6. އަނެކާއަށާއި ތަކެއްޗަށް ރައްކާތެރިވުން
6.1 ސްކޫލުން އަދި ސްކޫލުން ބޭރުގައި ވެސް އެހެން ކުއްޖަކަށާއި މީހަކަށް، ނުވަތަ ތަންތަނާއި އެއްޗެއްސަށް، ގެއްލުމެއް ލިބިދާނެ ފަދަ ޢަމަލެއް ކޮށްގެން ނުވާނެ އެވެ. އަދި މި ފަދަ ޢަމަލެއް ކުރާ ބަޔަކާ ބައިވެރިވެގެން ނުވާނެ އެވެ.
6.2 އެއްވެސް ކިޔަވާ ކުއްޖަކު އެހެން ދަރިވަރެއްގެ އެއްޗެއް އެ ދަރިވަރެއްގެ ހުއްދަނެތި ނަގައި، ނުވަތަ ބޭނުންކޮށްގެން ނުވާނެ އެވެ. އަދި މި ގޮތުން ބޭނުންކުރުމުގައި ވެސް އެ އެއްޗަކަށް ރައްކައުތެރިވާންވާނެ އެވެ.
6.3 ކިޔަވާ ކުއްޖެއްގެ އަތުން އެހެން ކުއްޖަކަށް، މީހަކަށް ނުވަތަ ސްކޫލްގެ އެއްޗަކާއި ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ، އޭގެ ފުރިހަމަ ޒިންމާ އެ ކުއްޖަކާއި އަދި އެކުއްޖެއްގެ ބެލެނިވެރިޔާ އުފުލަންޖެހޭނެ އެވެ.
7. ސްކޫލުން ބޭރު ޙަރަކާތްތަކުގައި ބައިވެރިވުން
7.1 އެކިއެކި ކުލަބު، ޖަމްޢިއްޔާ، ޖަމާޢަތް، އެސޯސިއޭޝަން ފަދަ ތަނެއްގެ ހަރަކާތެއްގައި އެ ދަރިވަރަކު ކިޔަވާ ސްކޫލަކުން ހަމަޖައްސައިގެން، ނުވަތަ ހުއްދަ ލިބިގެން ނޫންގޮތަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަނަކަށް ފާހަގަކުރެވިގެން އެސޯސިއޭޝަންގެ އެދުމާ އެކު ބެލެނިވެރިޔާ އާއި ސްކޫލުގެ ހުއްދަ ލިޔުމަކުން ލިބިގެން ބައިވެރިކުރެވިދާނެ އެވެ.
7.2 ކިޔަވާ ކުއްޖަކު އެކުއްޖެއްގެ ސްކޫލްފަރާތުން ނޫން ގޮތެއްގައި ޢާންމު މިޔުޒިކު ނުވަތަ ތަމްޘީލު ޝޯތަކުގަޔާއި، އެ ނޫންވެސް ޢާންމު ދެއްކުންތަކުގައި ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އެދުމާ އެކު ސްކޫލުން އިޢުތިރާޟެއް ނެތްކަމުގެ ލިޔުމެއް ލިބިގެންނެވެ.
7.3 ފިލްމެއްގެ، ނުވަތަ ތަމްޘީލެއްގެ، ނުވަތަ ލަވަ އަލްބަމެއްގެ، ނުވަތަ އިޝްތިހާރެއްގެ މަސައްކަތުގައި ސްކޫލް ކުއްޖަކަށް ބައިވެރިވެވޭނީ އެ ކަން ބެލެނިވެރިޔާ ސްކޫލަށް ލިޔުމަކުން ހުށަހަޅައި، އެ ފިލްމުގެ، ނުވަތަ އެ ތަމްޘީލުގެ ނުވަތަ އެ ލަވަ އަލްބަމްގެ ވާހަކަ އާއި އޭގައި ދަރިވަރުގެ ދައުރު ހިމެނިފައިވާގޮތް ސްކޫލުން ވަޒަންކުރުމަށް ފަހު، ކިޔަވާކުދިންގެ ޢާއްމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން ސްކޫލުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.
8. ދަރިވަރުން ޙުރުމަތްތެރިކޮށް ހިތަންވީ ބައެއްކަންތައްތައް
8.1 ކޮންމެ ކިޔަވާކުއްޖަކު އިސްލާމީ ދިވެހި ސަގާފަތާއި އާދަކާދަތައް ހިފަހައްޓައި، އިޖްތިމާޢީ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެ އެވެ.
8.2 ކޮންމެ ކިޔަވާ ކުއްޖަކު ވެސް އެ ކުއްޖެއްގެ މައިންބަފައިންނާއި ބެލެނިވެރިންގެ އަމުރަށް ފުރިހަމައަށް ކިޔަމަންވާންވާނެ އެވެ.
8.3 ސްކޫލުގެ ވެރިން، މުދައްރިސުން، މުވައްޒަފުން، އަދި އުނގަންނައިދީ ތަރުބިއްޔަތުކުރުމުގައި އުޅޭ ހުރިހައި ފަރާތްތަކަށް އިޙުތިރާމްކޮށް، އެ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަންތެރިވާންވާނެ އެވެ.
8.4 ކިޔަވާކުދިން ވާހަކަދައްކައި މުޢާމަލާތުކުރަންވާނީ އަދަބު އިޙްތިރާމާ އެކުގަ އެވެ.
8.5 ކޮންމެ ކިޔަވާ ކުއްޖަކީ ގަޑިއަށް ޙުރުމަތްތެރިކޮށް ހިތާ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރާ ކުއްޖަކަށް ވާންވާނެ އެވެ.
8.6 ކޮންމެ ކިޔަވާ ކުއްޖަކީ ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މުރާލިކަމާ އެކުގައި ކުރިޔަށްދިޔުމަށް މަސައްކަތްކުރާ ކުއްޖަކަށް ވާންވާނެ އެވެ.
8.7 ކޮންމެ ކިޔަވާ ކުއްޖަކީ އިޤްތިޞާދުކުރާ ކުއްޖެއްކަމުގައި ވާންވާނެ އެވެ.
8.8 ކިޔަވާކުދިން އެ ކުދިންނަށް ވުރެ ޢުމުރުން ދުވަސްވީ މީހުންނަށް އިޙުތިރާމްކޮށް އެ ކުދިންނަށްވުރެން ކުޑަ ކުދިންނަށް އޯގާތެރިވާންވާނެ އެވެ.
8.9 ކިޔަވާކުދިންނަށް ޢާންމުގޮތެއްގައި ރޭގަނޑު 10.00 ގެ ފަހުން ބޭރަށް ނުކުމެވޭނީ ބެލެނިވެރިންގެ ހުއްދައާ އެކުގަ އެވެ. ނުވަތަ މަދްރަސާއިން އަންގާ ކަމެއްކުރުމަށް ބެލެނިވެރިން ހަމަޖައްސާ ގޮތެއްގެމަތިންނެވެ. ސްކޫލުން އަންގާ ކަމަކަށް ނުވަތަ ސްކޫލުން ހިންގާ ޙަރަކާތެއްގައި ބައިވެރިވުމަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން ބޭރުގައި އުޅޭ އުޅުން މީގެ ތެރެއިން އިސްތިސްނާވާނެ އެވެ.
9. ކިޔަވާކުދިންނަށް މަނާ ކަންތައްތައް
9.1 ދުންފަތުގެ އިސްތިޢުމާލުކުރުން.
9.2 މަސްތުވާތަކެތި ބޭނުންކުރުން.
9.3 ދުއްވާ އެއްޗެހި ލައިސަންސު ނެތި ދުއްވުން
9.4 އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވާ ފަދަ ގޮތަކަށް ދޭދޭ ކުދިން ގައިގޯޅިވާ ފަދަ އެއްވެސް ޙަރަކާތެއްގައި ބައިވެރިވުން
9.5 ސްކޫލުން އަންގާ ކަމެއްގައި ފިޔަވައި ސްކޫލު ޔުނީފޯމު އަޅައިގެން އުޅުން
9.6 ފިރިހެންކުދިން ބޮލުގެ އިސްތަށިގަނޑު ދިގުކުރުމާއި، ތުބުޅި މަތިމަސް ބެހެއްޓުމާއި، ހަށިގަނޑުގެ އެއްވެސް ތަނެއް ތޮރުފައި މުދިލުމާއި ގަހަނާ އެޅުން އަދި ގޮތްގޮތަށް ބޯ ހަދައި އިސްތަށިގަނޑުގައި ޖެލް ލައި ކުލަޖެއްސުން
9.7 އަންހެންކުދިން ކަންފަތުގެ ފޫޅުގަނޑު ފިޔަވައި އެހެންތަންތަން ތޮރުފައި މުދިލުން
9.8 ޢާންމު ކުލަބު ޖަމްޢިއްޔާ ފަދަ ތަންތާގެ މެމްބަރަކަށް ވުމާއި އެ ތަންތަނުގެ ޙަރަކާތްތަކުގައި ބައިވެރިވުން
9.9 މުޒާހަރާ ކުރުމާއި ހަޅުތާލުކުރުމާއި، މާރާމާރީގެ އެއްވެސް ބާވަތެއްގެ ޢަމަލެއް ހިންގުމާއި، އެއިން ކަމެއްގައި ބައިވެރިވުން
9.10 މީހަކާ އިނުން
9.11 ބަދުއަޚުލާޤީ ޢަމަލެއް ހިންގުން
9.12 އެއްވެސް ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމާއި، ސިޔާސީ ޕާޓީއަކުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން
9.13 ސްކޫލުގަޑީގައި މޯބައިލްފޯނު ބޭނުންކުރުން
9.14 މަތީގައި ބަޔާންކޮށްފައި ނެތްނަމަވެސް އިސްލާމްދީނުގައި، ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި މަނާކޮށްފައިވާ އެއްވެސް ކަމެއް ކުރުން
10. ސްކޫލު ކުދިން ވަޒީފާ އަދާކުރުން.
އާމްދަނީ ހޯދުމުގެ ގޮތުން ވަޒީފާއަދާކުރުމަކީ ސްކޫލްކުދިންނަށް މަނާކަމެކެވެ. މީގެތެރޭގައި އެ ކުއްޖެއްގެ ޢުމުރާގުޅޭ ޢާއިލީ މަސައްކަތެއްގައި ބައިވެރިވެ އެހީތެރިވެދިނުމެއް ނުހިމެނެ އެވެ. އަދި ސްކޫލަށް އެނގިގެން މަސައްކަތުގެ ޢަމަލީ ތަޖްރިބާ ހޯދުމުގެގޮތުން ސްކޫލުގެ ޙަރަކާތްތަކަށް ބުރޫނާރާގޮތަށް ވަޒީފާ އަދާކުރުމެއް ވެސް މީގެތެރެއަކު ނުހިމެނެ އެވެ.
11. ކިޔަވާކުދިންގެ ޤަވާޢިދާ ޚިލާފުވާ ދަރިވަރުންނާ މެދު ފިޔަވަޅުއެޅުން
އަޚްލާޤީ މަސްއަލަތަކުގައި ފިޔަވަޅު އަޅާނީ ކަމާބެހޭ ގޮތުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައިފައި ހުރި ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި؛-
11.1 ނަޞޭޙަތްދީ މައްސަލަ ރެކޯޑު ކުރުން
11.2 ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތަކުން ވަގުތީގޮތުން އެކަހެރި ކުރުން
11.3 ސްކޫލް ނިމޭ ގަޑީގައި މަޑުކުރުވައި ސްކޫލުން ޙަވާލުކުރާ ކިޔަވާކުދިންނާ އެކަށޭނަ މަސައްކަތެއް ސްކޫލްގައި ކުރުވުން
11.4 ބެލެނިވެރިޔާގެ ސަމާލުކަމަށް މަސްއަލަ ގެނެސް، ބެލެނިވެރިޔާ އަށް އޭނާގެ ޒިންމާ ހަނދާންކޮށް ދިނުން
11.5 ވަކި މުއްދަތަކަށް ސްކޫލަށް ނާންނަގޮތަށް ހަމަޖެއްސުން
11.6 ސްކޫލުން ވަކިކުރުމުގެ އިންޒާރުކުރުން
11.7 ސްކޫލުން ވަކިކުރުން
* * * * * * * * * * * * * *
ތަޢާރަފު
މި ގައިޑުގެ ބޭނުމަކީ ސްކޫލްތަކުގައި ފެތުރޭ ގައިންގަޔަށް އަރާ ބަލިތައް ކޮންޓުރޯލުކުރުމަށް ސްކޫލުތަކަށް އެހީތެރިވުމެވެ. ބަލިޖެހޭ ދަރިވަރަކަށް ބަރާބަރަށް ފަރުވާދެވިއްޖެ ނަމަ އެކަމުގެ މަންފާ ލިބޭނީ ހަމައެކަނި އެދަރިވަރަށް އެކަންޏެއް ނޫނެވެ. އެ ކުއްޖަކު އެއުޅޭ އިސްކޫލުގެ މުޅި މުޖުތަމަޢަށް އެކަމުގެ ހެޔޮ އަސަރު ފޯރާނެ އެވެ. މިކަމުގެ ސަބަބުން އެ ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނަކީ ގައިންގަޔަށް އަރާ ބަލިތައް ޖެހުމުގެ ނުރައްކަލާ ކުރިމަތިވެފައިވާ ބައެއް ނޫންކަމުގެ ޔަޤީންކަންލިބޭނެ އެވެ.
އަންނަނިވި ފޮޅުވަތްތަކުގައި މި ލިސްޓުކުރަނީ ރާއްޖޭގެ ކުޑަކުދީންގެ މެދުގައި ޢާއްމުކޮށް ފެތުރޭ ބަލިބައްޔާއި އެ ބަލިބަލިން ރައްކައުތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ބައެއް އިރުޝާދެވެ. ގައިން ގަޔަށް އަރާ ބަލިތަކުން ސަލާމަތްވުމަށްޓަކައި ޤައުމީ ވެކްސިން ތާވަލަށް ސްކޫލްތަކުން ޢަމަލުކުރުމަށާއި ޞިއްޙީގޮތުން ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ބަލައިގެން އުޅުމަކީ އެޅިދާނެ މުހިއްމު އަދި ރައްކާތެރި ފިޔަވަޅުތަކެއް ކަމުގައި ވާނެކަން ކަށަވަރެވެ.
ބަލި | ސްކޫލަށް ނުފޮނުވައި ބަހައްޓަންޖެހޭ މުއްދަތު | އިތުރު ބަޔާން |
ބޭރަށް ހިންގުން / ހޮޑުލުން | އެންމެ ފަހުން ބޭރަށްދެވޭ ނުވަތަ ހޮޑުލެވޭ ވަގުތުން ފެށިގެން 48 ގަޑި | ބަލިވެއުޅޭއިރާއި ބަލި ފަސޭހަވުމުން ވެސް ސާފުތާހިރު ބޯފެނަށާއި ކާބޯތަކެއްޗަށް ސަމާލުކަން ދިނުން މުހިއްމެވެ. |
ނޭވާލާނިޒާމަށް ޖެހޭ ބަލިތައް | ||
"ހުން" (އިންފްލޫއެންޒާ) | 2-4 ދުވަސް | ބަލި ފެށޭއިރާއި ބަލީގެ ޢަލާމާތްތައް ފެނުމުގެ ކުރިން މި ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެރުން ފަސޭހަވާނެ އެވެ. |
ކެއްސުންބަލި * (TB) | ބަލި ފަސޭހަވަންދެން (ޢާއްމު ގޮތެއްގައި ފަރުވާ ފަށާތާ 2 މަސް ދުވަސް) | ޢާއްމުގޮތެއްގައި މިބަލި ކުޑަކުދީންގެ ފުށަކުން ނުފެތުރެ އެވެ. ސާނަވީ އާއި މަތީ ސާނަވީ ދަރިވަރުންގެ ކުޅުގައި ކެއްސުންބަލީގެ ޖަރާސީމު ހުރިނަމަ ބޮޑެތި މީހުންގެ ފުއްޕާމެޔަށް ޖެހޭ ކެއްސުންބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެ އެވެ. ކެއްސުންބަލީގެ ފަރުވާ އެންމެ މަދުވެގެން 6 މަސް ވަންދެން ކުރިޔަށް ގެންދަންވާނެ އެވެ. ނަމަވެސް މިމުއްދަތުގެ ކުރިންވެސް ބަލި މުޅިން ފަސޭހަވެއްޖެކަމުގެ ޔަޤީންކަން ޑޮކްޓަރ ދީފިނަމަ އެކުއްޖަކު ސްކޫލަށް ޙާޒިރުވުމުގައި އެއްވެސް ނުރައްކަލެއް ނެތެވެ. |
ފާނަބަސަންދު *(chickenpox) | ބަލިޖެހޭ ދުވަހުން ފެށިގެން 3-7 ދުވަސް ވަންދެއް ނުވަތަ ބަލި ފެށުނުތާ 2 ނުވަތަ 3 ހަފުތާވަންދެން. | ލަކުނުތައް ފަސޭހަވަންދެން މަޑުކުރުން ކޮންމެހެން ބޭނުމެއް ނޫނެވެ. |
ހާޕީސް ސިމްޕުލެކުސް (Herpes simplex) | ޢާންމުކޮށް ވަކި މުއްދަތެއް ނޯވެ | މިއީ ވައިރަހެއްގެ ސަބަބުން އަނގަ އާއި ތުންފަތާއި، އެހެނިހެން ޖެނިޓަލް އޭރިއާތަކުގައި ނަގާ ފޮޅެކެވެ. މި ބަލީގައި ބަލިމީހުންނާ ގައިގޯޅިވެ، ބޮސްދީ އުޅުމުން ދުރުހެލިވުން މުހިއްމެވެ. މިއީ އާދައިގެ އަދި އަމިއްލަޔަށް ފަސޭހަވާ ބައްޔެކެވެ. މި ބަލީގެ ޢަލާމާތެއް ނުފެނުނަސް ކުޑަކުދީންނާއި ބޮޑެތި މީހުންގައިގައި ވެސް މި ވައިރަސް ހުންނާނެ އެވެ. |
ރުބެއްލާ (ޖަރުމަން މީޒަލްސު)* | ބަލިޖެހޭ ދުވަހުން ފެށިގެން 5 ދުވަސް | މި ބަލި ތަޢާރަފުވުމުގެ ކުރިން މިއީ ވަރަށް ޢާއްމުކޮށް ފެތުރުނު ބައްޔެކެވެ. ނަވަމެސް ވެކްސިންގެ ސަބަބުން މިހާރުވަނީ ވަރަށް މަދުވެފަ އެވެ. |
އަތާއި ފަޔާއި އަނގައިގެ ބަލި | 5-7 ދުވަސް | މިއީ އަމިއްލަޔަށް ފަސޭހަވާ، އެހައި ބާރުގަދަ ނޫން ބައްޔެކެވެ. ނަމަވެސް ހިފައިގެންގުޅޭ ތަކެއްޗާއި ޢާއްމު މުޢާމަލާތުތަކުގެ ޒަރީޢާއިން ވަރަށް ފަސޭހައިން އަވަހަށް ފެތުރެ އެވެ. ވަކި ޚާއްޞަ ފަރުވާއެއް ބޭނުންވާ ބައްޔެއްނޫނެވެ. |
އިމްޕެޓިގޯ | ޒަޚަމްތައް ފަސޭހަވަންދެން | ޢާއްމު ގޮތެއްގައި ސްކޫލަށް ނުފޮނުވައި ބެހެއްޓުން ބޭނުމެއް ނުވާނެ އެވެ. އެކަމަކު މާ ބޮޑަށް ބަލިވާ ކުދީން ސްކޫލަށް ނުފޮނުވުން ރަނގަޅެވެ. އާދައިގެ އެންޓިބައޮޓިކަކުން ފުދޭނެ އެވެ. ނަމަވެސް މާ ބޮޑަށް ބަލިވާ ކުދީންނަށް ޚާޢްޞަ އެންޓިބަޔޮޓިކެއް ދިނުން މުހިއްމެވެ. |
ހިމަބިހި * | 5 ދުވަސް (އެއްހަފުތާ) | މިއީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ގަވާއިދުން ދެވޭ ވެކްސިން ދިނުމުން މި ބަލިން ސަލާމަތްވެ ތިބެވޭނެ އެވެ. |
ބުޅި ފަނި | ފަރުވާދެވެންދެން | މި ބައްޔަށް ޚާއްޞަ ފަރުވާ ބޭނުންވާނެ އެވެ. އަތް ދޮވުމާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގެ ސާފުތާހިރުކަން ވަރަށް މުހިއްމެވެ. |
Scabies | ފަރުވާދެވުނުހައި އަވަހަކަށް | ބަލި މީހާ އެއްފަތާތްކުރަންޖެހެ އެވެ. އެއް ހަފުތާގެ އިންޓަވަލެއް ދީފައި ދެ ޓުރީޓުމަންޓެއް ދޭންޖެހެ އެވެ. ބަލިމީހާއާ އެއް ވަގުތެއްގައި ގޭގައި ދިރިއުޅޭ ނުވަތަ އެކީގައި އުޅޭ އެންމެންނަށް ފަރުވާދޭން ޖެހޭނެ އެވެ. ފާރުގަނޑުތައް ރަނގަޅަށް ބަންދުކޮށް، އެހެން މީހުންނާ ދުރުގައި ގެންގުޅެވިއްޖެނަމަ އެކަހެރިކުރުމުގެ މުއްދަތު ކުރުކުރެވިދާނެ އެވެ. |
* Conjunctivitis | ފަރުވާދީ ދޫކޮށްލެވެންދެން | މި ބަލި ފެތުރިއްޖެ ނަމަ ހެލްތު ޕުރޮމޯޝަން ޔުނިޓާ އަވަހަށް ގުޅުއްވާށެވެ. ބަލިމީހުން އެހެން މީހުންނާ އެއްފަރާތްކުރަން ޖެހިދާނެ އެވެ. |
އުކުނުއެޅުން | ނެތް | އުކުނު ހުރިކަން ޔަޤީންވީމާ ނޫނީ ފަރުވާ ނުދިނުން. އުކުނާއި ލީ ހުރިނަމަ އެ ތަކެތި ހުސްވަންދެން ފަރުވާ ދިނުން. ޤަވާއިދުން ބޯ ޗެކްކޮށްދިނުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ކަމެއް. |
ހެޕެޓައިޓިސް ބީ * | ނެތް | ބަލިން ސަލާމަތްވެ ތިބުމަށް ދެވޭނެ ވަކި އިރުޝާދެއް ނެތެވެ. ނަމަވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ބޮޑެތިކުދީން މިބަލިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަމެކެވެ. |
މެނިންގޮކޮކަލް/ މެނިންޖައިޓިސް | ނެތް | ޤަވައިދުން ވެކްސިން ދިނުން. |
ޓޮންސިލައިޓިސް | ނެތް | ބަލިޖެހުމުގެ ތަފާތު ސަބަބުތައް ވެ އެވެ. ޢާންމުކޮށް ވަރަށް ގިނައިންޖެހޭ ބައްޔެކެވެ. އެންޓިބައޮޓިކް ބޭނުމެއް ނުވެ އެވެ. |
ކޯފުއްޕި | 5 ދުވަސް | ކޯފުއްޕިކަން ޔަޤީންވުމުގެ ކުރިން ވެސް މި ބަލި ޖެހިފައިވާ ނަމަ، އެހެންމީހުންނަށް ޖެހުމުގެ ފުރުޞަތު އޮވެ އެވެ. މި ބައްޔަށް ފަރުވާދިނުމުން ރަގަޅުވެ އެވެ. ކުޅުން މި ބަލި ފެތުރެ އެވެ. |
ތުރެޑް ވޯމް(ފަނިވުން) | ނެތް | ބަލިޖެހިއްޖެނަމަ ބަލިކުއްޖާއަށާއި ޢާއިލާގެ އެހެން މެމްބަރުންނަށް ފަރުވާހޯދަންވާނެ އެވެ. |
* މި ފާހަގަލެވިފައި މި ވަނީ މިއިން ބައްޔެއްގެ ޢަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަކަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ލަސްނުކޮށް އަނގަންޖެހޭ ބަލިބައްޔެވެ.
މާބަނޑުވެފައި ތިބޭ މުވައްޒިފުންނަށް ސްކޫލްގައި އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް:
ތިރީގައި މިފާހަގަ ކުރާ ބަލިތަކަކީ ވެކްސިން ނުލިބި ތިބޭ މާބަނޑު މީހުންގެ ސަބަބުން އެ ބައިމީހުންގެ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ޖެހި، ނުރައްކާވެދާނެ ބަލިތަކެކެވެ. އެހެންވީމައި ކުއްޖެއްގެ ފަރާތުން މި ފަދަ ބައްޔެއްގެ ޢަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ފަރުވާ ދިނުން މުހިއްމެވެ. އަދި ކަމާބެހޭ ވެކްސިން ގަވާއިދުން ދިނުން މުހިއްމެވެ.
- ފާނަބަސަންދު –ބަލިވެއިނުމުގެ ފުރަތަމަ 20 ހަފުތާ. ނުވަތަ ފަހު 3 ހަފުތާގައި ޖެހުން
- ޖަރުމަނު ހިމަބިހި (ރުބެލާ) –ބަލިވެއިނުމުގެ ފުރަތަމަ ފަފުތާތަކުގައި ޖެހުން
- މާބަނޑު ދުވަސްވަރު ހިމަބިހި ޖެހުމަކީ ދުވަސް ނުފުރައި ވިހެއުމާއި ބައިގެންދިޔުންފަދަ ނުރައްކައުތެރި މަސްއަލަތައް ކުރިމަތިވެދާނެ ކަމެކެވެ. މި ބަލި ޖެހިއްޖެ ނަމަ، މާބަނޑު މީހުންނަށް ފަރުވާދޭ ކުލިނިކަކަށް ދައްކައި ޑޮކްޓަރުގެ އިރުޝާދު ހޯދާށެވެ.
ވެކްސިންދިނުން:
ވެކްސިން ދިނުމަކީ ވަރަށް މުހިއްމު އަސާސީ ކަމެކެވެ. އެހެނީ ކުއްޖަކަށް ވެކްސިން ދިނުމުން ބަލިތަކުން އެ ސަލާމަތްކޮށްދެވެނީ އޭނާ އެކަންޏެއް ނޫނެވެ. އެކަމުގެ ސަބަބުން އެކުއްޖާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި އެކުގައި އުޅޭ ކުދީންނަށް ވެސް ރައްކައުތެރިކަން ލިބޭނެ އެވެ.
އެހެންވީމައި ސްކޫލަށް ވަންނަ ކޮންމެ ކުއްޖަކީ ވެކްސީން ދީފައިވާ ކުއްޖެއްކަމުގެ ޔަޤީންކަން ހޯދުން މުހިއްމެވެ.
މިހާރު ބޭނުންކުރާ ވެކްސިން ޕުރޮގްރާމުގެ ތާވަލު
ބަލި | ވެކްސިން | ޑޯޒް |
ޓީބީ (ކެއްސުން ބަލި) | BCG | އުފަންވުމާއެކު ވީހައި އަވަހަކަށް |
ޑީޕީޓީ | DPT | ފުރަތަމަ ޑޯޒް – 6 ހަފުތާ 2ވަނަ ޑޯޒް – ފުރަތަމަ ޑޯޒް ދިންތާ 4 ހަފުތާ 3ވަނަ ޑޯޒް – ދެވަނަ ޑޯޒް ދިންތާ 4 ހަފުތާ |
ޕޯލިއޯ | އަނގައިންދޭ ވެކްސިން OPV | ފުރަތަމަ ޑޯޒް - އުފަންވުމާއެކު ވީހައި އަވަހަކަށް 2ވަނަ ޑޯޒް – 4 ހަފުތާ ފަހުން 3ވަނަ ޑޯޒް – 2 ވަނަ ޑޯޒް ދިނަތާ 4 ހަފުތާ ފަހުން 4ވަނަ ޑޯޒް – 3 ވަނަ ޑޯޒް ދިންތާ 4 ހަފުތާ |
ހެޕެޓައިޓިސް ބީ | ހެޕަޓައިޓިސް ބީ | ފުރަތަމަ ޑޯޒް - އުފަންވުމާއެކު ވީހައި އަވަހަކަށް 2ވަނަ ޑޯޒް – ފުރަތަމަ ޑޯޒް ދިންތާ 4 ހަފުތާ ފަހުން 3ވަނަ ޑޯޒް – 2 ވަނަ ޑޯޒް ދިންތާ 12 ހަފުތާ ފަހުން |
ހިމަބިހި | ހިމަބިހި | ޢުމުރުން 9 މަސް ވުމުން |
MMR | MMR | ދޮޅުއަހަރު ވީމާ |
No comments:
Post a Comment