Tuesday, July 28, 2009

ހަރުދަނާ އިޞްލާޙީ ފިޔަވަޅުތައް

ް

v ފެށުން.

ޢާލަމްތައް ހައްދަވައި އެ ތަކެއްޗަށް ވަކި އުސޫލުތަކަކާއި ޤާނުނުތަކެއް ކަނޑައެޅުއްވި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. އެ މަތިވެރި އިލާހުގެ ރިސާލަތު ފެތުރުއްވެވުމަށް މުޢައްލިމެއްގެ ގޮތުގައި ﷲ ފޮނުއްވި ރަސޫލާ އަށާއި އެ ކަލޭގެފާނުންގެ އާލުންނާއި އަޞްހާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

v ތަޢާރަފު

މި ލުއިފޮތުގައިވާ އިޞްލާޙީ ފިޔަވަޅުތަކަކީ ޢާންމުކޮށް ރާއްޖޭގެ ސްކޫލްތަކުގައި ޢަމަލުކުރުމަށް އެކުލަވައިލައިފައިވާ ކިޔަވާ ކުދިންގެ ޢާންމު ޤަވާޢިދުގެ އެކިއެކި މާއްދާ އަށް ބާރުދޭ އެހީއެއްގެ ގޮތުގައި އެކަށައެޅިފައިވާ ފިޔަވަޅުތަކެކެވެ. މީގައި މި ވާ އިޞްލާޙީ ފިޔަވަޅުތަކަކީ ސްކޫލްތަކުގައި ޢަމަލުކުރެވިދާނެ ގޮތްތަކެއްގެ މިސާލުތަކެކެވެ. ކޮންމެ ސްކޫލަކުން ވެސް އެ ސްކޫލެއްގެ ހިންގުން ހަރުދަނާ ކުރުމަށް މިނިސްޓުރީ އޮފް އެޑިޔުކޭޝަންގެ ޤަވާޢިދާ ފުށުނާރާ ގޮތަށް ހެދިފައިވާ ޤަވާޢިދު ތަކަށް މަރުޙަބާ ކިޔަމެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ މި އިޞްލާޙީ ފިޔަވަޅުތަކުގެ އެހީގައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ އެންމެހައި ދަރިވަރުންނަށް ޤަވާޢިދާ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތަން ދަސްވުމާ އެކު އެ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް މި ކަންކަން ފަރުވާތެރިކަމާ އެކީ ހަރުދަނާ އުސޫލެއްގެ މަތިން ބެލެހެއްޓުމުގެ މަގު ފަހިވެގެން ދިޔުމެވެ. މާތް ﷲ ދިވެހި ކިޔަވާކުދިންނަކީ އަދަބުވެރި، މަތިވެރި އަޚްލާޤެއްގެ ވެރި ކުދިބަޔަކު ކަމުގައި މިންވަރު ކުރައްވާށި އެވެ. އާމީން.

ޤަވާޢިދާއި ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުން

1. ގަޑިޖެހިގެން ސްކޫލަށް އައުން

- ކުއްޖަކު ގަޑިޖެހިގެން ސްކޫލަށް އައުން ކަމުގައިބެލެވޭނީ އެކުއްޖަކު ހިމެނޭ ސެޝަނެއްގެ އެސެމްބުލީ ފެށެންވާއިރަށް ސްކޫލަށް ޙާޟިރު ނުވެވިއްޖެނަމަ އެވެ.

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ދުވަހު ނަން ނޯޓުކުރުމަށް ފަހު ގަޑި ޖެހުނު ސަބަބު އޮޅުންފިލުވައި ނަޞޭޙަތްދީ އަވަހަށް ކުލާހަށް ފޮނުވުން.

§ މަޤުބޫލު ޢުޒުރެއްނެތި ދެވަނަފަހަރަށް ކުއްޖަކު މަދްރަސާއަށް ގަޑިޖެހިގެން އަތުވެއްޖެ ނަމަ ދަންފަޅި ނިމުމުން ކުލާސް މުދައްރިސުން އޭނާއަށް ނަޞޭޙަތް ދެއްވާނީ އެވެ. އަދި އޭނާއާ ޙަވާލުވެފައިވާ ބަލަދުވެރިޔާ / ބެލެނިވެރިޔާ އަށް މި ކަން އަންގައި އިތުރަށް މި ކަން ތަކުރާރު ނުވާނޭ ގޮތަކަށް އިންތިޒާމު ހަމަޖައްސައިދޭން ދަންނަވާނީ އެވެ.

§ ތިންވަނަ ދުވަހު ނުވަތަ އެއަށް ވުރެ ގިނައިން މަޤުބޫލު ޢުޒުރެއްނެތި ގަޑިޖެހިގެން އަތުވެއްޖެ ނަމަ އެ ކަން ބެލެނިވެރިޔާއަށް އަންގައި އެ ދުވަހުގެ ދަންފަޅި ނިމުމުން އަދަބެއްގެ ގޮތުން އިދާރާއިން ކަނޑައަޅާ ތަނެއްގައި ކޮންމެވެސް ފައިދާހުރި މަސައްކަތެއްގައި ދަރިވަރު 1 ގަޑި އިރު މަޑުކުރުވާނީ އެވެ.

§ މި ގޮތުން މީލާދީ ގޮތުން އެއްމަސްދުވަހުގެ ތެރޭގައި 4 ދުވަހު ނުވަތަ އެއަށްވުރެ އިތުރަށް ގަޑިޖެހޭ ކޮންމެދުވަހަކު ބެލެނިވެރިޔާ އިދާރާއަށް ޙާޟިރުކޮށް ދަރިވަރު ގަޑިޖެހޭ ސަބަބު އޮޅުންފިލުވައި ޤަބޫލުކުރެވޭ ފަދަ ޢުޒުރަކާ ނުލައި މިކަން ތަކުރާރުވާނަމަ ބެލެނިވެރިޔާ އަށް އެންގުނުވާހަކަ ހިމެނޭގޮތަށް ދަރިވަރުގެ މި ޢަމަލު އިޞްލާޙު ކުރުމަށް ބެލެނިވެރިޔާ ޒިންމާ ކުރުވައި ބަޔާނެއްގައި ބެލެނިވެރިޔާ ލައްވައި ސޮއިކުރުވައި ދަރިވަރުގެ ފައިލަށް މި ބަޔާނުގެ ކޮޕީ އެއް ލާންވާނެ އެވެ. މިފަދަ ބަޔާން، ފުރިހަމަކުރާ ފޯމެއްގެ ސިފައިގައި ވެސް ތައްޔާރުކޮށްފައި ބޭއްވިދާނެ އެވެ.

ނޯޓު: މަތީގައި ދެންނެވިގޮތަށް އަމަލުކުރާނީ އަމިއްލައަށް ސްކޫލަށް އަންނަ ދަރިވަރުންނާ މެދުގަ އެވެ. ބެލެނިވެރިން ގޮވައިގެން އަންނަކުދިން ގަޑިޖެހިއްޖެނަމަ ކުއްޖާ އަވަހަށް ކުލާހަށް ފޮނުވައި ސްކޫލުގެ ފަރާތުން ބެލެނިވެރިޔާއާ ވާހަކަދައްކާނީ އެވެ.

2. މަދްރަސާއަށް ނައިސް ވީނުވީއެއް ނާންގައި ހުރުން

- މަޤްބޫލު ޢުޒުރެއް ނެތި ކުއްޖަކު ސްކޫލަށް ޙާޟިރުނުވެ ވީނުވީއެއް ނާންގައި ހުރެއްޖެ ނަމަ އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ޕޭރެންޓު ޓީޗަރ ކޮމިއުނިކޭޝަން ފޮތުގައި ލިޔެގެން ނުވަތަ ސިޓީއަކުން ޢުޒުރު ބަޔާންކޮށް ބެލެނިވެރިޔާ އެ ކަން ސްކޫލަށް ހުށަނާޅާ ނަމަ، ބެލެނިވެރިޔާއަށް އެ ކަން އަންގައި ސަބަބު އޮޅުންފިލުވައި މި ކަން މި ގޮތަށް ތަކުރާރުވިޔަ ނުދިނުމަށް ބެލެނިވެރިޔާ އަށާއި ދަރިވަރަށް ނަޞޭޙަތްދިން ކަމަށް ދަރިވަރުގެ ފައިލުގައި ރެކޯޑުކުރުން.

§ ފުރަތަމަ ފަހަރަށް ބެލެނިވެރިޔާ އަށާއި ދަރިވަރަށް ނަޞޭޙަތް ދިނުމަށް ފަހު މި ކަން މި ގޮތަށް ތަކުރާރުވެއްޖެ ނަމަ ބެލެނިވެރިޔާ ޙާޟިރުކޮށް އެ ކަމާ ބެހޭގޮތުން އިތުރަށް ވާހަކަދައްކައި ބެލެނިވެރިޔާ ޒިންމާ ކުރުވައި ލިޔުމެއްގައި ސޮއިކުރުވައި އެ ބަޔާނުގެ ކޮޕީއެއް ދަރިވަރުގެ ފައިލަށް ލުން

§ ކުރީގެ ދެފަހަރުމަތިން ދަރިވަރުގެ ޣައިރު ޙާޟިރުވުން ބެލެނިވެރިޔާ އަށް އަންގައި، އެ ކަންކަން ރެކޯޑު ކުރުމަށް ފަހު، ވީނުވީއެއް ނާންގައި މަޤުބޫލު ޢުޒުރަކާ ނުލައި ޖެހިޖެހިގެން 3 ހަފުތާ ވަންދެން ދަރިވަރު މަދްރަސާ އަށް ނައިސް ހުރެއްޖެ ނަމަ ބެލެނިވެރިޔާ ޙާޟިރުކޮށް އެކަމާ ބެހޭގޮތުން ބެލެނިވެރިޔާ ގެ ބަޔާނެއް ނަގައި، ދަރިވަރު މަދްރަސާއަށް އަންނާނެ ކަމުގެ އުއްމީދެއް ނެތްނަމަ މަދްރަސާއިން ވަކި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

§ ދަރިވަރު މަދްރަސާ އަށް އަންނާނެކަމުގެ އުއްމީދެއް އޮތްނަމަ އިތުރު ފުރުޞަތު ދިނުން

3. ޔުނީފޯމު

ހ. ޔުނީފޯމު ފުރިހަމަނުކޮށް ސްކޫލަށް އައުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ޔުނީފޯމު ފުރިހަމަނުކޮށް އަތުވެއްޖެ ކުއްޖަކު ކުލާހަށް ވެއްދޭނީ ޢުޒުރަކާ ހުރެ އެގޮތަށް ޔުނީފޯމު އަޅަން މަޖްބޫރުވެގެން އޭނާ އައިނަމަ އެވެ. އެ ފަދަ މިސާލަކީ، ބޫޓާއި އިސްޓާކީނު ތެމުން ނުވަތަ ހަލާކުވެގެން އެހެން ބޫޓެއް ނުވަތަ އިސްޓާކީނެއް ނެތުމުގެ ސަބަބުން ވަގުތީ ގޮތުން އާދައިގެ ފައިވާނަކަށް އަރައިގެން ސްކޫލަށް އައުން ނުވަތަ ބައްޔެއްގެ ސަބަބުން ބޫޓަށް ނޭރިގެން ފައިވާނަށް އަރައިގެން ނުވަތަ ފަޓުލޫނު ނުލެވިގެން އެހެން ފޭރާމެއްގައި ސްކޫލަށް އަންނަން މަޖްބޫރުވާ ފަދަ ޙާލަތެކެވެ.

§ މަޤުބޫލު ޢުޒުރެއް ކަމަށް ބަލައި އެކަން ޤަބޫލުކުރާނީ އެކަމުގެ ހެތްކާ އެކު ބެލެނިވެރިޔާ ލިޔުމަކުން އެކަން ސްކޫލަށް އެންގުމުންނެވެ. ނުވަތަ އެ އުޒުރެއް ހާމައަށް ފެންނަން ހުރުމުންނެވެ. މި ނޫން ޙާލަތެއްގައި ފުރިހަމަ ޔުނީފޯމާ ނުލައި ސްކޫލު ގެ ހުއްދައެއްނެތި ދަރިވަރުންނަށް ސްކޫލަކަށް ނާދެވޭނެ އެވެ.

ށ. ނުރަސްމީ ގަޑީގައި ސްކޫލަށް ޙާޟިރުވާ އިރު އެ ކަމަށް ކަނޑައެޅިފައިވާ ޔުނީފޯމެއްގައި ނޫންގޮތަކަށް ހާޟިރުވުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ނަޞޭޙަތް ދީފައި ގެޔަށް ފޮނުވައިލުން

§ ދެވަނަފަހަރު ބަޔާނެއްގައި ސޮއި ކުރުވައިފައި ގެޔަށް ފޮނުވައިލުން އަދި އެ ބަޔާން ދަރިވަރުގެ ފައިލަށްލުން.

§ ތިންވަނަ ފަހަރު މަދްރަސާގެ އިތުރު ޙަރަކާތްތަކަށް ނާދެވޭގޮތަށް ހަމަޖެއްސުން

§ ހަތަރުވަނަ ފަހަރު ކިޔަވަން ނޫންގޮތަކަށް މަދްރަސާއަށް ނާދެވޭގޮތަށް ހަމަޖެއްސުން

ނ. މަދްރަސާގެ ބެޖު ޖެހި ޓީޝާޓު ނުވަތަ ޔުނީފޯމު ލައިގެން މަދްރަސާ ތަމްޘީލު ކުރާ ކަމެއް ފިޔަވައި ޢާންމުކޮށް މަދްރަސާ އިން ބޭރުގައި އުޅުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ނަޞޭޙަތްދީ އެކަން އެގޮތަށް ނުކުރުމަށް އެންގުން

§ ދެވަނަ ފަހަރު ބަޔާނެއްގައި ސޮއިކުރުވައި އެ ދަރިވަރުގެ ފައިލަށް ލުން

§ ތިންވަނަ ފަހަރު އެކަން ބެލެނިވެރިޔާއަށް އަންގައި ބެލެނިވެރިޔާ ދަރިވަރަށް ނަޞޭޙަތް ދިނުމަށް ޒިންމާކުރުވުން

§ ހަތަރުވަނަ ފަހަރު ބެލެނިވެރިޔާ އަށް އެ ކަން އަންގައި 1 މަސް ދުވަހު އިތުރު ޙަރަކާތްތަކުން ވަކިކުރުން

§ މީގެ ފަހުން ތަކުރާރުވާ ކޮންމެ ފަހަރަކު މަތީގައި ބުނެފައިވާ އަދަބަށް 1 މަސްދުވަސް އިތުރުކުރަމުން ގެންދިއުން

4. މަދްރަސާ އަށް ގެނައުން މަނާ ތަކެތި މަދްރަސާ އަށް ގެނައުން

މަދްރަސާ އަށް ގެނައުން މަނާ ބައެއް ތަކެތި

§ ސްކޫލް ފޮތްލިސްޓުގައި ވާ ފޮތްތަކާއި ފަންސުރު ގަލަންފަދަ ތަކެތި ފިޔަވައި މަދްރަސާގެ އިދާރާއިން ނުވަތަ މުދައްރިސަކު ނުވަތަ ސުޕަވައިޒަރަކު ނުވަތަ ޙަރަކާތެއްގައި އިސްކޮށް އުޅުއްވާ ބޭފުޅަކު މަދްރަސާ އަށް ގެންނަން އަންގާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް

§ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ޤާނޫނު މަނާކުރާ އެއްވެސް އެއްޗެއް ގެންގުޅުމާއި އެފަދަ ތަކެތި

§ ކަޓަރު، ވަޅި ފަދަ ތޫނުތަކެތި ނުވަތަ އަނިޔާއެއް ދެވިދާނެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް

§ ހުއްދަ ލިބިފައިނުވާ ކުލާސްތަކުގެ ދަރިވަރުން ކޮމްޕަސް ގެނައުން

§ ދުންފަތާއި ދުންފަތުން އުފައްދާފައިވާ އެއްވެސް އެއްޗެއް ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި ސްކޫލަށް ގެނައުން

§ ލައިޓަރު، އަލިފާން ދަނޑި އަދި އަލިފާން ރޯކުރެވޭފަދަ އެއްވެސް އެއްޗެއް

§ ސުޕާރީ، ކިއްލި ފަދަ ދުފާ ތަކެތި

§ ޗުއިންގަމް ބަބުލްގަމް ފަދަ ތަކެތި

§ ތަފާތު ފިލްމުސްޓާރުންނާއި، ލަވަކިޔުންތެރިންނާއި، އަދި މި ނޫންވެސް ފަންނާނުން ފަދަ މީސްމީހުންގެ ފޮޓޯ ފަދަ ތަކެތި

§ މަދްރަސާއިން އެންގުމަކާ ނުލައި ވޯކްމަން، ސީޑީޕްލެއަރ، ނޫސް މަޖައްލާ، ސީޑީ، ފުލޮޕީ ފަދަ ތަކެތި

§ ފާޙިޝް އަދަބިއްޔާތު އަދި ފާހިޝް ޢަމަލެއް ކުރުމަށް ބޭނުންކުރެވިދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް

§ ކިޔަވާކުދިންނާ ނުގުޅޭ އެންމެހައި ތަކެތި

o އެޅިދާނެ އިޞްލާހީ ފިޔަވަޅުތައް

§ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާ ތަކެތީގެ ތެރެއިން ސްކޫލަށް ގެނައުން މަނާ ތަކެތި ސްކޫލަށް ގެނެސްފި ނަމަ، ފުރަތަމަ ފަހަރު ނަޞޭޙަތްދީ އެ ގެނައި ތަކެތި އިދާރާއިން އަތުލުން. މި ފަދައިން އަތުލެވޭ ތަކެތި އަތުލި ކަމުގެ ރަސީދެއް ދަރިވަރަށް ދޭންވާނެ އެވެ. އަދި ސްކޫލް ނިމުމުން އެ ތަކެތި ދަރިވަރާ ޙަވާލުކޮށް އެ ފަދަ ތަކެތި ސްކޫލަށް ނުގެނައުމަށް އެންގުން. މި ތަކެތި އަނބުރާ ލިބުނު ކަމުގެ ލިޔުމެއްގައި ދަރިވަރު ސޮއި ކުރަންވާނެ އެވެ.

§ ދަރިވަރުގެ ފައިލްގައި މިކަން ނޯޓުކުރުން

§ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަނުކުރާ ތަކެތި ސްކޫލަށް ގެނެސްފި ނަމަ ފުރަތަމަ ފަހަރު ނަޞޭޙަތްދީ އެ ގެނައި ތަކެތި އިދާރާއިން އަތުލުން އަދި މި ތަކެތި ނައްތައިލުމާ އެކު ދަރިވަރުގެ ފައިލުގައި މިކަން ނޯޓުކުރުން

§ ދެވަނަ ފަހަރު ބެލެނިވެރިޔާ ޙާޟިރުކޮށް އެ ފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އެންގުން އަދި ދަރިވަރުގެ ފައިލުގައި މިކަން ނޯޓުކުރުން

§ ތިންވަނަ ފަހަރު މި ފަދަ ޢަމަލެއް ތަކުރާރު ވެއްޖެނަމަ ސްކޫލުން ވަކިކުރެވިދާނެ ކަމުގެ އިންޒާރުދީ އެކަމަށް ބެލެނިވެރިޔާ ހެކިކޮށް ދަރިވަރާއި ބެލެނިވެރިޔާ ލައްވައި ބަޔާނެއްގައި ސޮއިކުރުވުން އަދި ދަރިވަރުގެ ފައިލުގައި ރިކޯޑު ކުރުން

§ ޢަމަލު ތަކުރާރުވެއްޖެ ނަމަ ދަރިވަރު ސްކޫލުން ވަކިކުރުމަށް އަޅަންޖެހޭ ފިޔަވަޅު ތައް އެޅުން

5. މަދްރަސާ އަށް އަންނަ އިރު ގެންނަން ޖެހޭ ތަކެތި ނުގެނައުން

(މަދްރަސާ އަށް ގެންނަންޖެހޭ ތަކެއްޗަކީ، ޓެކުސްޓު ފޮތާއި ނޯޓުފޮތާއި ގަލަން، ފަންސޫރު ފަދަ ކިޔެވުމަށް ބޭނުންވާ ތަކެއްޗެވެ).

o އެޅިދާނެ އިސްލާޙީ ފިޔަވަޅުތައް

§ އަމިއްލަ އަށް ތަކެތި ހަމަކޮށްގެން ގެންނަން ނޭނގޭ ވަރުގެ ކުއްޖަކު ނަމަ، ބެލެނިވެރިޔާއަށް މި ކަން އަންގައި ދަރިވަރު ސްކޫލަށް އަންނަ އިރު ގެންނަން ޖެހޭ ތަކެތި ފުރިހަމަކޮށްދީފައި ސްކޫލަށް ފޮނުވަން ހަނދާންކޮށްދޭނީ އެވެ. ތަކެތި ހަމަކޮށްގެން އަންނަން އެނގޭވަރުގެ ކުއްޖަކު ނަމަ މާއްދާގެ މުދައްރިސު ދަރިވަރަށް ވިސްނައިދެއްވައި ނަޞޭޙަތްދެއްވާނީ އެވެ.

§ މި ކަން ތަކުރާރުވާ ކޮންމެ ފަހަރަކު، ކުލާސް މުދައްރިސަށް މަސްއަލަ ހުށައަޅައި އޭނާ މެދުވެރިކޮށް ބެލެނިވެރިޔާއާ ބައްދަލުކޮށް އެ ކަން އެހެން ނުވާނެގޮތަކަށް ހަމަޖެއްސެވުމަށް އަންގާނީ އެވެ. އަދި ދަރިވަރުގެ ފައިލުގައި މި ވާހަކަ ރެކޯޑުކުރާނީ އެވެ.

6. އަނެކާއަށާއި ތަކެއްޗަށް ރައްކައުތެރިނުވުން

ހ. ދަރިވަރަކު ދަރިވަރެއްގެ ގައިގައި ޖެހުން، މާރާމާރީ ހިންގުން ނުވަތަ މި ފަދަ ޢަމަލެއް ހިންގައިފާނެ ކަމުގެ ބިރު ދެއްކުން

o އެޅިދާނެ އިސްލާޙީ ފިޔަވަޅުތައް

§ އެއް ދަރިވަރަކު އަނެއް ދަރިވަރެއްގެ ގައިގައި ޖަހައިގެން މައްސަލަޖެހިއްޖެ ނަމަ އެ ޖެހި ޖެހުމަކީ އަނިޔާއެއް ލިބޭ ފަދަ ޖެހުމެއް ނޫންނަމަ އަދި އެ ކަން ހިނގީ ކުލާސްރޫމުގައި ނަމަ އެ ގަޑީގައި ހުންނެވި މުދައްރިސަކު އެ މަސްއަލަ ބައްލަވައި ދެ ކުދިން ޞުލްޙަ ކުރުވޭ ނަމަ ޞުލްޙަ ކުރުވާނީ އެވެ.

§ ޞުލްޙަ ނުކުރެވޭ ނަމަ ކުލާސް މުދައްރިސާ ހަމައިން މަސްއަލަ ނިންމޭތޯ ބަލާނީ އެވެ. ކުލާސް މުދައްރިސާ ބައްދަލުނުވެއްޖެ ނަމަ ކަންހިނގި ގޮތުގެ ރިޕޯޓަކާ އެކު ސުޕަވައިޒަރަކަށް މަސްއަލަ ހުށަހަޅާނީ އެވެ. ދެން އެ މަސްއަލަ ބައްލަވާނީ ސުޕަވައިޒަރުންނެވެ.

§ ކުލާހުން ބޭރުގައި ހިނގި ކަމެއް ނަމަ އެ ފަދަ ކަންކަން ބައްލަވާނީ އެ ކުލާހުގެ ކުލާސް މުދައްރިސު ނުވަތަ ސުޕަވައިޒަރުންނެވެ.

§ މި ފަދަކަންކަމުގައި އިސްކަން ދޭނީ ދެފަރާތް ޞުލްޙަކުރުވައިގެން މަސްއަލަ ނިންމޭތޯ އެވެ. ޞުލްޙަ ނުކުރެވުނު ނަމަ ދެ ފަރާތުގެ ބަޔާން ނަގައި ދަރިވަރުންގެ ފައިލަށް ލާނީ އެވެ. އަދި އެ ކަމުގައި ކުށްވެރިވާ ކުއްޖާ ނުވަތަ ކުދިންގެ ބެލެނިވެރިން ޙާޟިރުކޮށް އެ ކަން އަންގާނީ އެވެ.

§ މި ފަދަ ޢަމަލެއް ތަކުރާރުވެއްޖެ ނަމަ ނުވަތަ އެ ޖެހި ޖެހުމަކީ، އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭ ފަދަ ޖެހުމެއްކަމަށް ވެފައި ވަގުތުން ފަރުވާދޭންޖެހޭ ވަރު ކަމެއް ނަމަ މަދްރަސާއިން ދެވެންހުރި އަވަސް ފަރުވާއެއް ދޭންވާނެ އެވެ.

§ އެ ލިބުނު، އަނިޔާއަށް އިތުރަށް ފަރުވާދޭން ޖެހިއްޖެ ނަމަ ދަރިވަރު ހޮސްޕިޓަލަށް ގެންގޮސް ދެ ފަރާތުގެ ބެލެނިވެރިންނަށް އަންގައި ފަރުވާގެ ކަންތައް އަވަސްކުރަންވާނެ އެވެ.

§ އެއަށް ފަހު މަދްރަސާއަށް ދެފަރާތުގެ ބެލެނިވެރިން ޙާޟިރުކޮށްގެން ޞުލްޙަވެރިކަމާ އެކު މަސްއަލަ ނިންމަން މަސައްކަތް ކުރަންވާނެ އެވެ.

§ ޞުލްޙަ ނުކުރެވުނު ނަމަ ނުވަތަ މަސްއަލަ އިތުރަށް ގޯސްވެދާނެކަމުގެ ބިރު ހީވެއްޖެ ނަމަ އަވަހަށް ކަމާބެހޭ ރަސްމީ ފަރާތަށް (މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް އަދި ބޭނުންވެއްޖެ ނަމަ ރާއްޖޭގެ އަމަން ބަލަހައްޓަވާ އިދާރާއަށް) އެ ކަން އަންގަވަންވާނެ އެވެ.

§ އެއަށްފަހު ދަރިވަރާ މެދު ނުވަތަ އެ މައްސަލައާ މެދު މަދްރަސާއިން ނިންމާ ގޮތެއް ނިންމާނީ އިސް އިދާރީ ކޮމިޓީ[1] އާއި ޕީ. ޓީ. އޭ، އަދި ސްކޫލް ބޯޑާ މަޝްވަރާކޮށްގެންނެވެ.

§ ދަރިވަރުން ދަރިވަރުންނަށް އެކި ސިފަސިފައިގައި އުނދަގޫކޮށް، ބިރު ދެއްކުމުގެ ޢަމަލަކީ ވަރަށް ހިތިކޮށް އޭގެ ނަތީޖާ ފެންނަމުންދާ ޢަމަލަކަށް ވާތީ މި ފަދަ ޢަމަލެއް ހިނގުމާ އެކު އެ ޢަމަލެއް ހިންގި ދަރިވަރަކާ ބެހޭގޮތުންނާއި އެ ޢަމަލު ރައްދުވާ ދަރިވަރާ އެ ދަރިވަރާ ދެމެދު އޮތް ގުޅުންތަކާ ބެހޭގޮތުން ވީހައި ގިނަ މަޢުލޫމާތެއް ހޯދައި ތަޙުލީލުކޮށް ރައްކައުތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދަންވާނެ އެވެ.

ށ. ދަރިވަރަކު މަދްރަސާގެ މުވައްޒަފެއްގެ ގަޔަށް އަތްލުން، ޖެހުން، މާރާމާރީ ހިންގުން ނުވަތަ މި ފަދަ ޢަމަލެއް ހިންގައިފާނެކަމުގެ އިންޛާރުދީ ބިރުދެއްކުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

1. ދަރިވަރަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ނުކުޅެދުމެއް ހުރި ކުއްޖަކަށް ނުވުމާއި އެކު ދަރިވަރު ހިންގި ޢަމަލަކީ، ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ލިބޭފަދަ ކަމަކަށް ނުވާނަމަ އެޅިދާނެ ފިޔަވަޅުތައް

§ މުވައްޒަފު ނުވަތަ މުދައްރިސުގެ ކިބައިން މަޢާފަށް އެދެން ޖެއްސުން

§ ބަޔާނެއްގައި ސޮއިކުރުވުން

§ ބެލެނިވެރިޔާއަށް އެ ކަން އެންގުން އަދި ދަރިވަރުގެ ފައިލުގައި މި ލިޔުންތައް ރެކޯޑުކުރުން

§ މި ގޮތުން މި ޢަމަލު ތަކުރާރުވާ ކޮންމެ ފަހަރަކު ބެލެނިވެރިޔާ ޙާޟިރުކޮށް މަސްއަލަ އޮޅުންފިލުވައިދީ ދަރިވަރު އަދަބުވެރި ކުރުވަން ލިޔުމަކުން އެންގުން

ނޯޓު: ދަރިވަރަކީ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއް ހުރުމުގެ ސަބަބުން ބޭ އިޚްތިޔާރުގައި އާދަޔާ ޚިލާފު ޢަމަލުތަކެއް ހިންގާ ކުއްޖަކަށް ވާނަމަ އެ ފަދަ ކުއްޖެއްގެ މަސްއަލަ ބަލައި ފިޔަވަޅު އަޅަންވާނީ އެ ކުއްޖެއްގެ ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުމަށް ރިއާޔަތް ކޮށްގެންނެވެ.

2. ދަރިވަރު ހިންގި ޢަމަލަކީ، ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން މީހަކަށް ގެއްލުމެއް ލިބޭފަދަ ކަމެއްކަމަށް ގަބޫލުކުރެވޭ ނަމަ، އެޅިދާނެ ފިޔަވަޅުތައް

§ އަނިޔާލިބުނު ފަރާތުން މަޢާފު ދެއްވައިފި ނަމަ މި ބައިގެ ފުރަތަމަ ނަމްބަރުގައި ބުނެފައިވާ އަދަބުތަކުގެ އިތުރަށް، ދަރިވަރަށް ނަޞޭޙަތްދިނުމަށް ފަހު ބަޔާނެއްގައި ސޮއިކުރުވައި އަދި ބެލެނިވެރިޔާ ލައްވައި ވެސް އެ ބަޔާނުގައި ސޮއި ކުރުވުވުމާ އެކު އެ ބަޔާން ދަރިވަރުގެ ފައިލަށް ލުން.

§ އަނިޔާލިބުނު ފަރާތުން މަޢާފު ނުދެއްވައިފި ނަމަ ޕީ. ޓީ. އޭ ގެ ހިންގާ ކޮމިޓީ އާ މަޝްވަރާކޮށް ދަރިވަރާ މެދު ޢަމަލު ކުރާނެ ގޮތުގެ ލަފައަކަށް އެދި، ސްކޫލް ބޯޑުގައި އެ ވާހަކަ ދެންނެވުން، އަދި ސްކޫލް ބޯޑުގެ ބައްދަލުވުމަކަށް ފަހު ބޯޑުން ދެއްވާ ލަފަޔަކާ އެއްގޮތަށް ޢަމަލު ކުރުން.

ނ. މަދްރަސާގެ މުވައްޒަފަކާ މެދު ނުވަތަ މުދައްރިސަކާ މެދު ބޭ އަދަބީވުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު މަސްއަލަ ތަޙުޤީޤު ކުރައްވައި ކުލާސް މުދައްރިސު އެ ކަން ނޯޓު ކުރުވައި ނަޞޭޙަތް ދިނުން

§ ދެވަނަ ފަހަރު ތަކުރާރުވެއްޖެ ނަމަ ސުޕަވައިޒަރަކު ލައްވައި ދަރިވަރުގެ ބަޔާނެއް ނަގައި ދަރިވަރުގެ ފައިލަށް ލުން އަދި ލިޔުމަކުން އެކަން ބެލެނިވެރިޔާއަށް އެންގުން

§ ތިންވަނަ ފަހަރު ތަކުރާރުވެއްޖެ ނަމަ ބެލެނިވެރިޔާ ޙާޟިރުކޮށް މަސްއަލައާ ބެހޭ ބަޔާނެއްގައި ބެލެނިވެރިޔާ ލައްވައި ސޮއި ކުރުވައި ބެލެނިވެރިޔާ ޒިންމާކުރުވުން، އަދި މި ބަޔާނުގެ ކޮޕީއެއް ދަރިވަރުގެ ފައިލަށް ލުން

§ ހަތަރުވަނަ ފަހަރު ތަކުރާރުވެއްޖެ ނަމަ 3 ވަނަ ފަހަރު ޢަމަލުކުރިގޮތަށް ޢަމަލުކުރުން

§ ފަސްވަނަފަހަރު މި ކަން ތަކުރާރުވެއްޖެ ނަމަ 3 ވަނަ ފަހަރު ޢަމަލުކުރިގޮތަށް ޢަމަލުކުރުމާ އެކު ދަރިވަރު ސްކޫލުން ވަކިކުރަން ޖެހިދާނެކަމުގެ އިންޛާރުދިނުން

ނޯޓު: މިއަށްވުރެ އިތުރަށް މި ފަދަ ކަމެއް ތަކުރާރުވެއްޖެ ނަމަ ދަރިވަރު ސްކޫލުން ވަކިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުން

ރ. ދަރިވަރެއްގެ ނުވަތަ މުވައްޒަފެއްގެ ތަކެއްޗަށް ގެއްލުންދިނުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ބެލެނިވެރިޔާ ޙާޟިރުކޮށް ބެލެނިވެރިޔާގެ ޙާޟިރުގައި ނަޞޭޙަތްދީ ބަދަލު އަތުލުން، އަދި ދަރިވަރުގެ ރެކޯޑު ފައިލުގައި އެ ވާހަކަ ލިޔުން

§ ދެވަނަ ފަހަރު ވެސް ކުރީފަހަރެކޭ އެއްފަދައިން ޢަމަލުކުރުމާ އެކު ބެލެނިވެރިޔާގެ ބަޔާނެއް ނަގައި އެ ފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ބާރުއެޅުމަށް އެއްބަސްކުރުވައި ސޮއިކުރުވުން

§ ތިންވަނަ ފަހަރު މި ޢަމަލު ތަކުރާރުވެއްޖެ ނަމަ ދަރިވަރު ސްކޫލުން ވަކިކުރެވިދާނެ ކަމުގެ އިންޛާރު ދިނުން

§ ހަތަރުވަނަ ފަހަރު މި ޢަމަލު ތަކުރާރުވެއްޖެ ނަމަ ސްކޫލުން ވަކިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

ބ. މަދްރަސާގެ ތަކެއްޗަށް ގެއްލުންދިނުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ މަދްރަސާގެ އެއްޗަކަށް ގަސްތުގައި ގެއްލުމެއް ދީފިކަން ޘާބިތުވެއްޖެ ނަމަ ފުރަތަމަ ފަހަރު ދަރިވަރަށް ނަޞޭޙަތްދީ، ބެލެނިވެރިޔާ ޙާޟިރުކޮށް، އެ އެއްޗެއް ރަގަޅު ކުރުމަށް ނުވަތަ އެ ގެއްލުމުގެ އަގު ދެއްކުމަށް އަންގައި ބެލެނިވެރިޔާ ލައްވައި ބަޔާނެއްގައި ސޮއި ކުރުވާނީ އެވެ. (މި ބަޔާން ދަރިވަރުގެ ފައިލުގައި ފައިލު ކުރަންވާނެ އެވެ)

§ ތަކުރާރުވާ ކޮންމެ ފަހަރަކު ދަރިވަރަށް ނަޞޭޙަތްދީ ބެލެނިވެރިޔާ ލައްވައި މަރާމާތުކުރުވާނީ އެވެ. ނުވަތަ މުދަލުގެ އަގު އަތުލާނީ އެވެ.

ޅ. މަދްރަސާގެ ފާރުތަކާއި، ފަރުނީޗަރުގައި ލިޔެ ކުރަހައި ހަޑިކުރުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ދަރިވަރަށް ނަޞޭޙަތްދީ އެ ތަނެއް ނުވަތަ އެއްޗެއްގައި ލިޔުނު ނުވަތަ ކުރެހި އެއްޗެއް ފޮހެ ރަގަޅުކުރުވުން

§ ދެވަނަ ފަހަރު ދަރިވަރަށް ނަޞޭޙަތްދީ ބަޔާނެއް ނަގައި ފައިލަށް ލުމާ އެކު އެ އެއްޗެއްގައި ލިޔުނު ނުވަތަ ކުރެހި އެއްޗެއް ފޮހެ ރަގަޅު ކުރުވުން

§ ތިންވަނަ ފަހަރު ދަރިވަރަށް ނަޞޭޙަތްދީ އެ ތަނެއް ނުވަތަ އެއްޗެއްގައި ލިޔުނު ނުވަތަ ކުރެހި އެއްޗެއް ފޮހެ ރަގަޅު ކުރުވުން. އަދި ބެލެނިވެރިޔާ ޙާޟިރުކޮށް އެ ކަން އަންގައި ބެލެނިވެރިޔާ އަށް އެ ކަން އެންގިއްޖެކަން ޤަބޫލުކުރާ ކަމަށް ބެލެނިވެރިޔާ ލައްވައި ސޮއިކުރުވުން އަދި ދަރިވަރު އިޞްލާޙު ކުރުމަށް ބެލެނިވެރިޔާ ޒިންމާ ކުރުވުމާ އެކު މިބަޔާން ދަރިވަރުގެ ފައިލަށް ލުން

ކ. މަދްރަސާގެ ދަރިވަރަކު އަތުން، ލައިބުރަރީން ނަގާ ފޮތް ގެއްލުން ނުވަތަ ގެއްލުން ދިނުން

އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ލައިބުރަރީގެ މެމްބަރެއްގެ އަތުން ނުވަތަ ލައިބްރަރީން ފޮތް ދޫކޮށްފައިވާ ދަރިވަރެއްގެ އަތުން ފޮތެއް ގެއްލިއްޖެ ނަމަ އޭގެ ބަދަލުގައި އެ ފަދަ ފޮތެއް ލައިބްރަރީ އަށް ހޯދައިދޭންވާނެ އެވެ. އަދި އެ ފަދަ ފޮތެއް ނުލިބިއްޖެ ނަމަ އެ ފޮތުގެ އަގު ސަތޭކަ ރުފިޔާ އަށްވުރެ ކުޑަ ނަމަ 50 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ދައްކަންވާނެ އެވެ. އެއަށްވުރެ ބޮޑު ނަމަ އެ ފޮތުގެ އަގު ދައްކަންވާނެ އެވެ.

§ ލައިބުރަރީގެ ފޮތަކަށް ނުވަތަ އެފަދަ އެއްވެސް އެއްޗަކަށް ދަރިވަރަކު ގަޞްދުގައި ގެއްލުމެއްދީފި ނަމަ ސްކޫލުގެ އިދާރާއިން އެ މަސްއަލަ ބަލައި އެއީ ބަދަލު ދޭންޖެހޭފަދަ ކަމެއް ނަމަ ބަދަލު އަތުލެވޭނެ އެވެ.

§ މި ކަން ތަކުރާރު ވެއްޖެ ނަމަ އިސްވެދިޔަ ކަންތަކުގެ އިތުރަށް ދަރިވަރުގެ ބަޔާނެއް ނަގައި ފައިލަށް ލެވޭނެ އެވެ.

§ މި ގޮތުން ތިންވަނަ ފަހަރު ތަކުރާރުވެއްޖެ ނަމަ އެ ދަރިވަރަށް ލައިބްރަރީ އިން ފޮތްދޫނުކުރާ ގޮތަށް ހަމަޖެއްސޭނެ އެވެ. ދެން އެ ދަރިވަރަށް ފޮތް ދޫކުރެވޭނީ އެ ޢަމަލު ތަކުރާރު ނުކުރާނެކަމުގެ ބަޔާނެއްގައި ދަރިވަރާއި ބެލެނިވެރިޔާ ސޮއިކޮށް ސްކޫލު އޮފީހަށް ހުށައެޅުމަށް ފަހު އެވެ.

7. ފިޔަވަޅު އަޅަންޖެހިދާނެ އެހެނިހެން ބައެއްކަންތައްތައް:

1. އެގުޒިޓު ކާޑު ނެތި ކުލާހުން ބޭރުގައި އުޅުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ އެގުޒިޓު ކާޑުނެތި ދަރިވަރަކު ކްލާހުން ބޭރުގައި އުޅެނިކޮށް ފެންނަ ފުރަތަމަ ފަހަރު ނަޞޭޙަތް ދިނުމަށްފަހު ކުލާހަށް ވައްދާނީ އެވެ.

§ ދެވަނަ ފަހަރު ނަމަ ކުލާސް ގަޑިތައް ނިމުނީމައި އިދާރާއަށް ދަރިވަރު ގެނެސް ކަންތައް ހިނގި ގޮތުގެ ބަޔާނެއްގައި ސޮއި ކުރުވައި އެ ބަޔާން ދަރިވަރުގެ ފައިލަށް ލާނީ އެވެ.

§ ތިންވަނަ ފަހަރު ކުލާސް ގަޑިތައް ނިމުނީމައި ނުކިޔަމަންތެރި ދަރިވަރެއްގެ ގޮތުގައި އިދާރާގައި ނަން ނޯޓުކުރާނީ އެވެ.

§ ހަތަރުވަނަ ފަހަރު ނަމަ ކުލާސް ގަޑިތައް ނިމުނީމައި ބެލެނިވެރިޔާ އާއި ދަރިވަރު އޮފީހަށް ޙާޟިރުކުރުވައި ދަރިވަރުގެ ނުކިޔަމަންތެރިކަން އަންގައި ބަޔާނެއްގައި ސޮއިކުރުވުމަށް ފަހު ދަރިވަރުގެ ފައިލަށް އެ ބަޔާންލާނީ އެވެ. (ދެން މި ކަން ތަކުރާރުވާ ކޮންމެ ފަހަރަކު މި ގޮތަށް ޢަމަލު ކުރާނީ އެވެ.)

2. ކިޔަވާ ގަޑީގައި ނުވަތަ މަދްރަސާގެ ޚާއްޞަ ބޭނުމަކަށް މަދްރަސާ އަށް އައިސްއުޅޭ ވަގުތެއްގައި ސްކޫލް އޮފީހުގެ ނުވަތަ ކަމާބެހޭ ފަރާތުގެ ހުއްދަނެތި މަދްރަސާއިން ބޭރަށް ނިކުތުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ނަޞޭޙަތްދީ ދަރިވަރުގެ ރެކޯޑުފައިލުގައި އެ ކަން ފާހަގަކުރުން (ބަޔާން ނަގައި ފައިލަށްލުން)

§ ދެވަނަ ފަހަރު ބެލެނިވެރިޔާ ޙާޟިރުކޮށް އެކަން އަންގައި އިތުރު ޙަރަކާތްތަކުން ސަސްޕެންޑު ކުރުން.

3. ގޭގައި ހަދަންދޭ ފިލާވަޅާއި އެސައިންމެންޓު ފަދަ މަސައްކަތް ނުނިންމައި އައުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ސަބަބު އޮޅުންފިލުވައި މާއްދާގެ މުދައްރިސު ދަރިވަރަށް ނަޞޭޙަތް ދެއްވައި އެ ކަން ތަކުރާރު ނުކުރުމަށް ވިސްނައިދެއްވުން.

§ ދަރިވަރަށް އިތުރު އެހީ ބޭނުންވާ ނަމަ އެކަން ރާވައިދިނުން

ބެލެނިވެރިޔާ އަށް މި މަޢުލޫމާތު ފޯރުކޮށްދިނުން

§ ދެވަނަފަހަރު މި ކަން މި ގޮތަށް މެދުވެރިވެއްޖެ ނަމަ ކްލާސް މުދައްރިސް މެދުވެރިކޮށް ދަރިވަރަށް ނަޞޭޙަތްދީ ބެލެނިވެރިޔާ އަށް އެކަން އެންގުން

§ ތިންވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ތަކުރާރު ކޮށްފިނަމަ ދަރިވަރު ސްކޫލްގައި މަޑުކުރުވައިގެން ނުނިންމައި ހުރި މަސައްކަތް ނިންމުން

§ އިތުރު އެހީބޭނުންވާ ނަމަ ދަރިވަރަށް އެ އެހީތެރިކަން ފޯރުކޮށްދިނުން.

4. އިމްތިޙާނުތަކުގައި ދަރިވަރުން އަމަލުކުރަންވީ ގޮތް

§ އިމްތިޙާނުގައި ދަރިވަރުން ޢަމަލުކުރަންވީ ގޮތް ކަނޑައަޅާނީ އެ ސްކޫލަކުންނެވެ. އެ ދަރިވަރެއްގެ ގުރޭޑާއި އެ އިމްތިޙާނަކާ ގުޅޭ ގޮތުންނެވެ.

§ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ އިމްތިޙާނެއް ނަމަ ޢަމަލުކުރާނީ އެ އިމްތިޙާނެއް ހިންގާ ފަރާތުން އެކުލަވައިލާ ޤަވާޢިދާ އެއްގޮތްވާގޮތަށެވެ.

§ އިމްތިހާނަށް ގެނެވޭ ތަކެއްޗަކީ އެ މާއްދާ އަކަށް ބޭނުންވާ ސްކޫލުން ހުއްދަކުރާ ތަކެތި ކަމުގައި ވާންޖެހޭނެ އެވެ.

§ އިމްތިހާނެއްގައި ކޮޕީކުރުން ފަދަ ކަމެއް ކޮށްފިނަމަ ސްކޫލުން އެކަށައަޅާ އުސޫލެއްގެ މަތިން ދަރިވަރާމެދު ޢަމަލު ކުރެވިދާނެ އެވެ. މީގެތެރޭގައި ދަރިވަރު އެ މާއްދާއަކުން ފޭލްކުރުން ފަދަ އިޚްތިޔާރު ސްކޫލަށް ލިބިގެންވެ އެވެ.

§ ދަރިވަރެއްގެ ފަރާތުން މި ފަދަ އަމަލެއް ހިނގައިފި ނަމަ އެ ކަން ބެލެނިވެރިޔާ އަށް ލިޔުމަކުން އަންގަންވާނެ އެވެ. އަދި މި ލިޔުމުގެ ކޮޕީއެއް ދަރިވަރުގެ ފައިލަށް ލާންވާނެ އެވެ.

5. ސައިނުބޮއި ސްކޫލަށް އައުމާއި އިންޓަވަލް ނުގެނައުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ދަރިވަރަކު ސައިނުބޮއި ސްކޫލަށް އަންނަ ނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ އާ ގުޅައި ދަރިވަރަށް ހެނދުނު ސައި ދީފައި ސްކޫލަށް ފޮނުވުމަށް ދެންނެވުން އަދި މިކަމުގެ މުހިއްމުކަން ދަރިވަރަށާއި ބެލެނިވެރިޔާ އަށް ކިޔައިދިނުން

§ އިންޓަވަލް ނުލައި އަންނަ ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުން އިންޓަވަލް އަކާ އެކީ ސްކޫލަށް ފޮނުވުމަށް ދެންނެވުން އަދި މި ކަމުގެ ބޭނުންތެރިކަން ވިސްނަވައިދެއްވުން

§ މި ކަން ތަކުރާރުވާ ނަމަ ތަކުރާރުކޮށް ބެލެނިވެރިޔާ އަށް މި ކަން އިޞްލާޙު ކުރުމަށް ދެންނެވުން.

6. ބޯދިގުކޮށް، ބުލީޗުކޮށް، ޑައިކޮށް، ނިޔަފަތި ދިގުކޮށް، ދަތްނޫގުޅައި، ފެންނުވަރައި ކުލާހަށް އައުން

އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ފުރަތަމަ ފަހަރު ކުލާސް މުދައްރިސު ނަޞޭޙަތް ދެއްވައި އެ ކަންކަން އިޞްލާޙު ކުރަން އަންގަވާނީ އެވެ. އަދި އެ ކަން ކްލާސް މުދައްރިސްގެ ރެކޯޑްގައި ނޯޓްކުރައްވަންވާނެ އެވެ.

§ ދެވަނަފަހަރަށް އެ ކަން އިޞްލާޙު ނުކޮށް ސްކޫލަށް އަތުވެއްޖެ ނަމަ ކުލާސް މުދައްރިސު އެ ކުއްޖެއްގެ ބެލެނިވެރިޔާއާ ބައްދަލުކުރައްވައި އެ ކަން އިޞްލާޙު ކުރުމަށް ފަހު ދަރިވަރު ސްކޫލަށް ފޮނުވައިދިނުމަށް ދަންނަވާނީ އެވެ.

§ ތިންވަނަފަހަރު އެ ކަން އިޞްލާޙް ނުކޮށް ދަރިވަރު ސްކޫލަށް އަތުވެއްޖެ ނަމަ، ބެލެނިވެރިޔާ ގެނެސް ދަރިވަރުގެ އެ ޢަމަލު އިޞްލާޙު ނުކޮށް ސްކޫލަށް ނުފޮނުވަން ލިޔުމަކުން އަންގާނީ އެވެ.

§ މީގެ ފަހުން އެ ކަމެއް އިޞްލާޙްކޮށްގެން ހާޟިރުވުމުން ނޫނީ ސްކޫލުން އެ ދަރިވަރު ބަލައި ނުގަންނާނީ އެވެ.

7. ދުންފަތުގެ އިސްތިޢުމާލުކުރުން

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައ

§ ދަރިވަރަށް ނަޞޭޙަތް ދިނުން

§ ބެލެނިވެރިޔާ އަށް އެންގުން (ބެލެނިވެރިޔާ ދަރިވަރަށް ނަޞޭޙަތް ދީގެން އެ ޢަމަލު ހުއްޓުވުމަށް ދެންނެވުން)

§ މި ޢަމަލު ތަކުރާރުވާ ނަމަ ދަރިވަރަށް ދެވިފައިވާ ހުރިހައި އިމްތިޔާޒު ތަކަކުން މަޙްރޫމް ކުރުން

§ ސްކޫލް ތަމްޘީލު ކުރަންޖެހޭ އެއްވެސް ޖަލްސާ އަކަށް ނުފޮނުވުން

ނޯޓު: ތަފާތު ތިން ފަހަރެއްގެ މަތިން ދުންފަތުގެ އިސްތިޢުމާލުކުރާކަމަށް ކުއްޖެއްގެ ރިޕޯޓްކުރެވި އެ ކަން ޘާބިތުވެ ނަޞޭޙަތް ދިނުމުން ވެސް ހުއްޓައިނުލައި 4 ވަނަ ފަހަރުއެކަން ޘާބިތުވެއްޖެ ނަމަ މަދްރަސާއިން ވަކިކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8. މަދްރަސާގެ ނަން ހުތުރުވާފަދަ ޢަމަލެއް ހިންގުން

(މި ފަދަ ޢަމަލުތަކަށް ދޭނެ އަދަބު ކަނޑައަޅާނީ ކަމުގެ ކުޑަބޮޑުމިނަށް ބެލައި މަދްރަސާގެ އިސް އިދާރީ ކޮމެޓީ ބައްދަލުވެ މަޝްވަރާކުރުމަށް ފަހުގަ އެވެ.)

o އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

§ ދަރިވަރު ހިންގި ޢަމަލު ބެލެނިވެރިޔާ އަށް އެންގުން

§ ސްކޫލް ތަމްޘީލުކުރާ އެއްވެސް ޙަރަކާތެއްގައި ބައިވެރިނުކުރުން

§ އިތުރު ޙަރަކާތްތަކުގައި ބައިވެރި ނުކުރުން

§ ދަރިވަރަށް ދެވިފައިވާ އިމްތިޔާޒުތަކުން މަޙްރޫމު ކުރުން

9. ދަރިވަރަކު މަދްރަސާގައި ބަދު އަޚްލާޤީ ޢަމަލެއް ހިންގުން

އެޅިދާނެ އިޞްލާޙީ ފިޔަވަޅުތައް

ހިންގި އަމަލު

އަޅަންވީ ފިޔަވަޅު

1. ދަރިވަރަކު މުދައްރިސަކާ ނުވަތަ މުވައްޒަފަކާ ނުވަތަ ދަރިވަރަކާ މުޚާޠަބުކޮށް އަވަގުރާނަ ގޮވުން

ހ. ދަރިވަރަށް ނަޞޭޙަތް ދިނުން

ށ. ބެލެނިވެރިންނަށް އެންގުން

ނ. ދަރިވަރުގެ ބަޔާނެއް ނަގައި ފައިލުކުރުން

2. އޮރިޔާން ފޮޓޯ ނުވަތަ ފިލްމު ފަދަ ތަކެތި ގެންގުޅުން

ހ. ދަރިވަރަށް ނަޞޭޙަތް ދިނުން

ށ. ބެލެނިވެރިންނަށް އެންގުން

ނ. ދަރިވަރުގެ ބަޔާނެއް ނަގައި ފައިލުކުރުން

ރ. ދަރިވަރުގެ އަތުން އެތަކެތި އަތުލައި ނައްތައިލުން

ބ. މައްސަލަ ތަޙުޤީޤުކޮށް އެ ތަކެތި އޭނާއަށް ލިބުނު ގޮތެއް ހޯދައި ކަމާބެހޭ ފަރާތަށް އެންގުން

3. ދަރިވަރަކަށް ޖިންސީ ގޯނާއެއް ކޮށް ދަރިވަރަކާ އެކު ޖިންސީ ޢަމަލެއް ހިންގުން.

ހ. މަދްރަސާގެ އިސް އިދާރީ ކޮމިޓީ އާއި، ޕީ. ޓީ. އޭ އާއި ސްކޫލް ބޯޑާ ބައްދަލުވެ މަޝްވަރާކޮށް މަސްއަލަ ތަޙުޤީޤުކޮށް، ކުށްވެރިވާ ދަރިވަރު ނުވަތަ ދަރިވަރުން ސްކޫލުން ވަކިކުރުން.

8. އެހެނިހެން ކަންކަން

- މި ޤަވާއިދުގައި ނުހިމެނޭ ނަމަވެސް މިޤަވާޢިދުގެ ތެރެއަށް ފެތޭ ކުށެއް ދަރިވަރަކު ކޮށްފިނަމަ މި ޤަވާޢިދުގެ ތެރެއިން އެކުށަކާ އެންމެ ގުޅޭ މާއްދާއެއްގެ ދަށުން ޢަމަލުކުރުން.

- މި ޤަވާޢިދުގައި ނުހިމެނޭ އަދި މިއިން ޤަވާޢިދަކަށް ނުފެތޭ ކުށެއް ދަރިވަރަކު ކޮށްފިނަމަ ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

1. ސްކޫލް ގެ އިސްފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުން

ސްކޫލުގެ ފެންވަރުގައި ނިންމަން ދަތި މައްސަލައެއް ނަމަ މިނިސްޓުރީ އޮފް އެޑިޔުކޭޝަންގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ލިބޭ އިރުޝާދުގެ މަތިން އެ މަސްއަލައެއް ނިންމުން.


[1]އިސް އިދާރީ ކޮމިޓީ އަކީ، ސްކޫލުގެ ސުޕަވައިޒަރުން ފެށިގެން މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ.

No comments:

Post a Comment