Sunday, January 8, 2012

ސުކޫލުތަކުގައި ހިންގޭ އިތުރު ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް ހެޔޮ އަސަރު ކުރެއެވެ

ސުކޫލު ނުވަތަ މަދުރަސާއަކީ ދަރިވަރުންގެ ހަޔާތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާތަނެކެވެ. އެއީ ތުއްތުއިރުއްސުރެ ތަޢުލީމާއި ތަރުބިއްޔަތު ހޯދައި، ދިރިއުޅުމުގެ ތަފާތު ހުނަރުތައް އުނގެނުމަށް ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ގޮސް އުޅޭ އެދުރުގެ އެވެ. އެއީ ދަރިވަރުންގެ ޢިލްމީ ހަޔާތް ބާއްޖަވެރި ކޮށްދޭ ގޯއްޗެވެ. ހަމައެހެންމެ އެއީ އެކުދިންގެ ދުނިޔަވީ ހަޔާތަށް މަގުދައްކައިދޭ ބިނާވެސް މެއެވެ. އަދިހަމައެހެންމެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމުގެ މަގުތައް ހޯދާ ކިއްލާވެސްމެއެވެ. މި މުހިއްމު މަރުކަޒުގައި ދެވޭ ތަޢުލީމުގެ އިތުރުން، ހިންގޭ އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މުސްތަޤުބަލު ފުރިހަމަ ގޮތުގައި ބިނާކުރުމަށް މަގުފަހި ކޮށްދެއެވެ.

ޒަމާން ބަދަލުވަމުންދާވަރަކަށް އަޅުގަނޑުމެންގެ ހަޔާތަށް އައުކަންތައްތަކެއް ތަޢާރަފުވަމުންދެއެވެ. އެކަންތައްތަކާ ކުރިމަތިލުމަށްޓަކައި އެކިކަންކަމުގެ މަޢުލޫމާތު އެނގުމީ މުހިއްމު ކަމެކެވެ. އެހެނީ އެކަންތައްތަކާ ކުރިމަތި ނުލެވިއްޖެނަމަ ފަހުން ހިތާމަކުރަންޖެހޭނެތީއެވެ. ދެތިން ފޮތް ހިފައިގެން ސުކޫލަށް ގޮސް ފިލާވަޅުތައް ހެދި ޒަމާން ފަސްދީ ހިނގައްޖެއެވެ. ކިޔެވުމުގެ އިތުރުން ސުކޫލުގައި ހިންގޭ އިތުރުހަރަކާތްތައް ގިނަވެ އެކަންކަމުގެ މުހިއްމުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންކަމުން ސުކޫލުގެ އިތުރުހަރަކާތްތަކުގައި، ޚާއްޞަކޮށް ސުކައުޓާއި ގާލްގައިޑުފަދަ ޙަރަކާތްތަކުގައި ބައިވެރިވުމުން ދިރިއުޅުމުގައި ދިމާވާ އައު ކަންތައްތަކާ ކުރިމަތިލުމަށް ހިތްވަރުލިބޭނެއެވެ. މިގޮތުން ދިމާވާ އެކިއެކި ގޮންޖެހުންތަކުން ސަލާމަތްވުމަށް އަމިއްލަޔަށް މަސައްކަތްކުރުމުގެ ޤާބިލުކަންލިބި އަމިއްލަ ދިރިއުޅުމުގައި ކުރަންޖެހޭ ބައެއްކަންކަން ކުރަން އެނގި، އެކަކު އަނެކަކާ ގުޅުންބަދަހިކުރުމަށް މަގުފަހިވެގެންދެއެވެ.

އިންސާނުންނަކީ ތަފާތު ބައެކެވެ. އެކި މީހުންގެ ކިބައިގައި ޤުދުރަތުން ލައްވާފައިވަނީ އެކި ހުނަރުތަކެވެ. އެހެންކަމުން މިފަދަ ހުނަރުތައް ކުރިއެރުވުމަށް ދަރިވަރުންނަށް ފުރުސަތުތަކެއް ލިބިދޭންޖެހެއެވެ. މިފުރުސަތުތައް ލިބިދެވޭނީ އެކަންކަމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅިގެންނެވެ. ސުކޫލުތަކުގައި ދަރިވަރުންގެ ހުނަރުތައް ތަރައްޤީކުރުމަށް ބާރުއެޅި އެފަދަ ކުދިންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ދެވިއްޖެނަމަ އެކުދިންވެގެންދާނީ ކާމިޔާބު ބަޔަކަށެވެ. ލިޔުންތެރިކަމުގެ ހުނަރުތަކާއި ޅެންވެރިކަމުގެ ހުނަރުތައް އަދި ތަމްޘީލުކުޅުމާއި ލަވަކިޔުމުގެ ހުނަރުތައް އަދި ކުރެހުމާއި އެކިއެކި ކުޅިވަރުތައްކުޅުމުގެ ހުނަރުތައް ލިބިގަނެވޭނެ މާޙައުލެއް ސުކޫލުތަކުގައި ޤާއިމުކުރެވިއްޖެނަމަ، ދަށް ނަތީޖާ ލިބި މާޔޫސްވެފައިވާ ހާލުގައި ސުކޫލު ނިންމާކަށް ނުޖެހޭނެއެވެ.

ސުކޫލު މަދުރަސާތަކުގައި ހިންގާ ދިވެހި ކުލަބާއި ތިމާވެށި ކުލަބު އަދި އިސްލާމު ކުލަބާއި ކުޅިވަރު ކުލަބުތަކުގެ ސަބަބުން ދަރިވަރުންގެ ކިބައިގައިވާ ހުނަރުތައް ކުރިއެރުވުމަށް މަގުފަހިވެގެންދެއެވެ. ވާހަކަދެއްކުމުގެ މުބާރަތްތަކާއި ބަހުޘް މުބާރާތްތައް، އެކިއެކި ދީނީ ކުއިޒުތަކާއި ތިމާވެށީގެ އެކިއެކިޕްރޮގްރާމުތައް އަދި ތަމްޘީލާއި ޑުރާމާ މުބާރާތްތައް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ހުނަރުތައް ތަރައްޤީވަމުން ދެއެވެ. މިފަދަކަންކަމުން އެފަދަ ހުނަރު ހުރި ކުދިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. މިކަމުގެ ސަބަބުން އެފަދަ ދަރިންގެ ހިތްތަތަކުގައި ދީނީ ރޫޙޫ އާލާވެ، އަމިއްލަ މާދަރީ ބަހަށާއި ޤައުމީ އެކިއެކި ކަންކަމަށް ލޯހުޅުވި ޤައުމާއިގެން ކުރިއަށްދާނެ ދަރިންތަކެއް އުފަންވާނެކަން ޔަޤީނެވެ.

ގާލްގައިޑައި ސްކައުޓުފަދަ ހަރަކާތްތަކުގެ ސަބަބުން އެހަރަކާތްތަކުގައި އުޅޭކުދިން ކަމެއް ދިމާވުމުން ހަދާނެގޮތެއްނޭނގި ބިރުންގޮސް މައިން ބަފައިންގެ ފޫބުޑަށް ވަދެ އޮންނާކަށް ނުޖެހޭނެއެވެ. އެއީ އެފަދަ ހަރަކާތްތަކުގެ ސަބަބުން އިޖުތިމާޢީ އެކިއެކި ހުނަރުތައް ދަރިވަރުންނަށް ލިއްބައިދެވޭތީއެވެ. ފެތުމާއި ކެއްކުންފަދަ، ޖޯލިގެތުމާއި ވިޔުންފަދަ އަދި ތަފާތު ވައްތަރުގެ ގޮށްޖެހުންފަދަ ކަންކަން އަމިއްލަޔަށް ކުރުމުގެ ޤާބިލުކަން ލިބޭތީއެވެ. ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަން އަމިއްލަޔަށް މާބޮޑު އުނދަގުލަކާ ނުލައި ހައްލުކުރުމުގެ ވިސްނުމާއި ކަންކަމުގެ ވައްޓަފާޅި ދަސްވުމުގެ ނަތީޖާއެއްގެ ގޮތުން ޖެހިލުންކުޑަ، ކަންކަމަށް ކެރިގެން ކުރިމަތިލުމުގެ ރޫޙު އުފެދިފައިވާ ދަރިންތަކެއް ޤައުމަށް ނެރެދެވެއެވެ. ކަންކަމުގައި ފަސްޖެހިފައި ނުތިބެ އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ރޫޙު ހަރުލާފައިވާ މުވާޠިނުންތަކެއް އުފެދެއެވެ. މިހުރީ ހައްތަހާވެސް ސުކޫލުތަކުގައި ހިންގޭ ތަފާތު ހަރަކާތްތަކުގެސަބަބުން ދަރިވަރުންނަށް ކުރާ ފައިދާއެވެ. ހެޔޮ އަސަރުތަކެވެ.

ސުކޫލުތަކުގައި ހިންގޭ ތަފާތު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ގެއްލިފައިހުރި ހުނަރުތައް ނެރެ ދައްކާލުމަށް މަގުފަހިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ތަޢުލީމީ ގޮތުން މާބޮޑު ކާމިޔާބީއެއް ނުލުބޭ ކުދިންވެސް މުޖުތަމަޢުގެ ތެރޭގައި ބާކީވާކަށް ނުޖެހެއެވެ. އެކުދިންނަށްވެސް ފުރުޞަތުތަކެއް އޮތްކަން ވިސްނި އެކަންކަމުގައި ކުރިއަށް ދިއުމުގެ މަގު ތަނަވަސްވެގެން ދެއެވެ. އެހެންކަމުން ސުކޫލުތަކުގައި ހިންގޭ އިތުރު ހަރަކާތްތަކަށް އިތުރު ސަމާލުކަމެއްދީ އެފަދަ ހަރަކާތްތައް ކުރިއެރުވުމަށް ސުކޫލުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމެވެ. އެއިރުން އިތުރު ކުރިއެރުންތަކެއްލިބި ކާމިޔާބުގެ އެންމެ އުސް ކުރިބޯށްޓާ ހިސާބަށް އެރުމަށް މަގުތަނަވަސްވެގެންދާނެއެވެ. "2009ގެ ޖަމާޢަތުގެ ޚަބަރުން ނަގާފައިވާ"

ދޭހައިގެ ސުވާލުތަކަށް ޖަވާބުދޭށެވެ.

1. ދަރިވަރުންގެ ހަޔާތުގައި، ސުކޫލު މަދުރަސާތައް މުހިއްމު ދައުރެއް އަދާކޮށްދޭ ތަންތަނަށް ވެފައިވަނީ ކީއްވެ؟

-----------------------------------------------------------------------------------------------------------------

2. ޒަމާނާ ގުޅިގެން އަންނަ އައުކަންތައްތަކާ ކުރިމަތިލުމަށްޓަކައި ކުރަންވީ ކަމަކީ ކޮބާ؟

---------------------------------------------------------------------------------------------------------------------

3. ސުކޫލުގައި ހިންގޭ އިތުރުހަރަކާތްތަކުގައި ބައިވެރިވުމުން ލިބޭނެ ދެފައިދާއަކީ ކޮބާ؟

--------------------------------------------------------------------------------------------------------------------

4. އެކި މީހުންގެ ކިބައިގައި ލައްވާފައިވާ އެކި ހުނަރުތަކުން އަންގައިދެނީ ކޮންކަމެއްތަ؟

---------------------------------------------------------------------------------------------------------------------

5. ދަރިވަރުންނަށް ދަށް ނަތީޖާ ލިބި މާޔޫސްވެފައިވާ ހާލުގައި ސުކޫލު ނިންމަންޖެހެނީ ކީއްވެތަ؟

---------------------------------------------------------------------------------------------------------------------

6. ސުކޫލުތަކުގައި ހިންގޭ އެކިއެކި ޕްރޮގުރާމުތަކުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ރަނގަޅު ފުރުސަތުތަކަކީ ކޮބާ؟ އަދި

އެކަމުގެ ފައިދާއަކީ ކޮބާ؟

---------------------------------------------------------------------------------------------------------------------

7. ގާލްގައިޑައި ސުކައުޓު ފަދަ ހަރަކާތްތަކުން ދރިވަރުންނަށް ކުރާ ދެފައިދާ އެއް ލިޔޭ!

No comments:

Post a Comment